ދައްކަންޖެހޭ ޓެކުހުގެ އަދަދު ކަނޑައަޅަން މީރާ އިން ހޯދާ މައުލޫމާތު ބޭނުން ކުރަނީ

ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައެޅުމުގައި އެކި ގޮތްގޮތުން ހޯދާ މައުލޫމާތާއި ދައުލަތުގެ އިދާރާތަކުން ލިބޭ މައުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޭނުން ކުރެވޭ ގޮތަށް ހަދައިފި އެވެ.


ޓެކްސް ނެގުމާ ބެހޭ އިދާރާގެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ކަނޑައެޅުމުގައި މީރާ އިން ބަލާނީ ޓެކްސް ދައްކާ ފަރާތުން ދޭ މައުލޫމާތާއި އެ ފަރާތުން ދޭ ޚިދުމަތް ނުވަތަ ވިއްކާ މުދަލުގެ ބާޒާރު އަގުތަކާއި ފާއިތުވި އަހަރު ދައްކާފައިވާ ޓެކްސް ފަދަ މައުލޫމާތުތަކަށެވެ.

އެކަމަކު އެ ގަވާއިދަށް މިދިޔަ ބުރާސްފަތި ދުވަހު ގެނެސްފައިވާ އިސްލާހު ބުނާ ގޮތުން ޓެކުހުގެ އަދަދު ކަނޑައެޅުމުގައި މީރާ އިން އެކި ގޮތްގޮތުން ބަލާ ބެލުންތަކުން ލިބޭ މައުލޫމާތާއި ދައުލަތުގެ އެހެން އިދާރާތަކުން ލިބޭ މައުލޫމާތު ވެސް ބޭނުން ކުރެވިދާނެ އެވެ. އަދި އެހެން ފަރާތަކުން ހުށަހަޅާފައިވާ މައުލޫމާތެއްގައި، ޓެކްސް ދައްކާ ފަރާތާ ބެހޭ ގޮތުން ހުރި މައުލޫމާތަށް ބެލިދާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

މީގެ އިތުރުން އިލެކްޓްރޯނިކް ކޮށް މީރާ އަށް މައުލޫމާތު ފޮނުވުމުގައި މީރާ އަށް ފެކްސް ކުރެވޭ ގޮތަށް އެ ގަވާއިދުގައި އޮތް ގޮތުން އެ އިސްލާހުގެ ދަށުން ވަނީ އުވާލައިފަ އެވެ. އަދި ޓެކްސް ބަޔާންތަކާއި އޭގެ ލިޔުންތައް އީމެއިލް މެދުވެރިކޮށް ހުށަހަޅައިފި ނަމަ، ބަލައިނުގަންނަ ގޮތަށް ވެސް ވަނީ އިސްލާހުކޮށްފަ އެވެ.