ޖަޕާނުން އެމްއެންޑީއެފަށް 43 މިލިއަން ރުފިޔާގެ ސާމާނު ހަދިޔާކޮށްފި

ކަނޑުތައް ސާފުކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ޖަޕާނު ސަރުކާރުން އެމްއެންޑީއެފަށް މިއަދު ހަދިޔާކޮށްފި އެވެ.


ހުޅުމާލެ ކޯސްޓް ގާޑު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޖަޕާނު ސަރުކާރުން ވަނީ 2.8 މިލިއަން ޑޮލަރުގެ (43 މިލިއަން ރުފިޔާ) ސާމާނު ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ. ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާ ހަވާލުކުރެއްވި މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އެމްއެންޑީއެފުން މިއަދު ކުރި ޓްވީޓެއް

މިއީ ރާއްޖެ އާއި ޖަޕާނާއި ދެމެދު 2018 ވަނަ އަހަރު ވެފައިވާ "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގެ ދަށުން ހަދިޔާކުރަން ނިންމާފައިވާ ތަކެތި ކަމަށް ޖަޕާނުން ބުންޏެވެ. އެ އެއްބަސްވުމުގެ ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި އަށް އޮއިލް ބޫމް އާއި އަށް އޮއިލް އެބްސޯބަންޓް ބޫމް އާއި ހަތަރު ކްރޭން ޓްރަކާއި ދެ ހައި ޕްރެޝާ ވޮޝަރު އާއި އެ ތަކެއްޗަށް ހާއްސަ ދެ ޖެނަރޭޓަރު ހިމެނެ އެވެ. އޮއިލް ބޫމް އުފުލާނެ އުޅަނދެއް ވެސް ޖަޕާނު ސަރުކާރުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ނަމަވެސް އެ އުޅަނދު ރާއްޖެއާ ހަމައަށް އަންނާނީ އަންނަ އަހަރު ކަމަށް އެ ގައުމުން ބުންޏެވެ.

މިދިޔަ އަހަރު ޖަޕާނުގައި ކުރިއަށް ގެންދިޔަ ހާއްސަ ތަމްރީން ޕްރޮގްރާމެއްގައި ރާއްޖޭގެ ކޯސްޓް ގާޑުގެ ފަސް އޮފިސަރުން ވަނީ ބައިވެރިވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެ ގައުމަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅެއްގައި، އެ ތަމްރީން ކުރިއަށް ދިޔަ ސެންޓަރަށް ރައީސް އާއި ފަސްޓް ލޭޑީ ވަޑައިގަތެވެ.