ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ އިސް ސަފުގައި ހަރަކާތްތެރިވާ 3،000 އަށް ވުރެން ގިނަ މީހުން ޓެސްޓްކުރިއިރު އޭގެތެރެއިން 125 މީހެއްގެ ހަށިގަނޑުގައި އެންޓިބޮޑީ ހުރި ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.
ހަށިގަނޑުގައި އެންޓިބޮޑީ ހުރުމަކީ ވައިރަސް ހުރެ އެއާ ދެކޮޅަށް ހަށިގަނޑު މަސައްކަތްކޮށްފައި ވުމެވެ. އެހަންކަމުން 125 މީހުންނަކީ ބަލީގެ އަލާމާތް ނުފެނި އަދި ބަލިޖެހިފައި ހުރިކަން ނޭނގި ރަނގަޅުވެފައި ތިބި މީހުން ކަމަށް ބެލެވިދާނެ އެވެ.
ފްރަންޓްލައިން ވޯކަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މީހުންނާއި އެ މީހުންގެ ގޭގައި ދިރިއުޅޭ މީހުންގެ އެންޓިބޮޑީ ޓެސްޓު އޭޑީކޭއިން ހަދަން ފެށީ މިދިޔަ ޖުލައި މަހުގެ އެވެ. އެ ހޮސްޕިޓަލުން ލަފާކުރާ ގޮތުގައި މާލެ ސަރަހައްދުގައި ފްރަންޓްލައިން ވޯކަރުންގެ ގޮތުގައި 90،000 މީހުން މަސައްކަތްކުރާއިރު އޭގެ ތެރެއިން 4 ޕަސަންޓު މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެ އެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި ވައިރަހަށް ހުށަހެޅުމުގެ ފުރުސަތު އެންމެ ބޮޑު މީހުންގެ ތެރެއިން 6 ޕަސެންޓު މީހުން ގައިން އެންޓިބޮޑީ ފެނިފައި ވެ އެވެ. ސިއްހީ ދާއިރާގައި، ފަރުވާގައި މަސައްކަތްކުރާ 412 މީހުން ޓެސްޓުކުރިއިރު، އޭގެ ތެރެއިން 7 ޕަސަންޓު މީހުން ގައިން އެންޓިބޮޑީ ފެނުނެވެ. މީގެ އިތުރަށް ކުންފުނިތަކުގައި މަސައްކަތް ކުރާ 1،257 މީހުންގެ އެންޓިބޮޑީ ޓެސްޓު ހެދި އިރު، އޭގެ ތެރެއިން ހަ ޕަސެންޓު މީހުންގެ ގައިން އެންޓިބޮޑީ ފެނިފައިވާ ކަަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓެސްޓު ހަދާފައި ވަނީ ކޮވިޑް-19އަށް ރާއްޖޭގައި ކަނޑައަޅާފައިވާ ޕީސީއާރު ޓެސްޓު ނުހަދާ މީހުންނެވެ.
އޭޑީކޭއިން ހަދާފައިވާ އެންޓިބޮޑީ ޓެސްޓުތަކުގެ ރިޕޯޓުތައް މިހާރު ކަމާބެހޭ އިދާރާތަކާ ހަވާލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި އެންޓިބޮޑީ ޓެސްޓަކީ ރާއްޖޭގައި ކޮވިޑް-19ގެ އަސްލު ހާލަތު ދެނެގަނެ އިތުރު ދިރާސާތައް ކުރުމަށް މުހިންމު އެއްޗެއް ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައި ވެ އެވެ.
އޭޑީކޭއިން އެންޓިބޮޑީ ޓެސްޓު ހަދަން ފަށާފައި ވަނިކޮށް ހެލްތު މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި އަމިއްލައަށް އެންޓިބޮޑީ ޓެސްޓު ނުހެދުމަށް އަންގައިފަ އެވެ. އެގޮތުން ބައެއް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން ބައެއް މީހުންގެ އެންޓިބޮޑީ ޓެސްޓު ހަދައިދެމުން ދާއިރު، އެ ޓެސްޓުގެ ނަތީޖާ އަށް ރިއާޔަތްކޮށް، ބައެއް މީހުން ފިޔަވަޅު އަޅަމުންދާތީ އެއީ ރަނގަޅު ގޮތް ނޫން ކަމަށް މިނިސްޓްރީން އޭރު ބުންޏެވެ. އަދި އެފަދަ ޓެސްޓެއް ހެދުމަކީ އެ ޓެސްޓު ހަދާ މީހުންނަށް އޮޅުން އަރާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.