ސުޕްރީމް ކޯޓަށް ގާޒީ އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް އައްޔަން ކުރަން ލަފަޔަށް އެދެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިންނާއި ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރުމާމެދު ލަފައެއް ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފޮނުއްވައިފި އެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ ފަސް ބޭފުޅެކެވެ. މަދުވާ ދެ ފަނޑިޔާރުން އައްޔަން ނުކޮށް އޮންނަތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ.

ގާޒީ އަލީ ރަޝީދަކީ ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ އެވެ. އަދި ކްރިމިނަލް ކޯޓަށް ބަދަލުކޮށްފައި ވަނިކޮށް އެ ކޯޓުގައި ހިންގި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ހިންގި ފަސް ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތުގައި ވެސް އިންނެވި އެވެ. ޑރ. މުހައްމަދު އިބްރާހިމް މަސައްކަތް ކުރައްވަމުން އައީ ޕްރިމިއާ ޗެމްބާސް ލޯ ފާމުގަ އެވެ. މި ދެ ބޭފުޅުންނަކީ ވެސް ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ.

ގާޒީ އަލީ ރަޝީދަކީ އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން އެންމެ ފުރަތަމަ މަރުގެ ހުކުމެއް އިއްވެވި ގާޒީ އެވެ. ދެހާސް ދިހަ ވަނަ އަހަރު އިއްވެވި އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ކުރި އެވެ. އަދި އޭނާ އަކީ ޖިނާއީ މައްސަލައެއްގެ ދައުވާގެ ސިފަ ބަދަލުކޮށް ފުރަތަމަ މައްސައެއް ނިންމެވި ގާޒީ އެވެ.

ގާނޫނީ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. މުހައްމަދު އިބްރާހިމް، ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ އަކީ މަޝްހޫރު ލޯ ފާމް، "ޕްރިމިއާ ޗެމްބާސް" ގެ ހިއްސާދާރެކެވެ. ހޯމް މިނިސްޓްރީގެ ލީގަލް އެފެއާޒްގެ ޑިރެކްޓަރުކަން ވެސް ކުރައްވާފައިވެ އެވެ.

ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ޖޭއެސްސީން ވަނީ ހުޅުވަލައިލައިފަ އެވެ. ޝަރުތު ހަމަވާ ބޭފުޅުން މިމަހުގެ 16 ގެ ކުރިން ޖޭއެސްސީއަށް މެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކޮމިޝަނުން އެދެ އެވެ. ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް މަޖިލީހުންނެވެ.

ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ނަން ރައީސް ހުށަހެޅުއްވުމުން، ޖޭއެސްސީން ވަނީ އެ ދެ ބޭފުޅުން ވެސް ސުޕްރީމް ކޯޓަށް އައްޔަންކުރަން ނުފެންނަ ކަމަށް މީގެ ކުރިން ލަފާ ދީފަ އެވެ.

ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވި ހުރިހާ ފަނޑިޔާރުން ވަކިކޮށް މިހާރު ވަނީ އަލަށް ފަނޑިޔާރުން އައްޔަންކޮށްފަ އެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.