ދަފްތަރުގައި ނެތީސް ފްލެޓް ދިން މީހުންގެ ނަން އުނިކޮށްފި

ދަފްތަރުގައި ރަޖިސްޓްރީ ނެތީސް އެ ކެޓަގަރީން ކުރީގެ ސަރުކާރުގައި ފްލެޓް ދިން މީހުންގެ ނަންތައް ލިސްޓުން އުނިކޮށްފި އެވެ.


ހިޔާ މަޝްރޫއުގެ 7،000 ފްލެޓުގެ 12 ކެޓަގަރީ އަށް ހުޅުވާލުމުން ދަފްތަރު ކެޓަގަރީން 2700 އަށް ވުރެން ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އެ ކެޓަގަރީން ދޫކުރާ 1044 ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ކުރީގެ ސަރުކާރުގައި އޮތީ އިއުލާންކޮށްފަ އެވެ.

ހިޔާ މަޝްރޫއުގައި ފްލެޓް ދިން ގޮތާ ގުޅޭ ގޮތުން ކުރި ޝަކުވާތައް ބަލަން މި ސަރުކާރުން އުފެއްދި ފްލެޓް ކޮމިޓީން އިއްޔެ ދަފްތަރު ކެޓަގަރީ އަށް ޝަރުތު ހަމަވާ ލިސްޓު އާއްމުކުރީ ބައެއް މީހުންގެ ނަންތައް އުނިކޮށްފަ އެވެ. އުނިކުރި މީހުންގެ ވަކި ލިސްޓެއް އާއްމުކޮށްފައިވާ އިރު ދަފްތަރު ކެޓަގަރީ އަށް ޝަރުތު ހަމަނުވާ ސަބަބު ލިސްޓުގައި ސާފުކޮށްދީފައިވެ އެވެ.

ކޮމިޓީން ބުނީ ދަފްތަރުގައި ރަޖިސްޓްރީ ނެތް މީހުން، އައިޑީކާޑުން ވެސް އެ މީހަކީ ދަފްތަރު މީހެއް ނޫން ކަން އެނގޭ މީހުންނަށް އެ ކެޓަގަރީން ޝަރުތު ހަމަވި ކަމަށް ކުރީގެ ސަރުކާރުގައި ކަނޑައަޅާފައިވާ ކަމަށެވެ. ބައެއް މީހުންނަށް ފްލެޓް ލިބުނުއިރު، ދަފްތަރުގައި ޖައްސަން ބޭނުންވާ ފޯމު އެޕްލިކޭޝަނާ އެކު ހުށަަހަޅާފައިވާ މީހުންނަށް ވެސް ހިމެނޭ ކަން ކޮމިޓީން އާއްމުކުރި މައުލޫމާތުތަކުން އެނގެ އެވެ.

އެ ލިސްޓުން އެނގޭ ގޮތުގައި މާލޭގައި ގޯތި ހުރި މީހުން ވެސް ކުރީގެ ސަރުކާރުގައި ވަނީ ފްލެޓް ލިބޭ ލިސްޓުގައި ހިމަނައިފަ އެވެ. އެ މީހުންގެ ނަންތައް ވެސް ކޮމިޓީން ވަނީ އުނިކޮށްފަ އެވެ.

ފްތަރު ކެޓަގަރީ އަށް ޚާއްސަކުރި 1044 ފްލެޓުގެ ވަގުތީ ލިސްޓުގައި 2،775 މީހުންގެ ނަން ހިމެނެ އެވެ. ލިސްޓު އާއްމުކޮށްފައި އޮތީ ކުރީގެ ސަރުކާރުގައި ލިބުނު ޕޮއިންޓްގެ އަދަދާއި މި ސަރުކާރުގެ ފްލެޓް ކޮމިޓީގެ އިވެލުއޭޝަނުން ލިބުނު މާކްސް އެނގޭ ގޮތަށެވެ.