ހިތަދޫގައި "ކޮށާލި" މީހާގެ ހާލު ސީރިއަސްއެއް ނޫން

އައްޑޫ ހިތަދޫގައި ރޭ ދަންވަރު ގްރޫޕްތަކެއްގެ މެދުގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން "ކޮށާލި" ޒުވާނާގެ ހާލު ސީރިއަސް ނޫން ކަމަށާއި އެކަމަކު އޭނާ އަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބުނެފި އެވެ.


އެ ހޮސްޕިޓަލްގެ މީޑިއާ އޮފިސަރު ޝާފީ މުހައްމަދު "މިހާރު" އަށް ވިދާޅުވީ 22 އަހަރުގެ ޒުވާނާ "ވައިޓަލީ ސްޓޭބަލް" ކަމަށެވެ.

އޭނާގެ ހަށިގަނޑަށް ކަތިވަޅިއެއް ކަހަލަ ތޫނު އެއްޗަކުން ބޮޑެތި ގެއްލުންތަކެއް ދީފައިވާ އިރު ވާތުގެ ބައެއް އިނގިލިތައް ހުރީ ބުރިވެފަ އެވެ. މީގެ އިތުރުން ބުރަކައްޓާއި ކޮނޑާއި ދަށްބަނޑާއި އުނގަނޑާއި ހަށިގަނޑުގެ އެެހެން ބައެއް ތަންތަން ވެސް ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޒުވާނާ އޮތީ ލެއިން ތަތްތެޅިފަ އެވެ.

ރޭ މެންދަމު ހިންގި މާރާމާރީ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 12:30 ހާއިރު އެވެ. މި މައްސަލާގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

ހިތަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ ހިންގުމަށް ފަހު، ޒުވާނާ އަށް ހަމަލާ ދިން މީހުން ވަނީ ވަގުތުން ފިލައިފަ އެވެ. މި މާރާމާރީ ހިންގީ ސީދާ ކޮން ސަބަބަކާ ހުރެކަން އަދިއެއް ނޭނގެ އެވެ.