ވަޅީގެ ހަމަލާއިން ފުރާނަ ސަލާމަތްކޮށްދިން މީހާއާ ދިމާވެއްޖެ

މާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ދިން ވަޅީގެ ހަމަލާގައި ޒަހަމްވި ޒުވާނާގެ ފުރާނަ ސަލާމަތްކޮށްދޭން ހޮސްޕިޓަލަށް ގެންގޮސްދިން މީހާއަކީ ކާކުކަން އެނގެން ބޭނުންވާ ކަމަށް އެފްބީގައި ލިއުނު ޕޯސްޓާ އެކު އެ މީހާ ހޮސްޕިޓަލަށް ގޮސް ޒަހަމްވި މީހާ އާ ބައްދަލުކޮށްފި އެވެ.


މި ހާދިސާގައި ޒަހަމްވި މ. އަސަލް، އަހުމަދު ޝަމާލްގެ ފޭސްބުކް ޕޭޖްގައި އެ ވާހަކަ ލިއުމުން، އެހީތެރިވި މީހާ އޭޑީކޭ އަށް ގޮސް އޭނާއާ އެކު ނެގި ފޮޓޯއެއް ވަނީ އާންމުކޮށްފަ އެވެ. އެކަމަކު އެ މީހާގެ މޫނު ނުފެންނަ ގޮތަށް ހަދާފަައި ހުރުމުން، އެއީ ކާކުކަން އާންމުންނަކަށް ނޭނގެ އެވެ.

ޝަމާލްގެ ކަރަށް ވަޅި ހެރީ އޭނާއާ ދެބެންގެ ދެދަރި، 19 އަހަރުގެ ޒުވާނެކެވެ. ހަމަލަދިން މީހާ ހަމަ އެރޭ ހައްޔަރުކުރި އެވެ.

ޝަމާލަށް ހަމަލާ ދިނުމާ އެކު އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ މަގުމަތިން ދިޔަ މީހެކެވެ. އައިޖީއެމްއެޗުން އޭނާ އޭޑީކޭ އަށް ބަދަލުކޮށް އޮޕަރޭޝަނަކަށް ފަހު ޝަމާލްގެ ހާލު މިހާރު ރަނގަޅެވެ.

"އަހަރެން އައިޖީއެމްއެޗަށް ގެންގޮސް، އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިން މީހާއާ ބައްދަލުވެއްޖެ،" އެ މީހާގެ މޫނު ފޮރުވާފައި ހުރި ފޮޓޯއެއް ފޭސްބުކްގައި ޖަހަމުން ޝަމާލް ބުންޏެވެ.

އޭނާ ބޭނުންވީ ޒަހަމްވެފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަ މީހާއާ ބައްދަލުކޮށް ޝުކުރުއަދާކުރާށެވެ.

މި ހަމަލާއަކީ އާއިލީ މައްސަލައެއްގެ ތެރޭގައި ދިމާވި މައްސަލަގަނޑެއްގެ ތެރޭގައި ޝަމާލަށް ދިން ހަމަލާއެއް ކަމަށް ވެ އެވެ. އަދި ވަޅި ހެރި މީހާ އަކީ ވެސް ޝަމާލްގެ ތިމާގެ މީހެއް ކަމަށް ވެ އެވެ.