މާލޭގައި މިއަދު ބާއްވާ ސައިކަލް ބުރުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށް އެ މީހުންގެ ސައިކަލްތައް ފުލުހުން ޓޯކޮށްފި އެވެ.
ކޮވިޑް-19 ފެތުރޭތީ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް ބާއްވާ އެއްވުންތަކުގެ ބައިވެރިންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދިނުމަށް ފަހު ފުލުހުން ވަނީ ސައިކަލް ބުރު ފެށުމުގެ ކުރިން ވެސް، އެކަމުގައި ބައިވެރިވާން ދިޔަ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ބައެއް މީހުންގެ ސައިކަލްތައް ޓޯކޮށްގެން ގެންދިޔަ ތަން ވެސް ފެނިފައިވެ އެވެ.
މިއީ "ގައުމު ވިއްކާލުމާ ދެކޮޅަށް" ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބާއްވާ ސައިކަލް ބުރެއް ނޫން ކަމަށް އެ ޕާޓީތަކުން ބުނެފައި ވިޔަސް ސައިކަލް ބުރު ފެށިއިރު ވެސް އެ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ސައިކަލްތަކުގައި ނުކުމެ ތިއްބެވި އެވެ. އަދި ރަސްފަންނު ސަރަހައްދުން ފެށި ސައިކަލް ބުރު ހުއްޓުވުމުން އެކަމުގެ ބައިވެރިން މިހާރު އެއްވަމުން ދަނީ ޕީޕީއެމް އޮފީސް ކައިރިއަށެވެ.
ފުލުހުން ވަނީ ސައިކަލް ބުރަށް ހުރަސްއެޅުމުގެ ގޮތުން ބައެއް މަގުތައް ވެސް ބަންދުކޮށްފަ އެވެ.
ސައިކަލް ބުރު ހުއްޓުވުމާ ގުޅިގެން، ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަނީ އެކަމަށް ފާޑު ކިޔައި މިއީ ސިޔާސީ ނުފޫޒުން ކުރި ކަމެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކަވައިފަ އެވެ.
ފުލުހުން ބުނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުމާ ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރަސްފަންނު ސަރަހައްދުން ފެށި ސައިކަލް ބުރު ހުއްޓުވުމުން ބައިވެރިން އެއްވީ ޕީޕީއެމް އޮފީސް ކައިރިއަށެވެ. އެތަނުން ވެސް ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.