މިއީ ރާއްޖެ- އިންޑިޔާ ގުޅުމުގައި ފާހަގަކޮށްލެވޭ ދުވަަހެއް: ރައީސް

އިންޑިއާއިން މިއަދު ރާއްޖެއަށް ދޭން ނިންމި ބޮޑެތި އެހީތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފި އެވެ.


އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު ފޯނުން ބޭއްވި ބައްދަލުވުމެއްގައި އެ ގައުމުން ވަނީ ރާއްޖެއަށް ބޮޑެތި މާލީ އެހީތަކެއް ދޭން ނިންމައިފަ އެވެ. އެ ގައުމުން ރާއްޖެއަށް ޖުމްލަ 750 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައި ވެއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ފާހަގަކޮށްލެވޭ ދުވަހެއް ކަމަށެވެ. އެގޮތުން ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން ޑޮލަރު އަދި މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން 500 މިލިއަން ޑޮލަރުގެ އެހީ އިންޑިއާއިން ދީފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިއާގެ އެންމެނަށް ވެސް ދީލަތިކަމާއި ބަހައްޓާ ގާތް އެކުވެރިކަމަށް ޝުކުރުއަދާކުރައްވާފަ އެވެ.

ރައީސް ގެ ޓުވީޓު

ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަންނަން، ބަޖެޓު ސަޕޯޓުގެ ގޮތުގައި ރާއްޖެ އަށް 250 މިލިއަންގެ ލޯނެއް ދޭން ނިންމާފައިވާއިރު އެއީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 1.75 ޕަސެންޓްގެ އިންޓަރެސްޓާ އެކު 20 އަހަރުން ދައްކާ ގޮތަށް ދޭ ލޯނެކެވެ. އަދި ބްރިޖް މަޝްރޫއަށް ދިން 500 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ ފައިސާ އަކީ ލޯނެކެވެ.

މި އެހީގެ އިތުރަށް ވެސް އިންޑިއާއިން ރާއްޖެއަށް ދޭ ކްރެޑިޓްލައިނެއްގެ ދަށުން ބޮޑު ހަތް މަޝްރޫއެއް ކުރިއަށްގެންދަން ނިންމާފައި ވެއެވެ. މި ކްރެޑިޓްލައިންދޭން ނިންމައި އިއުލާންކޮށްފައި ވަނީ 2018 ވަނަ އަހަރު އެވެ.