އައްޑޫގެ ތިން އަވަށެއްގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ޑިސެމްބަރަށް ނިމޭނެ: އެމްޓީސީސީ

އައްޑޫގެ ތިން އަވަށެއްގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށާއި މަޝްރޫއު އަންނަ ޑިސެމްބަރު މަހު އެއްކޮށް ނިންމައިލެވޭނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.


އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މަރަދު އާއި މަރަދޫފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމުމަށް ފަހު، ހިދުމަތް އޮޕަރޭޓް ކުރަން ފެނަކަ ކޯޕަރޭޝަނާ މި މަހުގެ 12 ގައި ހަވާލުކޮށްފައިވާ ކަމަށެވެ. މި ވަގުތު ކުރިއަށް ގެންދަނީ ފޭދޫގެ ސީއައުޓްފޯލް ރެކްޓިފިކޭޝަންގެ މަސައްކަތް ކަމަށް ބުންޏެވެ.

އެމްޓީސީސީން ބުނީ މަރަދޫފޭދު އާއި މަރަދޫގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ފެނަކައާ ހަވާލު ކުރުމުގެ ކުރިން، އެ އަވަށުގެ ޕަމްޕިން ސްޓޭޝަނާއި ޕެނަލް ބޯޑުތައް އަދި ޓްރާންސްފާ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަނާއި މަޝްރޫއުގެ ކޮންސަލްޓެންޓުންގެ ޓީމުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި މަަސައްކަތުގެ ތެރެއިން 10،289 މީޓަރުގެ ހޮޅި ވަޅުލައި، މަރަދޫގެ ޓްރާންސްފާ ސްޓޭޝަންގައި 720 މީޓަރުގެ ސީއައުޓްފޯލްއެއް ގާއިމުކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

އެންވަޔަރަމަނަންޓް މިނިސްޓްރީގެ ޕްރޮޖެކްޓެއްގެ ގޮތުގައި މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫގެ ނަރުދަމާ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 124 މިލިއަން ރުފިޔާއަށެވެ.

އައްޑޫގައި 2011 ގައި ފެށި ނަރުދަމާ މަޝްރޫއުގެ ދަށުން ހިތަދޫގެ ސަރަހައްދެއްގައި ނަރުދަމާ ގާއިމުކުރަން ފެށިޔަސް ވަކި އެ މަސައްކަތް ފުރިހަމަ ނުވެ، ހުއްޓިފައި ވަނިކޮށް އަލުން މަސައްކަތް ފެށީ 2017 ގަ އެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ތެރެއިން ހިތަދޫގެ މަޝްރޫއު ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ އެވެ. މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އިރު، ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ނަރުދަމާގެ މަސައްކަތްކުރީ ސްރީ ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތްތައް މިހާރު ނިމިފައިވިޔަސް ހިދުމަތް ދޭކަށް އަދި ނުފަށަ އެވެ.

ބޮޑު އާބާދީއެއް އޮތް އައްޑު އަށް މި ވަގުތު ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރެއިން ނަރުދަމާ ނިޒާމެއް ނެތުމަކީ އެންމެ ބޮޑު އެއް މައްސަލަ އެވެ.