މިއީ އިންޑިއާ ކަނޑުގެ ފުންމިންހުރި ގުޅުމެއް: މޯދީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުމަކީ އިންޑިއާ ކަނޑުގެ ފުންމިން ހުރި ގުޅުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެ އެވެ.


އިންޑިއާއިން ރާއްޖެ އަށް ބޮޑެތި މާލީ އެހީތަކެއް ދިނުމަށް ނިންމައި އެކަން އިއުލާންކުރުމާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓަށް ޖަވާބުދެއްވަމުން މޯދީ ވިދާޅުވީ ކޮވިޑް-19ގައި ކުރިމަތިވި އިގްތިސޯދީ އަޑިގަނޑުން އަރައިގަތުމަށް އިންޑިއާގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ މި ގުޅުމުގައި އިންޑިއާ ކަނޑުގެ ފުންމިން އެބަހުރި ކަމަށާއި މި ގުޅުން އަބަދު ވެސް ދެމިއޮންނާނެ ކަމަށެވެ.

ރާއްޖެއިން އެކި ގައުމުތަކާ ބާއްވާ ބައިނަލްއަގުވާމީ ގުޅުންތައް ރަނގަޅު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ސަރުކާރުން މިހާތަނަށް އެންމެ ގާތް ގުޅުމެއް ބާއްވާތަން ފެންނަނީ އިންޑިއާއާ އެވެ. ނަމަވެސް އެހެން ގައުމުތަކާ އޮންނަ ގުޅުން ވެސް ވަރުގަދަ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

މި ސަރުކާރުން ކުރަން ކަނޑައަޅާފައިވާ އެންމެ ބޮޑެތި މަޝްރޫތަކަށް ވެސް އިންޑިއާގެ ބޮޑެތި އެހީތަކެއް ލިބިފައިވާއިރު، ކޮވިޑްގެ މި ހާލަތުގައި ވެސް އެންމެ ގާތުން އެހީވެެދީފައި ވަނީ އިންޑިއާއިންނެވެ. އެގޮތުން ލޮކްޑައުން ހާލަތުގައި ވެސް އެގައުމަށް ބޭސްފަރުވާއަށް ދިވެހިންނަށް ދެވޭނެ ގޮތް ހަމަޖެއްސުމާއި، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ވެސް ފޯރުކޮށްދިފައި ވަނީ އިންޑިއާއިންނެވެ.