ވަކީލުންގެ ހައްގަށް ހުރަސް އަޅައި، އިމްރާން ދައްކަވަނީ ދޮގު ވާހަކަތަކެއް: ޔާމީންގެ އާއިލާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންގެ ހައްގު ލިބުމަށް ހުރަސް އަޅައި، ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޔާމީންގެ އާއިލާ އިން މިއަދު ބުނެފި އެވެ.


މަނީ ލޯންޑްރިންގެ ކުށުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނަށް ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާތީ، އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުންނާއި އެ މަނިކުފާނުގެ ވަކީލުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެކަމަކު ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތަށް ހުރަސް އަޅާފައި ނުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޔާމީންގެ އާއިލާގެ ފަރާތުން އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މިއަދު ނެެރުއްވި ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ކޮށްފައިވާ އަމުރުތަކާ ޚިލާފަށް ވަކީލެއްގެ ހައްގު ބައްޕާފުޅަށް ނުދެނީ ސަރުކާރުން ގަސްދުގައި ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. ވަކީލުން ޔާމީނާ ބައްދަލު ކުރަން ކ. މާފުއްޓަށް ދިއުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ނެތް ކަމަށް ބުނެ އެ ރަށަށް އެރުމުގެ ހުުއްދަ ވަކީލުންނަށް ދީފައި ނުވުމަކީ ޔާމީނާ މެދު އަނިޔާވެރިވުން ކަމަށް ޒޭން ވިދާޅުވި އެވެ.

ޔާމީން ޖަލަށް ވަޑައިގަތުމަށް ލޯންޗަށް އަރާވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: މިހާރު

"އެމަނިކުފާނާ ވަކީލުންނާ ބައްދަލު ކުރެވޭނީ ކަމާނުބެހޭ މާފުށީ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ހުއްދަ ނަގައިގެން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކާ މެދު އަނިޔާވެރިވުން،" ޔާމީންގެ ދަރިކަލުން ޒޭންގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ޒޭން ވިދާޅުވީ، ވަކީލުންގެ ފުރުސަތާއި ބޭސްފަރުވާގެ ހައްގަކީ ކުޅިވަރެއްހެން ސިފަވާ ގޮތަށް މިނިސްޓަރު އިމްރާން މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އޭގެ ސަބަބުން ޔާމީނާއި އެ މަނިކުފާނުގެ އާއިލާ އަށް ނަފުސާނީ ގޮތުން ގެއްލުންވާ ކަމަށެވެ. އަދި ކުރީގެ ރައީސަކާ މެދު އެފަދަ ގޮތަކަށް އިހާނެތިކޮށް އަމަލު ކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ޒޭން ވިދާޅުވި އެވެ.

ޔާމީނާ ބެހޭގޮތުން އެގޮތަށް އިމްރާން ވާހަކަ ދައްކަވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަންކަމާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ޔާމީންގެ އާއިލާގެ ބަޔާނުގައިވެ އެވެ. ޔާމީނަށް ލިބެންޖެހޭ ހައްގުތައް ހޯދައި ދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ވެސް އެ މަނިކުފާނުގެ އާއިލާ އިން ގޮވައިލި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ހިނގަމުން ދާއިރު، އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި ވެސް ވަނީ އުފުލައިފަ އެވެ.