މާލޭގެ އެއް އާއިލާއަކުން 35 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާލޭގައި އެއް ގެއެއްގައި ދިރިއުޅޭ އެއް އާއިލާއެއްގެ 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.


ހ. މޫންލައިޓްވެލީ އަށް ނިސްބަތްވާ އާއިލާއިން "މިހާރު"އާ މިއަދު ވާހަކަ ދެއްކި އައިޝަތު އިޔާދު ބުނީ، އެންމެ ފުރަތަމަ ޕޮޒިޓްވީ ބަލީގެ އަލާމާތްތައް ހުރެގެން ކޮވިޑަށް ޓެސްޓުކުރި ބޮޑުބޭބެއެއް ކަމަށެވެ. ވަކިން ހުރެވޭނެ އިންތިޒާމެއް ނެތް އެ ގޭގައި ނުބަހައްޓައި އޭނާ އައިސޮލޭޝަނަށް ގެންދަން އެޗްޕީއޭގައި އެދެމުން ދަނިކޮށް، ދެ ވަނަ މީހަކު ޕޮޒިޓިވްވީ ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން، ފަހަރަކު މީހަކު ޕޮޒިޓިވްވެ މުޅި ގޭތެރެއަށް ބަލި ފެތުރުނީ ކަމަށް އެ އާއިލާ އިން ބުނެ އެވެ.

ބަލި ޖެހުނުކަން ފުރަތަމަ އެނގުނު މީހާ އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުން ލަސްވި މައްސަލައިގައި އާއިލާގެ ހިތްހަމަނުޖެހުން އެބަ އޮތެވެ.

އެ ގެއިން ތިން ވަނައަށް ޕޮޒިޓިވް ވި 67 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. އޭނާ އައިސޮލޭޝަނަށް ގެންދަން އެޗުޕީއޭ އިން ގުޅީ ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓްކުރުމުންނެވެ.

ޖަނާޒާ ކުރިއަށް ދަނިކޮށް ގުޅުމުން އެޗްޕީއޭ އިން ވަނީ އެ އާއިލާގެ ކިބައިން މާފަށް ވެސް އެދިފަ އެވެ.

ގާތްގަނޑަކަށް 46 މީހުން ދިރިއުޅޭ ގޭގެ އެންމެން ބޭނުންކުރަނީ އެއް ބަދިގެ އެވެ.

"ފުރަތަމަ ބޮޑުބެ ޕޮޒިޓިވްވުމާ އެކު އައިސޮލޭޝަނަށް ގެންދަން ވަރަށް ގުޅިން އެޗްޕީއޭއަށް. ގުޅަގުޅައި ހުއްޓާ ބޮޑުދައިތައެއް ޕޮޒިޓިވްވީ، އޭގެ ފަހުން މުޅި ގޭތެރެއަށް ފެތުރުނީ،" އެޗްޕީއޭއިން އަމަލުކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކި އިޔާދު ބުންޏެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި 70 އަހަރުން މަތީގެ މީހަކާއި އެއް މަހުގެ ކުއްޖަކު ވެސް ހިމެނެ އެވެ. މީގެ އިތުރުން ކޮލެސްޓްރޯލް އާއި ހިތުގެ މައްސަލަތަކާއި ނޭވާ ހިއްލުން ފަދަ ކޮވިޑްގެ ނުރައްކާ އޮތް މީހުން ވެސް އެ ގޭގައި އުޅެ އެވެ.

ޕޮޒިޓިވްވި ބައެއް މީހުން މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީ އަށް ގެންގޮސްފަ އެވެ. އެކަމަކު ބަލީގެ ނުރައްކާ ބޮޑު ބަޔަކު ފެސިލިޓީތަކަށް ނުގެންގޮސް ގޭގައި ބައިތިއްބާފައިވާ މައްސަލައިގައި އާއިލާ އިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ޕޮޒިޓިވް މީހުންނާ ގާތުން ބައްދަލުވި އުމުރުން 80 އަހަރުގެ މާމަ ވެސް ހިމެނެ އެވެ.

"ޕޮޒިޓިވްވި މީހުން އައިސޮލޭޝަން ފެސިލިޓީއަށް ނުގެންދާއިރު މާމައަކީ ހައި ރިސްކު މީހެއް. އެހެންވެ ވަރަށް ގިނައިން އެދެފިން މާމަގެ އިތުރު ޓެސްޓެއް ހަދައިދޭން. މާމަގެ ފުރަތަމަ ޓެސްޓް ނެގެޓިވްކޮށް އައީ. އެކަމަކު މިހާރުގެ ގޮތެއް ނޭނގޭނެ ދޯ. ނަތީޖާ ނެގެޓިވްވިއްޔާ މިވަގުތަށް އެހެން ގެއަކަށް ވެސް ބަދަލުކުރެވޭނެ. އެކަމަކު އެޗްޕީއޭއިން ބުނީ 14 ދުވަސް ފަހުންނޭ މާމަ ޓެސްޓުކުރާނީ،" އިޔާދު ބުންޏެވެ.

ޕޮޒިޓިވް މީހުންގެ ތެރެއިން ނުވަ މީހަކު ގޭގައި ތިބޭތާ 11 ވަރަކަށް ދުވަސް ވެއްޖެ އެވެ.

އޭނާ ބުނީ އެންމެން އެއްކޮށް އުޅޭއިރު އެކަކު ގެންގުޅޭ އެއްޗެހި ދެން ތިބޭ މީހުން ވެސް ބޭނުންކުރާ ކަމަށާއި އެހެންވެ އެންމެންގެ ޓެސްޓު ހަދައިދޭން އެދުމުން އެކަމަށް ވެސް އިޖާބަ ނުދިން ކަމަށެވެ.

މި މައްސަލައިގައި އެޗްޕީއޭގެ އިހުމާލު އާއިލާ އިން ދައްކާ ސަބަބުތައް ގިނަ އެވެ. ޕޮޒިޓިވްވެ އައިސޮލޭޝަންގައި ހުންނަތާ ހަފުތާއެއް ވީ މީހަކަށް ރޭ ގުޅައި އައިސޮލޭޝަނަށް ދާން ތައްޔާރުވާން އެދުމަކީ އެޗްޕީއޭ އަށް ވާނުވާ ނޭނގޭ ކަމުގެ ހެއްކެއް ކަމަށް އާއިލާ އިން ދެކެ އެވެ.

"އާދޭސްކޮށްގެން އިހަށް ދުވަހަކު ޓެސްޓުކޮށްގެން އެނގުނީ ދޮޅު އަހަރު ކުދިންނަށް ދަންދެން ބަލި ޖެހިފައި ކަން ތިބީ. އިހަށް ދުވަހު ވިހޭ ކުދިން ވެސް ޕޮޒިޓިވް."

އެ ގެއިން އެއްފަހަރާ ޕޮޒިޓިވްވި ކަން އެނގުނު މީހުންގެ އަދަދު 15 އިން މައްޗަށް އަރަ އެވެ. އޭގެ ކުރިންނާއި ފަހުން ޕޮޒިޓިވްވި މީހުންނާ އެކު އާއިލާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 30 އިން މައްޗަށް އަރަ އެވެ. އެތަނުން އެއްވެސް މީހަކު އަދި ބަލިން ރަނގަޅެއް ނުވެ އެވެ.

ޑައިރެކްޓް ކޮންޓެކްޓްސްގެ ގޮތުގައި އަދި ވެސް ޓެސްޓު ނުހަދާ މީހުން އެބަތިބި ކަމަށާއި ޓެސްޓު ކޮށްދޭން އެދުމުން 14 ދުވަސް ފަހުން ނުވަތަ ބަލީގެ އަލާމާތްތައް ފެންނަކަމުގައި ވާނަމަ ޓެސްޓު ހަދައިދޭނެ ކަމަށް ބުނި ކަމަށް އޭނާ ބުންޏެވެ.

"އެޗްޕީއޭއިން ކަންތައްކުރާ ގޮތުން ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި މި ހުންނަނީ. ވަރަށް ދެރަވެއްޖެ،" އިޔާދު ބުންޏެވެ.

އާއިލާއިން ތުހުމަތުކުރާ ގޮތުގައި އެޗްޕީއޭއިން އެ ގެ މޮނިޓަރިންނަށް ލީ ވެސް އޮޅޭގޮތަށެވެ. ބޮޑުބެ މަރުވި ފަހުން ނޯޓިސް ތަތްކުރީ ނުބައި ތާރީޚަކާ އެކުގައި ކަމަށާއި އެ ނޯޓިސްގައި ޖަހާފައި އިނީ ޖުލައި 30 އިން ފެށިގެން މޮނިޓަރިން އަށް ލީ ކަމަށެވެ.

އެކަމާ ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޑޮކިއުމެންޓުގައި އިންނާނީ އެ ގެ މޮނިޓަރިން ފެށި ތާރީހު ކަމަށެވެ. އެކަމަކު ވަރަށް ގިނަ ތަންތަނުގައި ނޯޓިސް ތަތްކުރުމާއި ނޯޓިސް ނެއްޓުމުގައި ލަސްތަކެއް އެބަހުރި ކަމަށާއި އެއީ މީގެ ކުރިން ވެސް ފާހަގަކުރެވިފައި ހުރި ކަމެއް ކަމަށް ވިދާޅުވި އެވެ.

އެއާ އާއިލާ އަކުން 30 މީހުން މި ޕޮޒިޓިވްވީ ޕޮޒިޓިވް ގިނަ މީހުންތަކެއް އައިސޮލޭޝަނަށް ނުގެންދެވި ގޭގޭގައި ތިބި މައްސަލަތައް ފެންމަތިވެފައި ވަނިކޮށެވެ. އެޗްއީއޯސީން އެންމެ ފަހުން އާއްމުކުރި ގޮތުގައި ބަލި ޖެހިފައި ތިބި 300 އަށް ވުރެން ގިނަ މީހުން ގޭގޭގައި އެބަތިއްބެވެ.

ރާއްޖެ އިން ކޮވިޑަށް 5،000 އަށް ވުރެން ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު މި ބަލީގައި 22 މީހަކު ވަނީ މަރުވެފަ އެވެ.