ޓްރާންސްޕޯޓާއި ރީޖަނަލް އެއާޕޯޓްސްގެ އޮފީސްތައް ކުރީގެ ސްޓާ ސިނަމާ އިމާރާތަށް

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފީސްތައް ހިންގުމުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދަން އެ މިނިސްޓްރީ އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އޮފީސްތައް ކުރީގެ ސްޓާ ސިނަމާ އިމާރާތަށް މިއަދު ބަދަލުކޮށްފި އެވެ.


ޓްރާންސްޕޯޓް މިނިސްޓްރީ އޮފިޝަލަކު ވިދާޅުވީ ވެލާނާގޭގެ 11 ވަނަ ބުރީގައި ހިންގި މިނިސްޓްރީގެ އޮފީސްތަކާއި ރީޖަނަލް އެއާޕޯޓްސްގެ ހިދުމަތް މިއަދުން ފެށިގެން ލިބޭނީ މަޖީދީ މަގުގައި ހުންނަ މ. ޗަނބޭލީވިލާ އިމާރާތުންނެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) މިހާރު ވަނީ ވެލާނާގެ 11 ވަނަ ބުރިން ދެ ވަނަ ބުރި އަށް ބަދަލުކޮށްފަ އެވެ.

މިނިސްޓްރީގެ އޮފީސްތައް ހިންގާނީ އަލަށް ބަދަލުކުރި އިމާރާތުގެ ހަތަރު ވަނަ ބުރީގަ އެވެ. ރީޖަނަލް އެއާޕޯޓްސްގެ އޮފީސްތައް ހިންގާނީ ދެ ވަނަ ބުރީގަ އެވެ.

ހުރަވީ ބިލްޑިންގުގައި ހިންގަމުން ދިޔަ ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފީސް ވެސް ޗަނބޭލީވިލާ އިމާރާތުގެ ފުރަތަމަ ބުރިއަށް މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ވަނީ ބަދަލުކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ވިސްނުންފުޅަކީ، އެ މިނިސްޓްރީގެ ދަށުގައި ހުރި އޮފީސްތަކުގެ ހިދުމަތް އެއް އިމާރާތަކުން ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.