ހަނިމާދު އަަށް އިންޑިއާގެ އަސްކަރީ ބޯޓު ޖެއްސީ ހުއްދަ ހޯދައިގެން: އިމިގްރޭޝަން

އިންޑިއާގެ ވައިގެ ސިފަައިންގެ ޑޯނިއާ ދެ މަތިންދާބޯޓެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖެއްސީ އިިމިގްރޭޝަން ކްލިއަރެންސް ނުހަދާ ކަމަށް ބައެއް މީޑިއާތަކުން ފެތުރި ޚަބަރު މޯލްޑިވްސް އިމިގްރޭޝަނުން ދޮގުކޮށްފި އެވެ.


އެ އިދާރާ އިން ކުރި ޓްވީޓެއްގައި ބުނީ އިމިގްރޭޝަނުގެ ހުއްދައަކާ ނުލައި ހަނިމާދޫ އެއާޕޯޓަށް އަސްކަރީ މަތިންދާބޯޓެއް ޖެއްސި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ މައުލޫމާތުތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އިންޑިއާގެ ބޯޓަށް ހުއްދަ ދިނީ ހުށަހަޅަން ޖެހޭ ލިޔެކިއުންތައް ފުރިހަމަކޮށް، ހޯދަން ޖެހޭ ހުއްދަތައް ހޯދާފައިވާތީ ކަމަށް ވެސް ރާއްޖޭގެ އިމިގްރޭޝަނުން ބުންޏެވެ.

ހަނިމާދު އަށް މިއަދު އައި އިންޑިއާގެ ވައިގެ ސިފައިންގެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓަކީ ރާއްޖޭގެ ކޯސްޓު ގާޑުގެ ސިފައިންނާ ގުޅިގެން ކުރިއަށް ގެންދާ ސާވަޔަލަންސް އެކްސަސައިޒެއްގައި ބައިވެރިވާ ބޯޓެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ޑޯނިއާ ބޯޓާއެކު ދެން އައީ ބެކަޕް ބޯޓެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ބެކަޕް ބޯޓު ވަނީ މިއަދުގެ މެންދުރު ފުރައިފަ އެވެ.

ސަވައިލެންސް އޮޕަރޭޝަނުގައި ބައިވެރިވާން އައި ޑޯނިއާ ބޯޓު އަންނަ ހަފުތާގެ ބުދަދުވަހާ ހަމައަށް ރާއްޖޭގައި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އަސްކަރީ ދެ ބޯޓެއް މިއަދު ހަނިމާދޫގައި މި ޖެއްސީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިިނެއް ފަށާފައި ވަނިކޮށެވެ. އެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ އެއް ބަޔަކީ އިދިކޮޅު ކޯލިޝަނެވެ. އެ މީހުންގެ މައިގަނޑު ވާހަކައަކީ އިންޑިއާގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި ދާއިމީކޮށް ތިބުމަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ހުރަހެއް ކަމަށެވެ. އެހެންވެ، އިންޑިއާގެ ސިފައިން ވަގުތުން ފޮނުވައިލަން އަންނަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.