ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔަ ތަނެއް ސާފުކޮށްދޭން އެދިއްޖެ

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔަތަނެއް ސާފުކޮށްދިނުމަށް، އެ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން އެދިއްޖެ އެވެ.


ފުލުހަށާއި އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީގައި ޕީއައިއެލްސީން ބުނެފައި ވަނީ، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ގެއްލުމުގެ ބަދަލު ހޯދަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، އެ ބިދޭސީންނަށް ވީނުވީއެއް ނޭނގުމަކީ މައްސަލައަށް އަސަރުކުރާނެ ކަމެއް ކަމަށެވެ. އެހެންވެ އެ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން އެކަން އަންގައިދިނުމަށް ޕީއައިއެލްސީން އެދެ އެވެ.

ބިދޭސީން ބޮޑުފިނޮޅުން ބާލުވައިގެން ގެންދާކަމުގެ މައުލޫމާތު ލިބުމުން، އެ ޖަމިއްޔާ އިން ވަނީ އެމީހުން ގެންދާތަނުގެ މައުލޫމާތު ސާފުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ. އޭގެ ފަހުން އިމިގްރޭޝަނަށް ވެސް ހުށަހެޅި އެވެ. އެކަމަކު އެއްވެސް ތަނަކުން ޖަވާބެއް ނުދޭ ކަމަށް، މަދަނީ މިފަދަ މައްސަލަތަކުގައި ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާ އިން ބުންޏެވެ.

އެ ބިދޭސީން އިކޮނޮމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިިބިފައިވާ ކަމަށާއި އެކަން ވެސް އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައިނުވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

"ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ މަދަނީ މައްސަލައިގައި ދައުލަތުގެ އިދާރާތަކުގައި އެ ފަރާތްތައް ތަމްސީލުކުރުމަށް މި ޖަމިއްޔާ އަށް އެ ފަރާތުން ވަނީ ޕަވާ އޮފް އެޓާނީ ދެއްވައިފަ އެވެ. ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ގެންދާ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން މި ޖަމިއްޔާ އިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، އެ ބިދޭސީ މަސައްކަތްތެރިންނާ މެދު އަމަލުކުރެވޭ ގޮތަކުން ނުވަތަ އެޅޭ ފިޔަވަޅެއްގެ ސަބަބުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އަށް އަސަރުކުރާނެތީވެ، ތިޔަ މިނިސްޓްރީން އެ ބިދޭސީ މަސައްކަތްތެރިންނާ މެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން ނުވަތަ ބިދޭސީ މަސައްކަތްތެރިން އެ ފަރާތްތަކުގެ ގައުމަށް ފޮނުވާލުން ފަދަ އެއްވެސް ކަމެއް ކުރާނަމަ، އެފަދަ ކަމެެއް ކުރުމުގެ ކުރިން އެ މައުލޫމާތު މި ޖަމިއްޔާ އަށް ހިއްސާކޮށްދެއްވުން އެދެމެވެ،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ފޮނުއްވި ސިޓީގައިވެ އެވެ.

ބިދޭސީން ބޮޑުފިނޮޅުން ފޮނުވާލުމުގެ ކުރިން، ޒަރޫރީ ބޭނުމެއްގައި މިދިޔަ ހަފުތާގައި އެ ރަށުން ފޭބި ހަތަރު ބިދޭސީއަކު ވެސް އަނބުރާ އެ ރަށަށް ނާރުވާ ކަމަށާއި އެ މީހުން ވީ ތަނެއް ވެސް ނޭނގޭ ކަމަށް ބުންޏެވެ. އެހެންވެ ދެން ބާކީ ތިބޭނީ 174 މީހުންނެވެ.

މިހާރު"އަށް އެނގިފައިވާ ގޮތުގައި ބޮޑުފިނޮޅުގައި ތިބި ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށުން އެ ރަށުން އިއްޔެ ބޭލީ ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ހާލުގައި ޖެހިފައި ތިބޭތާ ދެ ދުވަސް ފަހުންނެވެ. ބިދޭސީންނަށް ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުނީ ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީކުރަމުން އަންނަ ސީލް މޯލްޑިވްސްގެ އެންމެން ރަށް ދޫކޮށް ދިއުމުން އެ ހިދުމަތްތައް މެނޭޖްކުރާނެ ބަޔަކު ނެތުމުންނެވެ.

އެކަމަކު އެމީހުން ފުރުވާލިއިރު ސީލް މޯލްޑިވްސް އިން ވަނީ ރަށަށް ކަރަންޓާއި ފެނުގެ ހިދުމަތް އަލުން ދީފަ އެވެ. ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑުނީ ފެން ޕްލާންޓާއި ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ދިމާވާތީ ހައްލުކުރަން އެދުމުން އެ ހުއްދަ ނުލިބި ލަސްވި ކަމަށް ސީލްގެ ވަކީލުން ވިދާޅުވި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބާ ގޮތަށް ބިދޭސީން މާލެ ގެނައުމުގެ ދަތުރުވެސް ހަމަޖެއްސީ، އެނގިފައިވާ ގޮތުގައި ސީލް މޯލްޑިވްސް އިންނެވެ. ހިދުމަތްތައް އަލުން ދޭން ފެށީ ބިދޭސީން ރަށުން ބާލަން ފުލުހުން އެއްބަސްވުމުންނެވެ.

ދައުލަތުން ބިދޭސީންނާ މި ހަވާލުވީ ވެރިކަން ކުރާ އެމްޑީޕީގެ މަޖިސް މެމްބަރު އަލީ ރިޒާގެ ކުންފުނިން އެއްވެސް ބިދޭސީއަކާ ހަވާލުނުވާނެ ކަމަށް ބުނެފައި ވަނިކޮށެވެ. ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަކީ، ސީލް މޯލްޑިވްސް އިން ބުނާ ގޮތުގައި އެ ރަށް ތަރައްގީކުރަން ހަވާލުކުރި ރިޒް ކުންފުނިން ގެންދިޔަ މީހުންނެވެ. އެކަމަކު ރިޒް ކުންފުނިން ބުނެފައިވަނީ އެއީ ކޮން ބައެއްކަން އެނގޭނެ ލިޔެކިޔުމެއް ވެސް ނެތް ކަމަށާއި އެ ރަށުގައި ތިބީ ރިޒްގެ 14 ބިދޭސީ މުވައްޒަފުން ކަމަށެވެ.

ބޮޑުފިނޮޅުގެ ބައެއް މަސަައްކަތްތަކާ ހަވާލުވެ، ރިޒް ކުންފުނިން ބޮޑުފިނޮޅަށް ގެންދިޔަ މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އެ މީހުން ވަނީ އެރަށުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި، އެރަށުގައި ތިބި ދިވެހިން ރަށުން ފޭބިޔަ ނުދީ ހިފަހައްޓައިފަ އެވެ. އެ މައްސަލަ ހައްލުކުރަން އެރަށަށް ފުރަތަމަ ދިޔަ ފުލުހުންނަށް ވެސް ބިދޭސީން ހަމަލާދިނެވެ. ފުލުހުން ފަހުން އެރަށަށް އެރީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުގެ އޮފިޝަލުންނާއި ރެޑްކްރެސެންޓުގެ އޮފިޝަލުންނާ އެކުގަ އެވެ.

އެ މައްސަލައިގައި ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއްކޮށް ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.