ނުވަ މަޝްރޫއަކަށް އިންޑިއާ ސަރުކާރުން 85 މިލިއަން ރުފިޔާ ހަދިޔާކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ނުވަ ޕްރޮޖެކްޓަކަށް ބޭނުންވާ 85 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުން މިއަދު ރަމްޒީކޮށް ހަވާލުކޮށްފި އެވެ.


މިއީ އިންޑިއާގެ ކުރީގެ ފޮރިން މިނިސްޓަރު ޝުޝްމާ ސްވަރާޖް މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ސަރުކާރުން ދޭން އެއްބަސްވި 85 މިލިއަން ރުފިޔާ އެވެ. ހަމަ އެ ދަތުރުގައި، ރަށްރަށަށް އިޖުތިމާއީ އަދި އިގްތިސާދީ ފައިދާ ކުރާނެ މަޝްރޫއުތައް ކުރިއަށް ގެންދަން އިތުރު 106 މިލިއަން ރުފިިޔާ ދޭން ވެސް އެއްބަސްވެވަޑައިގަތެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އިންޑިއާގެ ސަރުކާރުން ދިން 85 މިލިއަން ރުފިޔާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ރަމްޒީ ޗެކް ހަވާލުކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު އެވެ.

ރާއްޖޭގައި ނުވަ މަޝްރޫއެއް ހިންގަން އިންޑިއާ އިން ދިން 85 މިލިއަން ރުފިޔާގެ ރަމްޒީ ޗެކާ އެކު، މިނިސްޓަރު ޝާހިދު މިއަދު ހަވާލުވެވަޑައިގަންނަވަނީ---ފޮޓޯ: ފޮރިން މިނިސްޓްރީ

މި ފައިސާގެ އެހީގައި ކުރިއަށް ގެންދަން ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި އައްޑޫގެ ފަސް އަވަށެއްގައި ޓޫރިޒަމް ޒޯން ތަރައްގީ ކުރުން ހިމެނެ އެވެ. ހިތަދު އާއި މަރަދު އާއި ފޭދު އާއި ހުޅުދޫ އަދި މީދޫގައި ޓޫރިޒަމް ޒޯންތައް ތަރައްގީ ކުރަން އެއްބަސްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ކުރިއަށް ގެންދިޔަ ވީޑިއޯ ކޮންފަރަންސެއްގަ އެވެ.

އައްޑޫގައި ތިން މަސް ޕްލާންޓު ހެދުމާއި ހއ. ހޯރަފުށީގައި ފެން ޕްލާންޓެއް ގާއިމްކުރުން ވެސް އިންޑިއާ އިން ދިން ފައިސާގެ އެހީގައި ކުރިއަށް ގެންދާ ނުވަ މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

ފޮރިން މިނިސްޓަރު މިނިސްޓަރު ޝާހިދު، މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މި މަޝްރޫއުތައް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އިންޑިއާގެ ސަރުކާރުން ދިން ފައިސާއާ ރަމްޒީކޮށް ހަވާލުވެވަޑައިގަތުމަކީ މި މަޝްރޫތަކުގެ އަމަލީ މަސައްކަތް އަވަހަށް ފަށަށް އިތުރު ހިތްވަރެއް ލިބޭނެ ކަމެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

"ކުރިއަށް އޮތް ހަފުތާތަކުގަ އާއި މަސްތަކުގެ ތެރޭގައި މި މަޝްރޫއުތަށް އަވަހަށް ފަށާނެ ކަމަށް އުންމީދު ކުރަން،" ޝާހިދު ވިދާޅުވި އެވެ.

މި މަޝްރޫއުތަކާ އެކު، އިޖުތިމާއީ ގޮތުން ގިނަ ފައިދާތައް ރަށްރަށަށް ކުރާނެ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ވީހާ ވެސް އަވަހަކަށް މި ކަމުގެ މަސައްކަތް ފެށުން މުހިއްމު ކަމަށެވެ. މިއީ ނިސްބަތުން ކުޑަ މަޝްރޫއުތަކެއް ނަމަވެސް މި ކަމާ ގުޅިިގެން އެ ރަށްރަށަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫއުތައް ހިންގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކަން ދެއްވާ ކަމެކެވެ. މި މަސައްކަތުގައި އިންޑިއާ ސަރުކާރުން ރާއްޖެ އަށް ވަމުން އަންނަ އެހީތެރިކަމަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ އެ އެހީގެ ދަށުން ގިނަ މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ބ. ފެހެންދޫ ދަރިވަރުން އެ އަތޮޅު ގޮއިދު އަށް ކިޔަވަން ދާން ބޭނުންވާ ފެރީ ލޯންޗެއް ވެސް އިންޑިއާ ސަރުކާރުން ދާދި ފަހުން ވަނީ ހަދިޔާކޮށްފަ އެވެ.