ކޮންމެ ރަށެއްގައި ޕީޕީއެމް/ޕީއެންސީގެ ސްޓިއަރިން ކޮމިޓީއެއް

ޕީޕީއެމް އާއި ޕީއެންސީގެ މަސައްކަތްތައް ރަށްރަށުގައި ހަރުދަނާކުރުމަށް "ރަށު ސްޓިއަރިން ކޮމިޓީ" ހޮވަން ހާއްސަ އިންތިހާބެއް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.


އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އިލެކްޝަން ޑިޕާޓްމެންޓްގެ ހެޑް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ ކޯލިޝަންގެ ހަރަކާތްތައް ރަށްރަށުގައި ހަރުދަނާކޮށް ކުރިއަށްގެންދަން ހޮވާ ކޮމިޓީތަކެއް ކަމަށެވެ.

"ޕީޕީއެމް/ޕީއެންސީ އިން ޒިންމާދާރު ވާދަވެރި އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި، ކުރަން ބޭނުންވާ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަޅުގަނޑުމެން ނިންމާފައި މި ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޯލިޝަން ހިންގާ ކޮމިޓީތަކެއް އަދި ސްޓިއަރިން ކޮމިޓީތަކެއް އިންތިހާބުކުރަން،" މުއިއްޒު ވިދާޅުވި އެވެ.

ސްޓިއަރިން ކޮމިޓީތަކާ ގުޅޭ ދެ އިންތިހާބެއް ކުރިއަށް ގެންދަން ޕީޕީއެމް/ޕީއެންސީ އިން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ އިންތިހާބު ބާއްވާނީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ. މާލެ އާއި ރަށްރަށުގައި ބާއްވާ މި އިންތިހާބުގެ މަގްސަދަކީ ކޮމިޓީތަކަށް މެމްބަރުން ހޮވުމެވެ. އެއަށް ފަހު، ކޮމިޓީތަކުގެ ރައީސް ހޮވަން އިތުރު އިންތިހާބެއް ބާއްވާނެ އެވެ. މި އިންތިހާބު ބާއްވާނެ ތާރީހު އާންމުކުރާނީ ފަހުންނެވެ.

ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލާން ހަފްތާއެއްގެ ތެރޭގައި ހުޅުވާލާނެ އެވެ.

މި ކޮމިޓީތަކަށް މެމްބަރުން ހޮވާނީ ރަށުގެ އާބާދީގެ ނިސްބަތަށް ބަލާފައި ހަތް މެމްބަރުން ނުވަތަ ނުވަ މެމްބަރުން ނުވަތަ 11 މެމްބަރުންނެވެ. އަދި ކޮމިޓީގައި އަންހެނުންނަށާއި ޒުވާނުންނަށް ހާއްސަ ސްލޮޓެއް ކަނޑައަޅާފައި ވެ އެވެ. ޕީޕީއެމް ނުވަތަ ޕީއެންސީގެ ރަޖިސްޓްރީވެފައިވާ އުމުރުން 18 އަހަރުވެފައިވާ ކޮންމެ އަންހެނަކަށް އަންހެނުންގެ ސްލޮޓަށް ކުރިމަތިލެވޭނެ އެވެ. ޒުވާނުންގެ ސްލޮޓަށް ކުރިމަތި ލެވޭނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށެވެ.

މުއިއްޒު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މި ކުރިއަށް ގެންދަނީ ގައުމީ މަސައްކަތެއް ކަމަށެވެ. މި ކޮމިޓީތަކަށް މެމްބަރުން ހޮވުމާ އެކު އެ ކޯލިޝަންގެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޯޓުލުމަށް ފަހު މި ހޮވޭ ކޮމިޓީތަކަކީ މި ގައުމު ހަމައަކަށް އެޅައުމަށްޓަކައި އެކުލަވާލެވޭ ލަޝްކަރު، ޕީޕީއެމް ޕީއެންސީގެ ލަޝްކަރު، އިރާދަކުރެއްވިއްޔާ މި ގައުމު އައްސޭރިއަށް ގެންދިއުމުގެ މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މި އިންތިހާބާ ގުޅޭ އިތުރު މައުލޫމާތާއި ސްޓިއަރިން ކޮމިޓީތަކުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ އެވެ. އަދި މި އިންތިހާބަށް ތައްޔާރުވާން އިދިކޮޅުން ވަނީ ފަށާފައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.