ވިސާ ނެތި ލަންކާގައި އުޅެމުންދިޔަ ދިވެހި އާއިލާއެއްގެ ބަޔަކު ހައްޔަރުކޮށްފި

ސްރީ ލަންކާގައި، ވިސާ ނެތި ގިނަ ދުވަސްތަކެއް ވަންދެން އުޅެމުންދިޔަ ތިން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.


ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، ވިސާގެ މައްސަލައިގައި އެއް އާއިލާއެއްގެ ބަޔަކު ލަންކާގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު، އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ މީހުންނަށް ކޮންސިއުލާގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ ބޭރު ގައުމުތަކުގައި އުޅޭ ދިވެހިން ވެސް ގަވައިދުން ވިސާ ނެގުމަށާއި މުއްދަތު ހަމަވުމުގެ ކުރިން އެ އާކުރުމަށް ހަނދާން ކޮށްދީފަ އެވެ.

"ވިސާގެ ގަވާއިދުތަކުގެ އިތުރުން ބޭރުގައި ތިބޭއިރު އެ ގައުމުތަކުގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް އިހުތިރާމް ކުރަން ޖެހޭ،" މިއުވާން ވިދާޅުވި އެވެ.

އޭޕްރީލް 21، 2019 ގައި ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު، ވިސާއާ ގުޅުން ހުރި ކަންކަން ވަރަށް ބޮޑަށް ހަރުކަށި ކުރި އެވެ. އެކަމާ ގުޅިގެން ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތަކުގައި ވިސާ ނެތް ބައެއް ދިވެހިން މިދިޔަ އަހަރު ވެސް ހައްޔަރުކުރި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރިން ވިދާޅުވީ ލަންކާގައި ގިނަ ދިވެހިންތަކެއް ވިސާ ނެތި ދިރިއުޅެމުންދާ ކަމަށެވެ. އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ކިޔެވުމާއި ބޭސްފަރުވާ ފަދަ ބޭނުންތަކުގައި ގާތްގަނޑަކަށް 15،000 ދިވެހިން ލަންކާގައި ދިރިއުޅެ އެވެ.