އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިއްޖެ އެވެ.


އިރު އޮއްސުނު ވަގުތު ހިނގި މި ހާދިސާއާ ބެހޭ ގޮތުން އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ބުނީ އަލިފާނުގެ ހާދިސާ ހިނގީ 6:15 އެހާއިރު، ތެޔޮ ރައްކާކުރާ ސަރަހައްދުގައި ކަމަށެވެ. އަލިފާން ރޯވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެއާޕޯޓްގެ ފަޔަ ޓީމުން އަލިފާން ނިއްވާލި ކަމަށް ވެސް ޓްވީޓްގައިވެ އެވެ.

"މި ހާދިސާގައި ކުންފުނީގެ މުވައްޒަފަކަށް ވަނީ އަނިޔާވެފައި. ސޭފްޓީ ޑިޕާޓްމަންޓުން ވަނީ މި ހާދިސާ ހިނގި ގޮތުގެ އިންޓާނަލް އިންވެސްޓިގޭޝަނެއް މިހާރު ފަށާފައި،" ޓްވީޓްގައިވެ އެވެ.

އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާއާ ބެހޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.