ބަޖެޓް ސަޕޯޓަށް ދޭން އިންޑިއާ އިން ކަނޑައެޅި 250 މިލިއަން ޑޮލަރުގެ ލޯނު ދީފި

ބަޖެޓް ސަޕޯޓަށް ދޭން އިންޑިއާ އިން ބުނި 250 މިލިޔަން ޑޮލަރުގެ ލޯނު ޗެކް މިއަދު ރާއްޖެ އަށް ދީފި އެވެެ.


އިންޑިއާއިން ރާއްޖެ އަށް ދިން 250 މިލިޔަން ޑޮލަރު (3.85 ބިލިޔަން ރުފިޔާ)ގެ ލޯނުގެ ލިއުން ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ އެކަަމަށް ޓަކައި ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްްސަ ރަސްމިއްޔާތެއްގަ އެވެ.

ސޮފްޓް ލޯނެއްގެ ގޮތުގައި އިންޑިއާއިން ރާއްޖެ އަށް ދޫކުރި އެ ފައިސާގެ ޗެކް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މިއަދު ހަވާލުކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދިރު އެވެ. އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ސްޓޭޓް ބޭންްކް އޮފް އިންޑިއާގެ ސީއީއޯ ވެސް ބައިވެރިވަޑައިގަތެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އިންޑިއާއިން ރާއްޖެ އަށް ދިން 250 މިލިޔަން ޑޮލަރުގެ ލޯނަކީ އިންޑިއާއިން ބުނިގޮތުގައި އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކަކަށް އެއްބަސްވެގެން ދިން ލޯނެކެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އެ ލޯނު ދިނީ ބޮންޑް ގަތުމުގެ އުސޫލުން، 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

އިންޑިއާއިން ދިން ލޯނުގެ ޗެކް ހަވާލުކުރަން ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ފައިސާގެ ދަތިކަމަށް އިންޑިއާގެ ލޯނުގެ ސަބަބުން ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އިންޑިއާއިން ރާއްޖެ އަށް ވެދިން ހަމަ އެކަނި އެހީއަކީ މިއީ ނޫން ކަމަށާއި އިންޑިއާއިން އަންނަނީ ދިވެހިންނަށް ބޮޑު އެހީތެރިކަމެއް ދެމުން ކަމަށް ވެސްް އޭނާ ވިދާާޅުވި އެވެ.

"އިންޑިއާގެ ރައްޔިތުންގެ ދީލަތިކަމަށް ތައުރީފު ހައްގު،" އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކޮވިޑް-19 އާ ހެދި ރާއްްޖޭގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބިފައިވާ މި ވަގުތު އިންޑިއާއިން ދިން ފައިސާއިން ރާއްޖެ އަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަަމަށެވެ. އެ ފައިސާ ބޭނުންކުރާނީ ރައްޔިތުންނަށް ދޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށާއި ކޮވިޑްގެ ސަބަބުން ދަތިކަަން ކުރިމަތިވެފައިވާ ފަރާތްތަަކަށް ސަރުކާރުން ދޭ ޕެކޭޖްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަަމް އިންޑަސްޓްރީން ލިބެމުން އައި އާމްދަނީ މުޅިންހެން ހުއްޓުނު ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކަށާއި ސިވިލް ސާވަންޓުންގެ މުސާރަ އަށް ދޭންޖެހޭ ފައިސާ ދެމުން އަންނަ ކަމަށެވެ. މި ހާލަތުގައި ވެސް އެންމެ އިސްކަން ދީފައި ވާނީ ރާއްޖެ އިން އަދާކުރަން ޖެހޭ ދަރަނި ގަވައިދުން އަދާކުރަމުން ދިއުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ހާސިލުވީ އިންޑިއާގެ ބޮޑު އެހީތެރިކަމަކާ އެކީ ކަން އަޅުގަނޑު ފާހަގަކުރަން،" އަމީރު ވިދާޅުވި އެެވެ.

އިންޑިއާއިންް ރާއްޖެ އަށްް ދެމުން އަންނަ އެހީތެެރިކަމަށް ޓަކައި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް އަމީރު ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖެ އަށް 250 މިލިޔަން ޑޮލަރުގެ ލޯނެއް ދޭނެކަން އިންޑިއާއިން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ އެކަން އިއުލާނުކުރެއްވީ އެ ގައުމުގެ އެކްްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭއްވެވި ވާޗުއަލް ބައްދަލުވުމެެއްގަ އެވެ.