"ހުންސްކޭން"، ކޮވިޑަށް ދިވެހިންގެ ހާއްސަ އުފެއްދުމެއް

ގިނަ މީހުން ވަދެ ނުކުމެވާ ތަންތަނަށް މީހުން ވައްދާއިރު މިހާރު ކުރަން ޖެހޭ އެއް ކަމަކީ އެމީހެއްގެ ފިނިހޫނުމިން ބެލުމެވެ. ދެވަނަ ކަަމަކީ މާސްކް އަޅައިިގެން ހުރިކަން ކަށަވަރު ކުރުމެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތައް ވެސް ހިންގެން އޮތީ މި އުސޫލުންނެވެ.


ސޮފްޓްވެއާ އުފައްދާ ދިވެހި ކުންފުންޏަކުން މިވަނީ އެކަމަށް ވަރަށް ލުއި ހައްލެއް ހޯދައިދީފަ އެވެ. ޓެމްޕަރޭޗާ ސްކޭނާއަކާއި ކެމެރާއެއް ހިމެނޭ އަދި އެ ނިޒާމު އޮޓަމޭޓްކުރާނެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސޮފްޓްވެއާއެއް ވެސް ބޭނުންކޮށްގެން، އުފެއްދި ސްޓޭންޑެވެ.

އެކަމަކު "ޖަވާބު" ޕްރައިވެޓް ލިމިޓެޑުން އުފެއްދި "ހުން ސްކޭން" ސްޓޭންޑުން ކޮށްދޭ ހަމައެކަނި ކަމަކީ ފިނިހޫނުމިން ބެލުމެއް ނޫނެވެ.

ޖަވާބުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމް ވިދާޅުވީ ހުން ސްކޭންގައިވާ އޭއައި ބޮޓް، މީހުންނަށް މާސްކް އަޅަން ވެސް ހަނދާންކޮށްދޭނެ ކަމަށެވެ. އަދި އަތަށް ހޭންޑް ސެނިޓައިޒާ އަޅައިދޭނީ ވެސް އެ ޕްރޮސެސްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހަކު އައިސް ހުއްޓިލުމުން، ޓެމްޕަރޭޗާ ސްކޭން ކޮށްލާފައި ސްކްރީނުން ދައްކައިލާނެ. އަދި ދިވެހި ބަހުން ކިޔައި ވެސް ދޭނެ. މާސްކް ނާޅާ ހުރެއްޖެ ނަމަ މާސްކް އަޅަން ވެސް ބުނާނީ ހަމަ ދިވެހި ބަހުން،" އޭނާ ވިދާޅުވި އެވެ.

ޖައިލަމް ވިދާޅުވި ގޮތުގައި ޖަވާބުގެ ޑިވެލޮޕަރުން، ހުން ސްކޭން އުފެއްދީ ދޮޅު މަސްދުވަހުގެ މަސައްކަތުންނެވެ. އެ ސްޓޭޭންޑްގައި ފިނިހޫނުމިން ބަލަން ބޭނުންކުރަނީ އެކުންފުނީގެ އިރުޝާދާ އެއްގޮތަށް ޗައިނާގައި އުފައްދާފައިވާ އާލާތަކުންނެވެ. އެހެންވެ އެއީ ވެސް ކުންފުނީގެ އަމިއްލަ އެއްޗެކެވެ. މާސްކް ނާޅާ ހުރިކަން ދެނެގަންނަނީ އޭގައި ހިމެނޭ އޭއައި ސޮފްޓްވެއާއިންނެވެ.

ހުޅުމާލޭގައި ހުންނަ ޕާޕާ ސޭމްސް ހޮޓަލުގެ ބޭރުގައި މިހާރު ވަނީ ހުން ސްކޭންގެ ނަމޫނާއެއް ބަހައްޓައިފަ އެވެ. އެއަށް ޑިމާންޑް އޮތް ނަމަ ގިނަ އަދަދަކަށް އުފައްދަން ވެސް ޖަވާބުން ތައްޔާރެވެ.

"އަޅުގަނޑުމެން އަދި މި އުފެއްދުމަށް ފޭސް ރިކޮގްނިޝަން ފީޗާއެއް ވެސް އިތުރުކުރާނަން. އޭރުން މީހުންނަށް އެމީހުންގެ ހިސްޓްރީ ވެސް ބަލައިލެވޭނެ. ކޮންޓެކްޓް ޓްރޭސިން ފަދަ މަސައްކަތްތަކަށް، ކަމާ ބެހޭ އިދާރާތަކަށް ވެސް އޭރުން ބޮޑު އެހީއަކަށް ވާނެ،" ޖައިލަމް ވިދާޅުވި އެވެ.

ޖަވާބުން ސާބިތުކޮށްދޭން ބޭނުންވަނީ، ޖައިލަމް ވިދާޅުވި ގޮތުގައި، ދިވެހިންގެ ހުނަރުވެރިކަމަކީ ހަމައެކަނި އަތްތެރި މަސައްކަތް ފަދަ ސަގާފީ ކަންކަމަށް ހުއްޓިފައި އޮތް ބައެއް ނޫން ކަމެވެ. ސޮފްޓްވެއާ އުފެއްދުމާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ވެސް ދިވެހިންނަކީ ހުނަރުވެރި ބައެއްކަމުގެ ޔަގީންކަން ދޭން އެ ކުންފުނިން ބޭނުންވެ އެވެ.

"ޕާޕާ ސޭމްސް އަށް ވަޑައިގެން ވީހާވެސް ގިނަ ބޭފުޅުން މި އުފެއްދުން ޓެސްޓްކޮށްލައި އަޅުގަނޑުމެންނަށް ފީޑްބެކް ދިނުމަކީ އަޅުގަނޑުމެން އެދޭ ކަމެކެވެ،" ޖަވާބުގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުންޏެވެ.

ޖައިލަމް ވިދާޅުވީ ކުންފުނީގެ މި ހާއްސަ އުފެއްދުން އާންމުންނާ ހަމައަށް ގެނެސްދިނުމުގެ ފުރުސަތު ދިނީތީ ޕާޕާ ސޭމްސް އަށާއި އެ މަސައްކަތަށް އެހީވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.