ޓްރާންސްޕޯޓް އޮތޯރިޓީ ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުކުރަނީ

ޓްރާންސްޕޯޓް އޮތޯރިޓީ، ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުކުރަން ނިންމައިފި އެވެ.


ޓްރާންސްޕޯޓް އޮތޯރިޓީން ބުނި ގޮތުގައި ކުރީގެ ސްޓާ ސިނަމާ ހިންގި މ. ޗަނބޭލީވިިލާގެ ފުރަތަމަ ފަންގިފިލާގައި އެ އިދާރާގައި ހިންގަން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ މިހާތަނަށް ހިންގަމުން ދިޔައީ ހުރަވީ ބިލްޑިންގައި ކަމަށް ވިޔަސް، އެ އިމާރާތަށް ގިނަ ދުވަސްވެ، ބާވުމުގެ ސަބަބުން އެ އިމާރާތް ތަޅާލަން ސަރުކާރުން އޮތީ ނިންމައިފަ އެވެ. އެކަމަކު އެތަނުގައި ހިންގާ އޮފީސްތައް ބަދަލުކުރާނެ އެހެން އިމާރާތްތައް ނުލިބިގެން އެ މަސައްކަތް އޮތީ މަޑުޖެހިފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ވެެސް ހިންގަމުން ދަނީ ހުރަވީ ބިލްޑިންގަ އެވެ.

ކުރީގެ ސްޓާ ސިނަމާ އިމާރާތް. -- ފޮޓޯ: މިހާރު

މަޖީދީމަގުގެ ހުޅަނގުން މަގަށް އިންވާ ގޮތަށް ހުރި ސްޓާ ސިނަމާ އިމާރާތް ތަޅާލައި އެތަން ހަދަން ފެށީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. މަލްޓި ޕާޕަސް އިމާރާތެއްގެ ގޮތުގައި، 4،000 އަކަފޫޓުގެ ބިމުގައި 15 ބުރީގެ އިމާރާތެއް އަޅަން ފެށި އިރު އެތަނަށް 100 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ތަނުގެ ވެރި ފަރާތުން ބުނެފައިވެ އެވެ. އިމާރާތުގެ ބައެއް ބައިތައް ބޭނުންކުރަން ފެށި ނަމަވެސް އަދި މުޅި އިމާރާތުގެ މަސައްކަތް ފުރިހަމައެއް ނުވެ އެވެ.

ސްޓާ ސިނަމާ އަކީ 1982 ވަނަ އަހަރު ހުޅުވައި އެ ދުވަސްވަރުގެ މަޝްހޫރު ފިލްމުތައް ދެއްކި، މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅުން ހުރި ހާއްސަ ތާރީހެއް އޮތް ތަނެކެވެ.