32 މިލިއަން ރުފިޔާ ހޭދަކުރި އިރު ސާމާނަށް ވީ ގޮތެއް ނޭނގެ!

ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން 32 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީން ހޭދަކުރި ސިއްހީ ސާމާނުތަކަށް ވީ ގޮތް އެ މިނިސްޓްރީ އަށް ނޭނގޭތީ އެ ތަކެއްޗަށް ވީ ގޮތް ބަލައި ހިސާބުތައް ބަލަހައްޓަން އޮޑިޓަ ޖެނެރަލް އަންގަވައިފި އެވެ.


ވެންޓިލޭޓަރު ގަތުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ މައްސަލައިގައި އޮޑިޓް އޮފީހުން ކުރި ޚާއްސަ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ސިއްހީ ސާމާނު ގަތުމަށް 32 މިލިއަން ރުފިޔާ އެޑްވާންސްކޮށް އެސްޓީއޯ އަށް ދައްކާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ހެލްތު މިނިސްޓްރީ އަށް ލިބިފައި ވަނީ 2،000 ސާޖަން ކެޕް އެކަނި ކަަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ބުނީ މީގެ އިތުރުން ވެސް ސިއްހީ ގިނަ ސާމާނުތަކެއް ގަތުމަށް ހަވާލުކޮށްފައިވާ އިރު މިނިސްޓްރީ އަށް އެ ތަކެތިި ނުލިބޭ ކަމަށެވެ. އޭގެ ތެރޭގައި 50،000 ސާޖިކަލް ގައުން އާއި 9،975 ހެޒްމެޓް ސޫޓާއި 10،000 ފޭސް ޝީލްޑާއި 4،950 ރީޔޫސެބަލް ޕްރޮޓެކްޓިވް ގޮގްލްސް އާއި 10،000 ޑިސްޕޮސެބަލް ޝޫ ކަވާ އާއި 1،000 އެންކަލް ބޫޓާއި 50 ބޮޑީ ބޭގާއި 256،000 އެން95 މާސްކު ހިމެނެ އެވެ.

"މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ތަކެތީގެ ސްޓޮކް މެނޭޖްކުރުމާއި ޑިސްޕެޗް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ރައީސް އޮފީސް، އެސްޓީއޯ އަދި ނެޝެނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީންނެވެ،" ރިޕޯޓުގައިވެ އެވެ.

އެ ތަކެތީގެ ސްޓޮކް ހެލްތު މިނިސްޓްރީން ބަލަހައްޓާފައި ނުވާތީ ސަޕްލައިކޮށްދިން އަދަދާއި ސްޓޮކްގެ ގޮތުގައި ބާކީ ހުންނަން ޖެހޭ ވަރު އަދި ބޭނުން ކުރެވުނީ ކިހާ އަދަދެއް ކަމެއް ވެސް ސާފެއް ނުވެ އެވެ. އެސްޓީއޯ އިން ފޯރުކޮށްދިނީ 32 މިލިއަން ރުފިޔާގެ ތެރެއިން ކިހާ ފައިސާއެއްގެ ތަކެތި ކަމެއް ވެސް އެނގޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން އޮޑިޓުގައިވެ އެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ކަނޑައެޅި ބަޖެޓުން ހަރަދުކޮށްގެން ގަނެފައިވާ ތަކެތީ ވެސް ސްޓޮކް ބަލަހައްޓައިފައެއް ނުވެ އެވެ. އޭގެ ތެރޭގައި 19 މިލިއަން ރުފިޔާ ހޭދަކުރި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް ހިމެނޭ ކަމަށް ވެސް އޮޑިޓުގައިވެ އެވެ.

އޮޑިޓަ ޖެނެރަލް ލަފާ ދެއްވީ، ސިއްހީ ސާމާނު ގަތުމަށް ދައުލަތުގެ ބަޖެޓުން ހޭދަކުރި ފައިސާގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމަށެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ ވެންޓިލޭޓަރު ގަތުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ތިން ކުންފުންޏަކާ ހަވާލުކުރި މައްސަލަ ތަހުގީގު ކުރަން ވެސް ލަފާދީފަ އެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް 145 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏެއްގެ އިތުރުން މެޑްޓެކާއި ނާޑު ކުންފުންޏާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަން އެކުލެވިގެންވާ ގޮތަށް ކަން އޮޑިޓުން އޮތީ ހާމަވެފަ އެވެ.