ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދެމަފިރިން ހައްޔަރުކޮށްފި އެވެ.
ވަކި ބައެއްގެ ނަން ހާމަ ނުކޮށް ފުލުހުން ބުނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ މައްސަލައެއް ހޮނިހިރު ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އުމުރުން 30 އަހަރުގެ އަންހެނަކާއި 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ. އަދި އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ދީފަ އެވެ.
މި މައްސަލާގައި ޔުނާންގެ ދެމަފިރިން ހައްޔަރުކުރަން ގޮވާލައި ހުޅުމާލޭގައި އިއްޔެ ހަވީރު ބަޔަކު އަޑު އުފުލައި ޔުނާން އުޅޭ ގެ ކައިރި އަށް ވެސް އެއްވެފައިވެ އެވެ. އަދި އޭގެ ފަހުން ޔުނާން އާއި އޭނާގެ އަންހެނުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ އެއީ ރައްކާތެރިކަމަށް އެދުމުން ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ދެ މީހުން ކަމަށާއި އޭރު އެމީހުން ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ޔުނާންގެ އަންހެނުން ރިހުލާގެ އާއިލާއިން "މިހާރު" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އެ ދެމީހުން ވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު އެވެ. އަދި ރިހުލާ ގެންދިޔައީ ދޫނިދޫ ޖަލަށް ކަމަށާއި ޔުނާން ހުރީ މާލެ ޖަލުގައި ކަމަށް ވެސް ބުންޏެވެ.
މި ދެމީހުންގެ މައްޗަށް ކުރެވެނީ ޔުނާންގެ އާއިލީ ކުއްޖަކާ އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ.