ކޯލިޝަން ސަރުކާރެއްގައި ކުދި ޕާޓީތަކަށް ވަޒީރުކަމުގެ ފުރުސަތު ގެއްލޭ އިސްލާހެއް ހުށަހަޅައިފި

ކޯލިޝަން ސަރުކާރެއްގައި ކުދި ޕާޓީތަކަށް ފުރުސަތު ގެއްލޭ އިސްލާހެއް އެމްޑީޕީގެ އަސާސީ ގަވައިދަށް ގެންނަން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހަޅުއްވައިފި އެވެ.


މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރު ބޮންޑޭގެ އިސްލާހުގައި ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓެއްގެ ވެރިކަމުގައި އެކުލަވައިލާ ކޯލިޝަން ސަރުކާރެއްގެ ވަޒީރަކު، ކޮރަޕްޝަނާއި ޖިންސީ ފުރައްސާރަ އަދި އެ ނޫން ތުހުމަތެއްގައި ވެސް މަގާމުން ވަކިކޮށްފި ނަމަ އެ ސްލޮޓް އެ ޕާޓީއަކަށް ގެއްލޭނެ ކަމަށެވެ.

އެ އިސްލާހުގައިވާ ގޮތުން ނަމަ، އެ ހާލަތުގައި ކެބިނެޓުން ހުސްވާ މަގާމަށް އައްޔަން ކުރަން ވާނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މަދުވެގެން 50،000 މެމްބަރުން ހަމަވާ ޕާޓީއެއްގެ މެމްބަރެކެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި މިހާރު ތިބި ހަތަރު ޕާޓީގެ ތެރެއިން އެހާ ވަރަށް މެމްބަރުންގެ އަދަދު ހަމަވަނީ އެމްޑީޕީގެ އެކަންޏެވެ. ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމަށް ބަލާއިރު އެންމެ ގިނަވެގެން 10،000 މެމްބަރުން ހަމަވަނީ ވެސް ޖުމްހޫރީ ޕާޓީގަ އެވެ.

އެމްޑީޕީގެ މެމްބަރުންގެ އަދަދު 54،000 އަށް ވުރެ ގިނަ އެވެ.

"އަޅުގަނޑުމެން ބުނީ ބޯހިޔާވަހިކަމާއި ގެދޮރު ނެތް މީހުންގެ އަދަދު ގެނެސްދޭށޭ. އެކަމަކު ހައުސިން މިނިސްޓަރުކަމުގައި [އާތިފާ] ދޮޅު އަހަރު ވީއިރު ވެސް އެކަމެއް އަޅުގަނޑުމެންނަށް ކޮށެއް ނުދެވުނު. އެ އަދަދެއް އަޅުގަނޑުމެންނާ ހަމައަކަށް ނައި."---ބޮންޑޭ

އެމްޑީޕީގެ އަސާސީ ގަވައިދަށް ބޮންޑޭގެ އިސްލާހު ގެނެސްފި ނަމަ މި ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުގެ ސްލޮޓުގައި ވަޒީރުކަމަށް ގެނެސްފައިވާ ބޭފުޅެއްގެ މަގާމު ހުސްވެއްޖެ ނަމަ އެ ސްލޮޓު ފުރުމުގެ ފުރުސަތު ލިބޭނީ އެމްޑީޕީ އަށް އެކަންޏެވެ.

ބޮންޑޭގެ މި އިސްލާހު ހުށަހެޅުއްވިއިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވި އަލީ ވަހީދަށް ކުރި ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން އޭނާ ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ. އަލީ ވަހީދުގެ ބަދަލުގައި އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވީ ޖޭޕީގެ ސްލޮޓުގައި ސަރުކާރުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމެވެ. މައުސޫމްގެ އިތުރުން ކޯލިޝަންގެ އެހެން ދެ ޕާޓީއަށް ލިބުނު ސްލޮޓްތަކެއްގައި ވަޒީރުކަމަށް އައްޔަން ކުރައްވާފައިވާ ދެ ބޭފުޅަކު ތަފާތު ސަބަބުތަކާ ގުޅިގެން މީގެ ކުރިން އިސްތިއުފާ ދެއްވާފައިވެ އެވެ. އެއީ އަދާލަތު ޕާޓީ އަށް ދިން ސްލޮޓެއްގައި ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓުގައި ހައުސިން މިނިސްޓަރުކަން އަދާކުރެއްވި އައިމިނަތު އާތިފާ އެވެ.

އެ ދެ މަގާމުގެ ތެރެއިން ޖެންޑާ މިނިސްޓަރުކަން ދެއްވީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ އާއިޝަތު މުހައްމަދު ދީދީ އަށެވެ. ހައުސިން މިނިސްޓްރީއަށް ވަޒީރަކު ލެއްވުމުގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ހައުސިން އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލައްވާށެވެ. އެހެންކަމުން އެމްއާރުއެމްއަށް ވަޒީރުކަމުގެ ސްލޮޓެއް ވަނީ ގެއްލިފަ އެވެ.

ބޮންޑޭ ބޭނުންވަނީ ބޮޑެތި ޕާޓީތަކުގެ ބައިވެރިވުން ބޮޑުކުރަން

ކޯލިޝަން ސަރުކާރެއްގައި ކުދި ޕާޓީތަކަށް ވަޒީރުކަމުގެ ފުރުސަތު ގެއްލޭ އިސްލާހު އެމްޑީޕީގެ އަސާސީ ގަވައިދަށް ގެންނަން ބޮންޑޭ ހުށަހެޅުއްވި ނަމަވެސް އެއާ މެދު ގޮތެއް ނިންމާނީ އެ ޕާޓީގެ ކޮންގްރެސްގަ އެވެ. ކޮންގްރެސް ބާއްވާނެ ތާރީޚެއް އަދި ކަނޑައެއް ނާޅަ އެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި އޭނާގެ މައިގަނޑު އެއް މަގުސަދަކީ މަދު މެމްބަރުން ހިމެނޭ ޕާޓީތަކުގެ ބަދަލުގައި ގިނަ މީހުންގެ ބައިވެރިވުން އޮތް ޕާޓީތައް ސަރުކާރު ތެރޭގައި އިތުރު ކުރުމެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ ޑިމޮކްރެސީ ހަރުދަނާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މިވާ ގޮތަކީ ނަތީޖާއެއް ނުނެރެވޭ. ރަނގަޅަށް މަސައްކަތް ކުރާ މީހުން މި ތިބީ ދުރުގައި. ވަޒީރުކަމުގެ މަގާމު ހުސްވީމާ އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބޭފުޅަކު އައްޔަން ކުރެއްވުމުގެ ފުރުސަތެއް ނެތް. ރައީސުލްޖުމްހޫރިއްޔާ މި ހުންނަވަނީ ޕާޓީއަކުން ފޮނުވާ ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ޕޯސްޓުމަނެއްގެ ދައުރު އަދާކުރަން އެކަނި. އަޅުގަނޑުގެ ވާހަކައަކީ ވަޒީރުކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަން ވާނެއޭ،" އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި، ވެރިކަން ހިންގަން ބޭނުންވަނީ ރިޔާސީ ނިޒާމެއް ނުވަތަ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށް ވާ ނަމަ އެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފަން ޖެހޭނެ އެވެ. ރިޔާސީ ނިޒާމެއްގެ ސިފަތަކާ އެކު ވެރިކަން ހިންގުމުގެ ބާރު ރައީސަށް އޮންނަން ވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި މި ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުގެ އިސްވެރިން ނޮވެމްބަރު 2018 ގައި ޖެން ހޮޓަލުގައި ބޭއްވި ބައްދަލުވުމަކަށް ފަހު މީޑިއާ ބްރީފިންއަކަށް ހުއްޓިވަޑައިގެން.---ފައިލް ފޮޓޯ: މިހާރު

ބޮންޑޭގެ އިސްލާހު ފާސްވެއްޖެ ނަމަ ކޯލިޝަނަކުން ވެރިކަން ހިންގުމުގެ ފުރުސަތު ގެއްލި، ހުސްވާ ވަޒީރުކަމުގެ މަގާމުތައް ދެން ލިބޭނީ އެމްޑީޕީ އަށް އެކަނި ނޫންތޯ އެހުމުން ބޮންޑޭ ވިދާޅުވީ، މިހާރު ކޯލިޝަނެއް ނެތް ކަމަށެވެ. އަދި ކުރިމަގުގައި ވެސް ދެން ކޯލިޝަނަކުން ވެރިކަން ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"ކޯލިޝަންގެ ތެރޭގައި މިހާރު އޮތީ ކޮރަޕްޝަނާއި ފަސާދަ. ރަނގަޅަކަށް ވެރިކަމެއް ނުކުރެވޭ. ހުރިހާ ޒިންމާއެއް ނަގަން ޖެހެނީ ރައްޔިތުން ބުނާ ގޮތުގައި އެމްޑީޕީ. އެއީ 65 މެމްބަރުންނާއި ހުރިހާ ބާރެއް އެމްޑީޕީ އަށް ދީގެން މި ތިބީ. އެހެންވީމާ އެހެން ބުނެވޭނެ ނޫންތޯ،" ކޯލިޝަން ސަރުކާރެއް ކަމުނުދާކަން ދައްކަވަމުން ބޮންޑޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބުނީ ބޯހިޔާވަހިކަމާއި ގެދޮރު ނެތް މީހުންގެ އަދަދު ގެނެސްދޭށޭ. އެކަމަކު ހައުސިން މިނިސްޓަރުކަމުގައި [އާތިފާ] ދޮޅު އަހަރު ވީއިރު ވެސް އެކަމެއް އަޅުގަނޑުމެންނަށް ކޮށެއް ނުދެވުނު. އެ އަދަދެއް އަޅުގަނޑުމެންނާ ހަމައަކަށް ނައި."

އިސްލާހުގައިވާ ގޮތުން ނަމަ، އެ ހާލަތުގައި ކެބިނެޓުން ހުސްވާ މަގާމަށް އައްޔަން ކުރަން ވާނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މަދުވެގެން 50،000 މެމްބަރުން ހަމަވާ ޕާޓީއެއްގެ މެމްބަރެކެވެ.

ބޮންޑޭ ވިދާޅުވީ ކެބިނެޓުން ހުސްވާ މަގާމަށް އައްޔަން ކުރަން ވާނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މަދުވެގެން 50،000 މެމްބަރުން ހަމަވާ ޕާޓީއެއްގެ މެމްބަރެއް ކަމަށް ހަމަޖެއްސުމުން ކޮންމެ ޕާޓީއަކުން ވެސް މެމްބަރުން އިތުރު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

"މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން ވެރިކަމަށް އައިސް އެއާ ދުރަށް ނުދާ ގޮތަށް ކަންކަން ފަހިކުރަން އަޅުގަނޑު ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.