ހޮޓަލަކުން ހިދުމަތް ހޯދަނީ: އުސޫލާ ހިލާފުވެގެން މިއަދު 27 ތަނެއް ބަންދުކުރި.- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ޖުލައި 2020 - 23:56
ކޮވިޑް-19ގެ ސަބަބުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވެގެން މާލެ ސަރަހައްދުން 27 ތަނެއް މިއަދު ބަންދުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވިއިރު، މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުން އަށް ދިން ލުޔާ އެކު، ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެޗްޕީއޭގެ އުސޫލުތަކަށް ނުފެތޭ ތަންތަން ބަންދު ކުރާނެ ކަމަށް އެ އިދާރާ އިން އޮތީ ރޭ ބުނެފަ އެވެ.
"ރާއްޖެ ޓީވީ" ގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި މިނިސްޓަރު އަމީން މިރޭ ވިދާޅުވީ، މީގެ ކުރިން ވެސް ފިހާރަކާއި ކެފޭތަކާއި ސެލޫން ފަދަތައް އިންސްޕެކްޓްކުރި ކަމަށެވެ. މި މަހުގެ 12 ވަނަ ދުވަހު މާލޭގެ ހުރިހާ ތަނެއް އިންސްޕެކްޓްކޮށް، ކޮވިޑްގެ ގައިޑްލައިނާ އެއްގޮތަށް ހުރި ތަންތަން ބަލައި ރަނގަޅު ކުރަންވީ ކަންކަން ކިޔައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޕީއޭ އިން އޭރު ބުނިގޮތުގައި، ގިނަ ތަންތަނުން އަމަލުކުރަނީ އުސޫލާ ހިލާފަށެވެ.
އޭގެ ދެ ވަނަ އިންސްޕެކްޝަން މިއަދު ކުރިއަށް ގެންދިޔައިރު 52 ތަނެއް ބަލާފައިވާ ކަމަށާއި އޭގެ ތެރެއިން 27 ތަނެއް ބަންދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލެ އާއި މާލޭގައި މިއަދު ކުރިއަށް ގެންދިޔަ ބޮޑު އިންސްޕެކްޝަންގައި، މިފަހަރު ބަންދުކޮށްފައިވަނީ ކެއުމުގެ ހިދުމަތްދޭ 17 ތަނަކާއި ނުވަ ފިހާރައަކާއި ސެލޫނެކެވެ. އެ ހުރިހާ ތަނެއް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
އިންސްޕެކްޝަންގައި 'ބަންދު ނޯޓިސް' ދީފައިވާ ތަންތަނުން، ގައިޑްލައިނާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް ފަހު އަލުން އިންސްޕެކްޓް ކުރުމަށް 7285216 އަށް ގުޅަން އެޗްޕީއޭ އިން އެދެ އެވެ.
އަމީން މިރޭ ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމުގެ އުސޫލުތަކާ ހިލާފަށް ކަންކަން ހުންނަ ނަމަ އެ ބަލިން ސަލާމަތްވުމަށް ހުރި ފުރުސަތުތައް ހަނިވެދާނެ ކަމަށެވެ.
"ނުރައްކާތެރި ބައްޔެއް އިނގޭތޯ. ގަބޫލު ކުރައްވާ މިއީ ނުރައްކާތެރި ބައްޔެއް، ފަރުވާއެއް ނެތް ބައްޔެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާ އެކު، "ނިއު ނޯމަލް" ގެ ހާއްސަ އުސޫލުތަކެއް އެޗްޕީއޭ އިން ކަނޑައަޅާފައިވެ އެވެ. އެގޮތުން ކެފޭ/ރެސްޓޯރަންޓުތަކުގައި މީހުން ތިބެން ޖެހޭނެ ގޮތާއި ފިހާރަތަކަށް ގިނަ ވެގެން ވަދެވޭނެ މީހުންގެ އަދަދުތައް ފަދަ ބައެއް އުސޫލުތައް ކަނޑައަޅައި އެ ތަންތަނުން އަމަލުކުރަން ޖެހޭނެ ގޮތްތައް އެޗްޕީއޭ އިން އާންމުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައިސޫރި
30 July 2020
ބަންދުކުރުމައްފަހު ހުޅުވަންހުއްދަ ދޭއިރު ކުޑަނަމަވެސް ޖުރިމަނާއަކާއެކު ހުއްދަދިނުންރަނގަޅުކަމައްފެނޭ
ައަހުމަދު
30 July 2020
ޤަވާއިދާއި ޙިލާފް ވާތަންތަން ބަންދުކުރުން ރަނަގަޅު ، ސުވާލަކި ބަންގާޅިން މިހިންގާ ކެފޭތަކައި ފިހާރަތަކާއި މާރުކޭޓް ތައް ހިނަގަނީ އެޗް.ޕީ.އޭ ޤަވާއިދާ އެއްގޮތައްހޭ؟ ހުރިހާވެސް މައްސަލައަކީ މިޤައުމު މިފަދަ މުވައްސަސާތަކުގެ ކޮރަޕްޝަން އިނތިހާއަށް ، ގިނަމުއަށްސަސާތައް ވަނީ ކޮރަޕްޗަންގެ ހާއްޔަކަށްވެފައި ދެން ކޮންކަހަލަ ހަމަތަކެއްތޯ އޮންނާނީ.
އޮނަރަބްލް އަފީފު ދީދީ
30 July 2020
މާލެތެރޭގައި އެއްވެސް ބަންދު ކަމެއްނެތި ހާމައަށް ހުންނަ ތަންތަނުގައި ރޯމޭވާއާއި ތަރުކާރީ ވިއްކަނީ ކޮންއުސޫލަކުންތޯ؟ # މިތަންތަނުގެސަބަބުން އެތަނުގެތެރޭގައި މީދާ އާލާވެ ސަރަހައްދުގެމީހުނަށް އެތައްއުދަގޫތަކާއި ދިމާވުމުގެއިތުރަށް މޭވާއާއި ތަރުކާރީހުންނަނީ ބުޅަލާއި މީދަލަށް ފަސޭހައިންވަދެ ނިކުމެވޭގޮތަށް އެއްވެސް ރައްކާތެރިކަމެއްނެތްގޮތަށް ބަހައްޓާފަ. # މުދާވިއްކާން ތިބޭމީހުން ދަލުންތައްތެޅި ގައިން ނުބައިވަސްދުވާއިރު މޭވާތަކަށް ޖަހާ ފެނަކީ ރައްކާތެރި އެއްޗެއްނޫން.
ބޯގޯސް އަފީފް ދީދީ
30 July 2020
އޭ ކަލޭ ގެ ނަމު ގެ ކުރިޔަށް އޮނަރަބަލް ކިޔަސް ބޭފުޅުން ކުރާ ކަންތަކާ ނުބެހޭތި. އެޗްޕީއޭ ގެ ބޮޑުމީހާ އެކްސްކިޔުޒްމީ ކިޔާފައި ފަށާނެ.
އިޙްސާސް
30 July 2020
ތިގޮތަށް ބަންދުކުރަންވީ ތަންތަން: މާލޭ މަސްމާރުކޭޓު، މާލޭ ބާޒާރުމަތީގަ ހުރި ފިހާރަތައް. ޓޭކްއަވޭ ހިދުމަތް ދޭ ތަންތަން ވެސް ހިމަނުއްވާ.
ގައުމޫ
30 July 2020
ބަރާބަރު. ސަތޭކަ ލިބޭނެ މިހާރު!
މޮހޮދް
30 July 2020
މީގައި ފަރުދީ ޒިންމާ ވަރަށް ބޮޑު. ދިރިއުޅުމުގެ އާދަތައް ބަދަލު ކުރަންޖެހޭ. އެކަން މުޖުތަމައުގެ ތެރެއިން ނުފެނޭ. ވިލިމާލެ، ހުޅުމާލެ ބީޗްތައް ފުރޭ، ކެފޭތައް ފުރޭ، ސޯޝަލް ޑިސްޓެންޓިންއަށް އެހާ ސަމާލުކަން ދޭތަނެއް ނުފެނޭ. ކަންމަތީ ފިހާރަތަކުގައިވެސް ގައި ދުރުކަން ހޭންޑް ސެނެޓައިޒް ކުރުން ފަދަ ކަންކަން ރަނގަޅަށް ނުކުރޭ. ދެން ބަންދު ކުރީމަ ބަންދު ކުރި ވާހަކަ ދައްކާނީ. ޖޫރިމަނާ ކުރީމާ އެކަމުގައިވެސް އެންމެ ފަހުން ގޯސްވީ ފުލުސް މީހާ.
ގެދަބުޅި
30 July 2020
ފަރުދީ ޒިންމާ އޭ ނުކިޔާ ތިމާގެ ޒިންމާ ކިޔަންވީނު؟ ފަަަހަރުގައި ރެޔަކާލާވަރު އިތުރުވެދާނެ ތޯއްޗެއް
ސަމަރަބުލޫ
30 July 2020
ފަހަރެއްގައި ބަޔަކަށް އިހުސާސު ނުވެދާނެ ފާއިތުވި 6 މަސް ދުވަހު ކިހާ ބުރަ މަސައްކަތެއް ކޮށްގެންކަން ރާއްޖެ މިހާ ހިސާބަށް ގެނެވުނީ. އެތަށް ލައްކަ މީހުން ޕޮޒިޓިވްވެ މަރުވާނެ ކަމަށް ލަފާކުރަމުން ދިޔަ މަންޒަރެއް ބަދަލު ކުރެވުނީ ރޯދަމަސްވެސް ހިމެނޭ ގޮތަށް ރެއާ ދުވާލު ބަޔަކު ގުދާރު ބިންދައިގެން ކުރި މަސައްކަތުން. އެވަރު ކޮށްދީފައި ގައިޑްލައިންތަށް ހަދާދީފައި ލުއިތަށް ދިނީމަވެސް ބުނާ އެއްވެސް ގޮތެއް ނެހެދޭ. މިއީ ހައްގު މިންވަރުތޯ؟ ހެޔޮނުވާނެ، އެހެން ނަހަދާ.
ބާބާ
30 July 2020
މާ ގިރި ހޮޓަލުން ފެނުނޭ ތިކުރި ކަންކަން. ލޮކްޑާއުން ކުރުން ފިޔަވައި ކުރިކަމެއްނެތް. ލޮކްޑައުން ބެލެހެއްޓީ ސިފައިންނާއި ފުލުހުން.
ހޫރުލް
30 July 2020
ސާބަހޭ. ފިޔަވަޅު އަޅާފައި ބަހައްޓާ. މިނިސްޓަރު ތިޔަ ވިދާޅުވިހެން މިއީ ސަމާސާ ބައްޔެއް ނޫން. ފަރުވާއެއް ހޯދިފައި ނުވާއިރު ކޮންމެ ދުވަހަކު މިދަނީ އެތައް ބަޔަކު ޕޮޒިޓިވްވަމުން، މަރުވަމުން. މިކަމުގެ ސީރިއަސްކަން ނުވިސްނޭ މީހުންނަށް ދަނޑިބުރީގެ ކޮޅު ދައްކައިގެން ވިޔަސް އަންގަދޭން އެބަ ޖެހޭ މިއީ ކިހާ ވަރެއްގެ ކަމެއްކަން. އެެހެންނޫނީ އެތައް ބައެއްގެ ފުރާނަ.
އެލްމާ
30 July 2020
ކަރަންކާ މަގުގަ މިހިރަ ބޮޑު ހޮޓާ ހީވަނީ ހަމަ މާރުކޭޓެއްހެން.
އާރީ
30 July 2020
ރާއްޖެޓީވީ ފުރޮގުރާމްގަ މިނިސްޓަރ ވަރަށް ރުންކުރު ޖަވާބުތަކެއް ދިންކަން ފާހަގަކުރެވޭ. ފުރެޒެންޓަރުން ސުވާލު ކުރާނި އަބަދު މިނިސްޓަރ ހިތްރުހޭ ކަހަލަ ސުވާލު ތަކެއް ނޫންކަށް ފުރޮގުރާމަށް އަށްނައިރު އިގެންވާނެ.