ޕްރިންސިޕަލުންގެ އުސޫލުގެ މައްސަލަ މަޖިލީހުން ބަލައިދޭން އެދިއްޖެ

ޕްރިންސިޕަލުންގެ އުސޫލުގައި ގާނޫނީ އަދި އިޖުރާއީ މައްސަލަތައް ހުރިކަމަށް ފާހަގަކުރެވޭތީ އެކަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައިދިނުމަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އިއްޔެ އެދިވަޑައިގެންފި އެވެ.


ސްކޫލު ހިންގުމާއި ތައުލީމާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ އާދަމް ޝަރީފް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފުތާގައި އާއްމުކުރީ ޕްރިންސިޕަލުންގެ ހައްގުތަކާއި ވަޒީފާގެ ރައްކާތެރިކަން ގެއްލިގެންދާ އުސޫލެއް ކަމަށެވެ. އެކަން ސިވިލް ސާވިސް ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ވެސް ފުށުއަރާ ކަމަށް ވިދާޅުވި އެވެ.

"ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލު"ގައި ބުނާ ގޮތުން ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ގިނަވެގެން ހުރެވޭނީ އަށް އަހަރަށެވެ. އެ މުއްދަތުގައި ވެސް ވެސް ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލެއް ކަނޑައަޅާނީ، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އެކުލަވާލައްވާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ.

އެ އުސޫލުން ޕްރިންސިޕަލުންގެ ހައްގުތައް ގެއްލިގެންދާ ކަމަށް ބުނެ ބައެއް ބޭފުޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަވައިދު ހަދައި ތަންފީޒުކުރަން ފަށާއިރު އެއްވެސް ޕްރިންސިޕަލެއްގެ ހައްގެއް ނުގެއްލޭނެކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އާދަމް ޝަރީފްގެ ސިޓީގައި ވިދާޅުވިގޮތުގައި ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައެޅުން ކޮމިޓީއަކަށް ދިނުމަކީ ގާނޫނު އަސާސީގެ 25 ވަނަ މާއްދާއާ ހިލާފުކަމެކެވެ. ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުންވާ ވަޒީފާއެއް އަދާކުރުމުގެ ހައްގު ލިބެންވާކަނ ގާނޫނު އަސާސިން ކަށަވަރުކޮށްދީފައިވާކަން ފާހަގަކުރެއްވި އެވެ.

ވަޒީފާގެ ބަޔާނުގައި، ވަޒީފާއަދާކުރަންޖެހޭ ތަން އޮންނަންޖެހޭނެކަމަށް ބުނާއިރު، ޕްރިންސިޕަލުން މަސައްކަތްކުރާނެ ތަނެއް ކޮމިޓީއަކުން ހަމަޖެއްސުމަކީ ވަޒީފާއާބެހޭ ގާނޫނާ ޚިލާފު ގޮތެއް ކަމަށާއި މަޖުބޫރުން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު ކޮމިޓީން ބުނާ ތަނެއްގައި މަސައްކަތް ކުރަން ޖެހުމަކީ ވެސް އެ ގާނޫނާ ހިލާފުވުން ކަމަށް ސިޓީގައިވެ އެވެ.

"ސިވިލް ސާވިސް ކޮމިޝަނަކީ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމުގައި މަސައްކަތް ކުރަންޖެހޭނެ ދައުލަތުގެ މުއައްސަސާއަކަށް ވާއިރު، މިހާރު އަމަލުކުރަން ފަށާފައިވާ އުސޫލުގައި ބަޔާންކުރާގޮތުން، ކޮމިޓީ އެކުލަވާލާނީ މިނިސްޓަރުގެ އިރުޝާދުގެ ދަށުންކަމަށް ބަޔާންކޮށްފައިވާތީ، ސިވިލް ސާވިސްގެ މުވައްޒަފުންގެ މައްޗަށް ނުހައްގުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވާނެކަން ފާހަގަކުރަމަވެ،" ސިޓީގައިވެ އެވެ.

އޭނާ އެހެން ވިދާޅުވި ނަމަވެސް، އެ އުސޫލު އާއްމުކުރި ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ފަށައި ސިވިލް ސާވިސްގެ އިދާރީީ އޮނިގަނޑުގައި ތިބި ޕްރިންސިޕަލުން، އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުކުރަން ވަނީ ފަށައިފަ އެވެ. އެ ޕްރިންސިޕަލުންގެ ޓެނުއަޝިޕް ހަމަޖައްސައި ނިންމަންޖެހޭނީ އެއް އަހަރުގެ ތެރޭގައި ކަމަށްވާތީ ރަސްމީ ލިޔުން ލިބުމާ ހަމައަށް، އެ ޕްރިންސިޕަލަކު މިވަގުތު ހުންނެވި ސްކޫލެއްގައި މަސައްކަތްކުރެއްވޭނެ އެވެ.

ޕްރިންސިޕަލުންގެ މައްޗަށް ތަންފީޒުކުރާ އުސޫލުގެ ސަބަބުން ގާބިލް އަދި ތަޖުރިބާކާރު ޕްރިންސިޕަލުން ތައުލީމީ ދާއިރާ ދޫކޮށްދިއުމުގެ ބިރު އެބަ އޮތް ކަމަށާއި އެ ތަންތަނަށް ޕްރިންސިޕަލުން ލިބުން ދަތިވުމުގެ ސަބަބުން ސްކޫލުތަކުގެ ހިންގުން ހީނަރުވެ، ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ވެސް އާދަމް ޝަރީފްގެ ސިޓީގައިވެ އެވެ.

"ވީމާ، އިސްވެ ބަޔާން ކުރެވުނު ސަބަބުތަކަށްޓަކައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިހާރު އަމަލުކުރަން ފަށާފައިވާ "ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލު' ގައި ހުރިކަމަށް ފާހަގަކުރެވޭ ގާނޫނީ، އިޖުރާއީ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބެއްލެވޭނެގޮތެއް ހައްދަވައިދެއްވުން އެދި ދެންނެވީމެވެ،" ސިޓީގައި ވިދާޅުވި އެވެ.