ސަލާމަތް ވާނީ ގައުމުގެ ހުންގާނުގައި އަމަލީ ގޮތުން ޔާމީން ހިއްޕަވައިގެން: އަބްދުއްރަހީމް

ދިވެހިންގެ ގައުމެއްގެ ގޮތުގައި ރާއްޖެ ސަލާމަތް ކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމަލީގޮތުން ގައުމުގެ ހުންގާނުގައި ހިއްޕަވައިގެން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.


ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޕީޕީއެމް/ޕީއެންސީގެ އެޑްވައިޒަރަކަށް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ޔާމީން މިހާރު ވެސް ހުންނެވީ ރޫހީ ގޮތުން ގައުމުގެ ހުންގާނުގައި ހިއްޕަވައިގެން ކަމަށެވެ. ނަމަވެސް އަމަލީ ގޮތުން އެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަކީ، އިދިކޮޅު ކޯލިޝަނުން ކުރާ މަސައްކަތް، އުއްމީދު ނުކުރާހާ އަވަހަށް ކާމިޔާބުވާނެ ކަމެއް ކަމާ މެދު ސުވާލު ނުއުފެދޭ ކަމަށް ވިދާޅުވި އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މަނިކުފާނަށް ހުކުމް ކުރިތާ މާދަމާ އަށް 300 ދުވަސް ވާނެ އެވެ.

"މިއަދު މި އޮތީ އަޅުގަނޑުމެންނަށް ރައީސް ޔާމީންގެ ލަފާފުޅާ އެކީގައި މި ގައުމު ސަލާމަތް ކުރުމުގެ މަސައްކަތަށް ނުކުންނަން ޖެހިފައި. ރައީސް ޔާމީންގެ ވެރިކަމުގައި އުފަންކުރުވި ގައުމީ ރޫހު މިއަދު ނެތިގެން ހިނގައްޖެ،" ޔާމީންގެ ދިފާއުގައި އެއްގޮތެއްގައި ސާބިތުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ސިޔާސީ މަސައްކަތް ކުރެވޭ ވަރަށް ވުރެ ގައުމުގެ ހާލަތު މިއަދު އޮތީ ދަށު ދަރަޖައެއްގަ އެވެ. މިހާރު ނުކުންނަން ޖެހިފައިވަނީ ގައުމީ އަދި ދީނީ ޖިހާދަކަށް ކަމަށާއި އެކަމުގައި ގިނަ ބަޔަކު ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ގައުމު ދެކެ ލޯބިވާ އެންމެން ވެސް ގުޅުމަށް އޮތް ހަމައެކަނި ޕްލެޓްފޯމަކީ އިދިކޮޅު ކޯލިޝަން ކަމަށެވެ.

"މި ކުރާ ގައުމީ މަސައްކަތް ކާމިޔާބު ކުރެވެން އޮތީ ރައީސް ޔާމީން މިނިވަންކޮށްގެން. ދިވެހި ގައުމު، ދިވެހިންގެ ގައުމެއްގެ ގޮތުގައި ސަލާމަތް ކުރެވެން އޮތީ ރައީސް ޔާމީން އަޅުގަނޑުމެންގެ ނަމުގައި ހުންގާނުގައި ހިއްޕަވައިގެން، އަމަލީގޮތުން ހިއްޕަވައިގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުކޮށް 2023 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް ޔާމީން ގެނައުމަކީ މަސައްކަތުގެ އާހިރު ނަތީޖާކަން ފާހަގަކުރައްވައި އެކަން ކާމިޔާބު ވަންދެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި ކުރާ ގައުމީ މަސައްކަތް ކާމިޔާބު ކުރެވެން އޮތީ ރައީސް ޔާމީން މިނިވަން ކޮށްގެން. ދިވެހި ގައުމު، ދިވެހިންގެ ގައުމެއްގެ ގޮތުގައި ސަލާމަތްކުރެވެން އޮތީ ރައީސް ޔާމީން އަޅުގަނޑުމެންގެ ނަމުގައި ހުންގާނުގައި ހިއްޕަވައިގެން، އަމަލީގޮތުން ހިއްޕަވައިގެން.--- އަބްދުއްރަހީމް

މީގެ ދެ އަހަރު ކުރިން ބޭއްވި ރިޔާސީ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށް ފަހު، ސެޕްޓެމްބަރު 24، 2018 ގައި ގައުމާ މުހާތަބު ކުރައްވައި، އޭރުގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް ފިލިންފިއްޔަށް ދިމާވަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ގައުމު މިއަދު މިއޮތް ހާލަތުގައި، ޔާމީންގެ އެ ވާހަކަފުޅު އަޑުއަހައިލުމުން އެ މަނިކުފާނު ގައުމަށް އޮތް ލޯތްބާއި ވިސްނުންފުޅު އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.