ބޭރުގެ ހަތިިޔާރު އެޅި ސިފައިންނެއް ރާއްޖެއަކު ނެތް: ޝަމާލް

ބޭރުގެ ހަތިޔާރު އެޅި ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.


އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާ އެކު އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ އިތުރުން ހދ. ހަނިމާދުއަށް ވެސް އިންޑިއާ ސިފައިންގެ ބަޔަކު އަންނަ ވާހަކަތަކާ ގުޅިގެން ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް ސިފައިންގެ އިސް އޮފިސަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަނީ އިންސާނީ ޚިދުމަތްތަކަށްޓަކައި ކަމަށެވެ.

"އަސްކަރީ ނުވަތަ މިލިޓަރީ ޕްރެސެންސެއް ނެތޭ އަޅުގަނޑު ދަންނަވަނީ ކެރިގެން،" ޝަމާލް ވިދާޅުވި އެވެ.

"މިލިޓަރީ ޕްރެސެންސެއްގެ ގޮތުގައި އަޅުގަނޑުމެން މި ސިފަކުރަނީ ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ، އެ މީހުންގެ މަގްސަދުތަކެއް ހާސިލްކުރަން ތިބޭ ބައެއް ތިބޭ ނަމަ އަޅުގަނޑުމެން ސިފަކުރާނީ މިލިޓަރީ ޕްރެސެންސެއްގެ ގޮތުގައި. އެހެން ނޫން ޓެކްނީޝަނުން، ހިއުމަނިޓޭރިއަން ބޭނުމަށް، އަޅުގަނޑުމެންގެ ބޭނުމަށް އަޅުގަނޑުމެންގެ ބޭނުންތައް ފުއްދައި ދިނުމަށް ޓެކްނިކަލް މީހުން ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދޭ."

އޭގެ މިސާލެއްގެ ގޮތުން އޭނާ ނެންގެވީ އިންޑިއާ ސިފައިންނާ އެކު ރާއްޖޭގައި އޮޕަރޭޓްކުރަމުން އަންނަ ހެލިކޮޕްޓަރުތަކެވެ.

ޝަމާލް ވިދާޅުވި ގޮތުގައި އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން ދިވެހިން ބޭނުން ނުކުރަނީ އެކަމަށް ޚާއްސަ ދިވެހި ޕައިލެޓުން ނެތުމުންނެވެ. ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ގިނަ ގޮންޖެހުންތަކެއް އެކަމަށް ހުއްޓަސް، ވަރަށް އަވަހަށް އެފަދަ ދިވެހިން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮމާޝަލް ޕައިލެޓުންނަށް ދޭ ފަދަ މުސާރަ އާއި އިނާޔަތްތައް ނުދެވުމަކީ އެ ދާއިރާއިން ދިވެހިން ހޯދަން އުނދަގޫވާ ސަބަބެކެވެ.

"ހައެއްކަ ކުދިން މި ތިބީ ޕައިލެޓުންގެ ގޮތުގައި. އެ ކުދިންނަކީ އެކިއެކި އެކަޑަމީތަކުން ޕައިލެޓުންގެ ގޮތުގައި ތަފާތު ވައްތަރުގެ އެއާ ކްރާފްޓްތަކަށް ތަމްރީނު ހަދާފައި ތިބި ކުދިން. ސީދާ ހެލިކޮޕްޓަރުގެ ރޭޓިންއެއް ނެތް ހަދާފައެއް. އެހެން ނަމަވެސް ވަރަށް ކައިރި މުސްތަގްބަލެއްގައި އަޅުގަނޑުމެން މިބަލަނީ މިހާރު ތިބި ޕައިލެޓުން ހެލިކޮޕްޓަރު ދުއްވޭނެ ގޮތަށް ތަމްރީނު ކުރެވޭނެ ކަމަށް،" ޝަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެލިކޮޕްޓަރުގެ ތެލާއި މެއިންޓެނަންސް ކަންކަން ކުރީއްސުރެން ފެށިގެން އިންޑިއާ ސިފައިން ބަލަހައްޓަމުން އަންނަނީ އެއްބަސްވުމުގައި އެކަން ލިޔެފައި އޮތް ގޮތަށް ކަމަށެވެ. އެ އުސޫލުން ކޯސްޓް ގާޑްގެ ކަނޑުގެ އުޅަނދުތައް ވެސް ކޮންމެ ދެ އަހަރުން އެއްފަހަރު އިންޑިއާއަށް ގެންގޮސް، މެއިންޓެނަންސް ބަލަހައްޓަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ހެލިކޮޕްޓަރު ދުއްވުމަކީ އޭގެ ކޮންޓްރޯލް ދިވެހިންނަށް ގެއްލޭ ސަބަބެއް ނޫނެވެ.

"[ކޯސްޓް ގާޑު] ކޮންމެ ދެ އަހަރުން އެއް އަހަރު ރީފިޓް ކުރުމަށް އިންޑިއާއަށް އެބަ ގެންދޭ. ގެންގޮސް ރީިފިޓް ކުރުމާއި ސްޕެއާ ހޯދުމާއި މި ހުުރިހާ ޚަރަދުތަކެއް އިންޑިއާ ސަރުކާރުގެ ފަރާތުން ކޮށްދޭ. ހަމަ އެ މޭރުމުން ހެލިކޮޕްޓަރުގެ ހުރިހާ ޚަރަދުތަކެއް ކަހަލަ ގޮތަކަށް އިންޑިއާ ސަރުކާރުގެ އެހީގައި ލިބެމުން މިދަނީ،" ޝަމާލް ވިދާޅުވި އެވެ.

"އެހެންވީމަ އޭގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި އެއް ތަނުން އަނެއް ތަނަށް ހެލިކޮޕްޓަރު އުދުހެނީ ވެސް އެމްއެންޑީއެފްގެ އިންސްޓްރަކްޝަނާ އެކީގައި."

ޝަމާލް ވިދާޅުވީ އިންޑިއާ ކަނޑަކީ މުހިންމު ސަރަހައްދަކަށް ވާތީ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމާއި ސިފައިންގެ ގާބިލްކަން ބޮޑުކުރަން އެމެރިކާ އާއި ސައުދީ އަރަބިއާ އާއި ޗައިނާ އާއި ޕާކިސްތާނާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ވެސް ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ލިބޭ ކަމަށެވެ.

އޭނާ ވިދާޅުވީ "ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ އެއްވެސް ކަމަކަށް ސިފައިން ޖާގަ ނުދޭނެ" ކަމަށެވެ. އަދި ގާނޫނުއަސާސީ އާއި ރާއްޖޭގެ މިނިވަންކަން ސިފައިން ދަމަހައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ.