ޚަބަރު / ވިޔަފާރި

މި މެސެޖްތައް "މުސްކުޅި" އެމްއެމްއޭއަށް

ޑޮލަރުގެ ކަޅު ބާޒާރުގެ މުއާމަލާތްތައް ފެންނަ ވައިބަ މެސެޖްތަކެއް: ކޮވިޑް ހާލަތުގައި މި ނޫން ގޮތަކަށް ޑޮލަރު ލިބޭކަށް ނޯންނާނެ

28 އޮކްޓޯބަރ 2020 - 11:58

69 comments

އަގު ބޮޑުކޮށް ޑޮލަރު ވިއްކާކަން ސާބިތުކޮށްދޭނެ ހެކި ހޯދުން ދަތި ކަމަށް ގަވަރުނަރު އަލީ ހާޝިމް މިދިއަ ހޯމަދުވަހު ވިދާޅުވުމުން ބައެއް މީހުންގެ ހިތަށްއަރާނެ އެއް ސުވާލަކީ "އަހަރެެމެންގެ މަރުކަޒީ ބޭންކް އެ އުޅެނީ އަނެއްކާ ކޮން ދުނިޔެއެއްގައި ހެއްޔެވެ؟" މި އެވެ.

ކޮވިޑް-19އާ އެކު ޓޫރިޒަމް ހުއްޓުމުން ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދޭނެކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު އެފަދަ ބާޒާރެއް، އެހާ އަވަހަށް، އަދި އެހާ ފުޅާކޮށް ހިންގެނީ ރާއްޖޭގެ އެކި ސަރުކާރުތަކުން ކުރިމަގަށް ނުވިސްނާ ފަސޭހަކޮށްލައިގެން ތަންފީޒުކުރާ އުސޫލުތަކުގެ ސަބަބުންނެވެ. އެހެންކަމުން ރާއްޖޭގެ އަމިއްލަ ފައިސާ އަށް ވުރެ ޑޮލަރު ވަރުގަދަވުމުގައި އޮތް އެމްއެމްއޭގެ ސީދާ ފޭލްވުން ވަރަށް ބޮޑެވެ.

އޭގެ ޒިންމާ ޔަގީނުން ވެސް މިހާރުގެ ގަވަރުނަރުގެ އިސްތަށިފުޅަކު ނޭޅުވޭނެ އެވެ. އަދި ތަނެއް ބަދަލުކުރެއްވޭހާ ވަގުތެއް ވެސް ލިބިވަޑައެއް ނުގަންނަވަ އެވެ. އެ މަގާމާ އަލީ ހާޝިމް ހަވާލުވެވަޑައިގެންނެވި އިރު ވެސް މަރުކަޒީ ބޭންކާއި ސަރުކާރުން ގެންގުޅެމުން އައީ، ރާއްޖޭގެ ޑޮލަރުވެރިން (ރިސޯޓްތައް ހިންގާ މީހުންނާއި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިވެރިން)ނަށް ފަސޭހަ ސިޔާސަތުތަކެވެ: ޑޮލަރުން މުއާމަލާތްތައް ހިންގުމުގެ ހުއްދަ އެވެ.

އަގުބޮޑުކޮށް ޑޮލަރު ވިއްކާކަމުގެ "ޕްރޫފް ހޯދުމަކީ ވަރަށް ދަތި ކަމެއް. ޕޮލިހުން ވެސް ބުނަނީ ދަތިކަމަށް. ފާރަލައިގެން ވެސް ގިނަ ފަހަރުު ނުފެނެއޭ. އެހެންވެ ހެކި ނެތީމަ ނިސްބަތުން އެކްޝަން ނެގޭވަރު މަދު،" ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވި އެވެ.

އެކަމަކު "މިހާރު"ން ކުރި މަސައްކަތުން ޑޮލަރުގެ ކަޅު ބާޒާރުގެ ހަރަކާތްތައް ފެނުނީ އެހާ ފަސޭހައިންނެވެ. އެންމެ ވައިބަ ގްރޫޕެއްގެ މެސެޖްތަކުން ވެސް އެ މުއާމަލާތްތައް އެ ހުރީ ކުރިމަތީގަ އެވެ. ގާތްގަނޑަކަށް ތިން ހާހެއްހާ މީހުން ތިބި އެ ގްރޫޕްގެ ހުރިހާ ވެސް ހަރަކާތަކީ، އެމްއެމްއޭގެ 100 އަށް ވުރެ ގިނަ މުވައްޒަފުންނަށް "ނޭނގުނަސް"، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި ގަތުމެވެ.

ޑޮލަރުގެ ވިޔަފާރީގައި ހީލަތް ހަދާކަމަށް ތުހުމަތުކޮށް ގްރޫޕްގައި ލިއުނު މެސެޖެއް

މާލޭގެ ޑޮލަރު މާރުކޭޓުގެ އަގުތައް ބަދަލުވާ ގޮތް އެ ގްރޫޕްގެ މެސެޖްތަކުން އެނގެ އެވެ. ދޭތެރެދޭތެރެއިން މައްޗަށް އަރަމުން، ލާރިކޮޅެއްގެ ނިސްބަތުން ތިރިވަމުން ހުރެ ދެ އެވެ. މިދިއަ ހޯމަދުވަހު ފެނުނު މެސެޖްތަކުގެ އާންމު ރޭޓަކީ ޑޮލަރެއް 19:30ރ އެވެ. ރަސްމީ ރޭޓަށް ވުރެ ހަތަރު ރުފިޔާއަށް ވުރެ ބޮޑު މިންވަރެކެވެ.

އިގުތިސާދީ ހާލަތާ ގުޅޭ މައުލޫމާތު ބަަދަލުކުރުމުގެ ބައްދަލުވުމެއްގައި މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ރާއްޖޭގެ އަސްލު ފައިސާ އަކީ ޑޮލަރު ކަމަށެވެ. "ދިވެހި ރުފިޔާ"ގެ ނަމުގައި އަމިއްލަ ފައިސާއެއް ގެންގުޅުނަސް އަސްލު އެއްޗަކީ ޑޮލަރެވެ. އެ ވިދާޅުވާ އެއްޗެއްގެ މިސާލު، ދިވެހިން އެންމެ އާންމުކޮށް ދަތުރުކުރާ ގައުމުތަކުން ނަގަމާ ހެއްޔެވެ؟ އިންޑިއާ، ސްރީ ލަންކާ، މެލޭޝިއާ އަދި ތައިލެންޑްގައި ޑޮލަރަކުން ވިޔަފާރިއެއް ނުކުރެވޭނެ އެވެ. އެހެންކަމުން ފުރަތަމަ ވެސް އޮންނާނީ ޑޮލަރު މާރުކުރާ ތަނަކަށް ގޮސް އަވަހަށް އެ ގައުމެއްގެ ފައިސާ އަތުޖެއްސުމެވެ.

އެކަމަކު ރާއްޖެ ތަފާތެވެ. ޑޮލަރު ގަބޫލުނުކުރާ ފިހާރައެއް ނެތެވެ. ޑޮލަރޭ ބުނެފި ނަމަ އެ ބޭނުން ނޫން މީހަކާ ވެސް ދިމާވާނީ މަދުންނެވެ. އެހެންކަމުން، ބޭރު ފައިސާ މާރުކޮށް ވިއްކުމުގެ ހާއްސަ ހުއްދައެއްގެ ދަށުން ތަންތަން ހިންގިޔަސް ހަގީގަތުގައި މުޅި ރާއްޖޭގައި ވެސް އޮތީ ޑޮލަރު ގަނެ ވިއްކާ ތަންތަނެވެ/މީހުންނެވެ.

ކޮވިޑާ އެކު ޓޫރިޒަމް ހުއްޓުމުން ޑޮލަރު ވަނުން ވެސް ބަންދުވީ އެވެ. ދެން އޮތީ، ޓޫރިޒަމްގެ ރަން ދުވަސްވަރު ވެސް ބައެއް ފަހަރަށް މާލޭގައި އުފެދޭ ކަޅު ބާޒާރު ހިނގައިގަތުމެވެ. ޒަމާނީ ފަސޭހަތަކާ އެކު ސޯޝަލް މީޑިއާގައި ވެސް، އެ ވިޔަފާރިއަށް ހާއްސަ ގްރޫޕްތައް އުފެދި، ނުރަސްމީ އެކްސްޗޭންޖުގެ މައި މަރުކަޒަކީ އެ އެވެ.

ގަވަރުނަރު އަލީ ހާޝިމް (ކ) އަދި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި

"މިހާރު"އަށް ފެނުނު ގްރޫޕްގައި 10،000 އަދި 20،000 ޑޮލަރު ވިއްކަން ވެސް ހުށައަޅާފައިވެ އެވެ. އެންމެ ބޮޑު އަދަދަކަށް އެކަކު ހުށައެޅީ 80،000 ޑޮލަރުން ވިއްކާށެވެ. އެއީ 19:30ގެ ރޭޓުން ނަމަ 1.5 މިލިއަން ރުފިޔާގެ މުއާމަލާތެކެވެ.

ހަމައެކަނި ޑޮލަރު ވިއްކުމާއި ގަތުމެއް ނޫނެވެ. އެ ވިޔަފާރީގައި މަކަރާއި ހީލަތް ހަދާކަން ފަޅާއަރާ މީހުންގެ ފޮޓޯއާ އެކު، ގްރޫޕްގެ މެމްބަރުންގެ ހޭލުންތެރިކަމަށް ލިއެފައި އޮތް މެސެޖެއް ވެސް، އެ ވަގުތު ފެނުނެވެ. އެ މެސެޖްގައި ދެ ޒުވާނެއްގެ ފޮޓޯ ޖަހާފައިވެ އެވެ. މެސެޖްގައި ބުނެފައި އޮތީ ރަނގަޅު ރޭޓެއްގައި ޑޮލަރު ވިއްކާފައި، މީހުންގެ އިތުބާރު ލިބުމުން ދެން ހިންގާ މުއާމަލާތްތަކުގައި ފައިސާކޮޅު ހިފައިގެން ފިލަނީ ކަމަށެވެ. އެ ދެ މީހުންގެ އެ މަކަރުވެރިކަން ތަޖުރިބާކޮށްފައިވާ ނަމަ އެކަން ފުލުހުންނަށް ރިޕޯޓްކުރަން ވެސް، މެސެޖްގައި އެދިފައިވެ އެވެ.

ގްރޫޕްގެ ބައެއް މެމްބަރުން "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ މަތީ އަދަދުތަކުން ޑޮލަރު ވިއްކަން އުޅޭ ބައެއް މީހުންނަށް އެވަރަށް ޑޮލަރު ލިބެނީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

"އެއީ ޔަގީނުން ވެސް ވިޔަފާރިވެރިންނެއް ނޫން،" އެކަކު ބުންޏެވެ.

އެމީހުންނަށް ބޮޑަށް ބުރަވެވެނީ އެއީ ގިނަ އަދަދުން ޑޮލަރު ރައްކާކޮށްފައި ތިބި މަހުޖަނުންގެ އެޖެންޓުން ކަމެވެ. ނުވަތަ އެކި މީސް މީހުން އަތުން ޑޮލަރު ހޯދައިގެން، މި ދަނޑިވަޅުގެ ފައިދާ ނަގަން ދަންނަ ވިސްނުން ތޫނު ބައެއް ކަމެވެ.

ކޮވިޑް-19ގެ ތަދާ އެކު ޑޮލަރަށް އައި ތާށިކަމުގައި ވަކި ބަޔަކު ކުށްވެރިކޮށް، ގޯސްކުރެވޭކަށް ނެތެވެ. އެކަމަކު އިގުތިސާދު ރަނގަޅަށް އޮތް އިރު ވެސް ޑޮލަރުގެ މައްސަލަ ހައްލުކުރަން އެއްވެސް ސަރުކާރަކުން، އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް "މިހާރު"އާ ވާހަކަ ދެއްކި އިގުތިސާދީ ބައެއް ތަޖުރިބާކާރުން އެއްބަސްވެ އެވެ.

އެކަކު ވިދާޅުވި ގޮތުގައި ޑޮލަރު ވަންނަން ޖެހޭނީ ބޭންކްތަކަށެވެ. އެކަން ބެލުމާއި އެކަމަށް ބޭނުންވާ ގާނޫނުތައް ހަދައި ތަންފީޒުކުރުމަކީ އެމްއެމްއޭގެ މަސްއޫލިއްޔަތެކެވެ. އެކަމަކު ރިސޯޓްތައް ހިންގާ މީހުންގެ ކޮންޓްރޯލްގެ ދަށުން ޑޮލަރު ވަކިކޮށް، އެއީ ހަމައެކަނި ބޭންކްތައް މެދުވެރިކޮށް މުއާމަލާތްކުރެވޭ ފައިސާއަކަށް ނުހެދިގެން އުޅެނީ ކުރިންސުރެ މަދު މަހުޖަނުންގެ އަތްމަތީގައި އެ ބާރު ބާއްވަން އެކި ސަރުކާރުތަކުން ސީދާކޮށާއި ނުސީދާކޮށް މަސައްކަތްކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭގެ "ބޭނުމެއް ނެތް"

މަރުކަޒީ ބޭންކު، އެމްއެމްއޭގެ މައި އިމާރާތް: އާންމު މުޖުތަމައުއާ އެންމެ ގުޅުން ކުޑަ ދައުލަތުގެ އެއް މުއައްސަސާ -- ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

މާލީ ދާއިރާގެ ތަޖުރިބާކާރަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓަން އެކަށީގެންވާ ފިޔަވަޅު ނޭޅުމާއި އިންޓަރެސްޓް ރޭޓުގެ ކޮންޓްރޯލް މަރުކަޒީ ބޭންކްގައި ނެތުމުން "އެއީ ބޭނުމެއް ނެތް ތަނެއް" ކަމަށް ބެލިދާނެ ކަމަށެވެ.

"މަރުކަޒީ ބޭންކެއްގެ މައިގަނޑު މަސައްކަތަކަށް މި އޮންނަނީ އެ ގައުމެއްގެ ފައިސާގެ އަގު ހިފެހެއްޓުން، ދެން އިންޓަރެސްޓް ރޭޓްގެ ކޮންޓްރޯލް ހޯދުން. މި ދެ ކަމުން ކުރެ އެއްވެސް ކަމެއް އެމްއެމްއޭއަކުން ނުކުރޭ،" އެމްއެމްއޭގެ "ބަލިކަށިކަމާ" މެދު އަބަދުވެސް ޝަކުވާކުރައްވާ އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރަން ޖެހޭނީ ދިވެހި ރުފިޔާކަން ގާނޫނުގައި ކަނޑައަޅާފައި އޮންނަ އިރު، ގަވާއިދަކުން ޑޮލަރުގެ މުއާމަލާތްތަކަށް ހުއްދަދިނުމަކީ، އެމްއެމްއޭގެ "ބަލިކަށިކަން" ފެންނަ އެއް މިސާލެވެ.

"މިހާރު"ން ވާހަކަ ދެއްކި ބައެއް ތަޖުރިބާކަރުންގެ ނަޒަރުގައި ރާއްޖޭގެ މަރުކަޒީ ބޭންކްގެ މައިގަނޑު ދައުރަކަށް އޮންނަނީ ދައުލަތަށް ވަންނަ އާމްދަނީގެ އެކައުންޓާއި ދަރަނީގެ ކަންކަން ބެލެހެއްޓުމެވެ. އެއީ އެމްއެމްއޭ ނެތަސް ސަރުކާރަށް ކުރެވިދާނެ ކަމެއް ކަމަށް، އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

ކޮވިޑްގެ މި ނާޒުކު ހާލަތުގެ ކުރިން ޑޮލަރުގެ ކަޅު ބާޒާރު އުފެދުނު މާޒީގައި، އެ ހާލަތަށް ވެއްޓުނީ މަރުކަޒީ ބޭންކްގެ ބާރެއް ނެތުމުން ކަމަށް، ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި އެންމެ ގިނަ ޓްރާންސެކްޝަންތައް ހިންގާނީ ޓޫރިޒަމް ދާއިރާގައި ކަަމަށް ވާ އިރު އެ ވިޔަފާރީގައި ޑޮލަރު ބޭނުންކުރުމުގެ ފުރުސަތު ދިނުމުން، ޑޮލަރު މާރުކޭޓުގެ މުޅި ކޮންޓްރޯލް އެ ދޫކޮށްލުވީ މަދު ވިޔަފާރިވެރިންގެ އަތްމައްޗަށެވެ.

"ދެން ޑޮލަރަށް ޖެހޭ އިރު މިޖެހެނީ އެމްއެމްއޭއިން އެކަން ހައްލުކުރަން. އެމްއެމްއޭއަކަށް ހައްލެއް ނުވާނެ ޑޮލަރުގެ ބޮޑު ރިޒާވެއް ނެތި. އެ ރިޒާވެއް ނުއުފެއްދޭ،" އެއް ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"މިދިއަ 15 އަހަރަށް ބަލާއިރު އެމްއެމްއޭގެ ޑޮލަރު ރިޒާވްގައި ހުންނަނީ ގާތްގަނޑަކަށް 235 މިލިއަން ޑޮލަރު. އެހެންވީމާ ޑޮލަރުގެ ތާށިކަން އަންނަ އިރު އެމްއެމްއޭއަކަށް ނޯންނާނެ އެވަރަށް ޑޮލަރު ފޯރުކޮށްދެވޭކަށް."

ޑޮލަރުގެ ވައިބަ ގްރޫޕުން އެ ފެންނަނީ އެ މަންޒަރެވެ. އެއް ފަހަރާ 80،000 ޑޮލަރު ވިއްކާލަން އެކަކު އުޅުނު އިރު، ރާއްޖޭގެ އެއްވެސް ބޭންކަކަށް މިވަގުތު އެއް ކަސްޓަމަރަށް އެވަރުގެ އަދަދަކުން ޑޮލަރު ދުލެއް ނުކުރާނެ އެވެ. އެކަމަކު ޑޮލަރު ހުރި މީހުން ކަޅު ބާޒާރަށް އެ ދަނީ އެ ފެންވަރުގައި ނެރެމުންނެވެ.

އެ މަންޒަރެއް އެމްއެމްއޭއަކަށް ނުފެނެ އެވެ. ހެކި ހޯދުމުގެ "ޖާސޫސީ މަސައްކަތް" ފުލުހުންނަކަށް ނުކުރެވެ އެވެ.

މިވަގުތު އެކަން ކުރުމުގެ ބޭނުމެއް ވެސް ނެތެވެ. އެކަމަކު ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ހިންގާކަމުގެ ހެކި ހޯދުން އުނދަގޫ ކަމަށް، ގަވަރުނަރު ހާޝިމާއި އެމްއެމްއޭއިން ބުނުމުން މަރުކަޒީ ބޭންކް، އާންމު މުޖުތަމައުއާ ކިހާ ދުރުކަން އެބަ އެނގެ އެވެ.

އެއީ ހަމައެކަނި މިއަދުގެ ހަގީގަތެއް ނޫނެވެ. އެމްއެމްއޭ އުފެދުނީއްސުރެ ވެސް އެތަން ސިފަކުރެވެނީ، އާންމުންނާ ދުރު، ބީރައްޓެހި، "ސިއްރުން ފުރިފައި" އޮންނަ އަދި ވަކި "ގްރޫޕްތަކަކުން" ކޮންޓްރޯލްކުރާ އިދާރާއެއްގެ ގޮތުގަ އެވެ.

އެކަމަކު ކޮވިޑް-19ގެ ހިތްދަތި މި ތަޖުރިބާއަށް ފަހު އެގޮތަށް، އެ "މުސްކުޅި ސްޓައިލަށް" އެމްއެމްއޭ ދޫކޮށްލައިގެން ފަރުޖެއްސޭކަށް ނޯންނާނެ އެވެ.

69 ކޮމެންޓް, 88 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 6%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮލާ އައ އްދު

30 October 2020

ކޮންމެ ޑޮލަރެ އްގެ ފަހަތުގަ ފުލުހެ އް ބަހަ އްޓަން ބުނި ސޮރު މި އަދު މަޖްލީސް ރަ އީސް އަކީ. ލަވަ ޖަހާ ނަށާ ތަންތަން ހަދާ ބިލް މަޖްލީހަ ނުލާ ޑޮލާރ ރޭޓަ އް ހަ އްލެ ހޯދާ ބިލެ އް ހުށަހަޅާ ދީބަލަ މްޑީޕީ ޑަމްބް 65 މްޕީސް

The name is already taken The name is available. Register?

އެެެއެމްސް

29 October 2020

ޑޮލަރުގެ ކަޅު ބާޒާރެއް ރާއްޖޭގަ އުފެދި އެންމެބޮޑަށް ފައްކާވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގަކަމީ ދެބަސް ނުވެވޭނެ ޙަޤީގަތެއް!

The name is already taken The name is available. Register?

ކައުންސެލަރު

28 October 2020

މޫސަ ހާސްވެނުލައްވާ. ކޮންމެ ޑޮލަރެއްގެ ފަހަތުގައި އެބަތިބި ސްޓާފޯސް ފުލުހުން. ޑޮލަރު އަގުބޮޑު ވޭތައެބަ؟ ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ހުރޭވިއްޔަ! ދެނޯ؟

The name is already taken The name is available. Register?

ވައްސަލާމް

28 October 2020

"ހެކި" އެހެން ޖަހާފަ އެމްއެމްއޭ އައް ސިޓީ ފުނުވަން ފެނޭ. ސިޓީއުރައިގެ ބޭރުގަ ބޮޑުއަކުރުން ޖަހާތި ނަމަނަމަ.

The name is already taken The name is available. Register?

ގުދުގުދާ ބެއްޔާ

28 October 2020

މިއީ އަރަތެއް! ޓީޓީ އެއް ފޮނުވަން ބޭންކަށް ހިގައްޖެނަމަ 2000 ޑޮލަރ ގެ ޓީޓީ އަކަށް ބޭންކުން ދެނީ 1000 ޑޮލަރ ބާކީ 1000 ޑޮލަރ އަމިއްލަ އަތުން ހޯދަންޖެހޭނީ! ދެން ޖެހޭނީ ޑޮލަރ ހުރި މީހެއްގެ ކައިރިއަށް ގޮސް ސަލާންޖަހަން! އޭރުން ވިއްކާނީ ބޮޑުއަގުގައި. ރާއްޖެއިން ބޭރަށް ބޭހަށް ދާން ޓިކެޓައް 500 ޑޮލަރ ބޭންކުން ވިއްކަނީ! ދެން 500 ޑޮލަރ ހިފައިގެން ބޭހައް ދެވޭތަ؟ އެމްްއެމްއޭ މިކަހަކަ ވާހަކަ ދައްކަން ލަދު ހަޔާތް ކޮބާ؟

The name is already taken The name is available. Register?

ޑައިވަރޭ

28 October 2020

ބަޔަކު އަދި ވައިބާ ގުރޫޕެއްގައި ބޭނުން ރޭޓެއް ޖަހާފައި އިސްތިހާރު ކުރިޔަކަސް އޭގެ މާނައަކީ އެމުއާމަލާތް އެގޮތަށް ކުރިއެކޭ ނޫނީ ކުރެއެކޭ އެއް ނޫން ކަންނޭގެ....

The name is already taken The name is available. Register?

އެހެންހަމަ

28 October 2020

އޭތި ކޯޓުގަ ސާބިތުކޮށްދޭނީ ކިހިނެއް

The name is already taken The name is available. Register?

ޖުމާ12

28 October 2020

ފައިނޭންސް ސެކްޓަރ ގަ ޑިސިސަން ނަގަން ތިބީ ވެސް ރިސޯޓް އޯނަރުން. ޑޮލަރ ވިއްކަނީވެސް އެމީހުން. ހަމަ އެއްބައެއް ހުރިހާ އެއްޗެއް ކޮންޓްރޯލް ކުރަނީ

The name is already taken The name is available. Register?

ޖާހިލާ

28 October 2020

މުޅި ފައިނޭންސް ސެކްޓަރ މުސްކުޅިވެފަ. ޒުވާނުން ކިޔަވައިގެން ދާއިރާއިން ފުރުސަތު ނެތިފަ. ތިއީ މުޅިން ރިފޯރމް ކުރަން ޖެހިފައި އޮތް ދާއިރާއެއް، ބައެއް ތަންތާގަ ރިޓަޔާ ކޮށްފަތިބި މީހުން މުއްދަތު ޖަހާފަ ބައިތިއްބާފަ. ވަކި ބަޔަކު ބުނާ ކަންކަން ކޮށްދެން. މީ ވާ ގައުމެއް.

The name is already taken The name is available. Register?

އުނބު ހަސަން

28 October 2020

އާދެ އެމްއެމްއޭގައި ޒަމާނުއްސުރެ ތަންދޮރު އެނގޭ ބަޔަކު ތިބި ކަމަކަށް ނުފެނޭ. ރިޒާވް މެނޭޖްމަންޓް ދާއިރާގައި ތިބި ވެރިންގެ ނާގާބިލް ކަމާއި ގުޅިގެން ގައުމުގެ ރިޒާވް ހިންގުމުގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވޭ!

The name is already taken The name is available. Register?

އަޅުކަލޭގެ

28 October 2020

މިކަމަށް އޮތީ އެންމެ ހައްލެއް. ރާއްޖޭގެ އެތެރޭގައި ޑޮަލަރުން ވިޔަފާރި ނުކުރެވޭގޮތަށް ހެދުން. ރުފިޔާއަށް މާރުކޮށްގެން ނޫނިއްޔާ ޓޫރިސްޓުންނަށްވެސް ޚަރަދު ނުކުރެވޭގޮތަށް ހެދުން. ހުރިހާ ޑޮލަރެއް މަރުކަޒީ ބޭންކަށް ވިއްކަންޖޭހޭ ގޮތަށް ހެދުން. އޭރުން އެބޭންކުން ބޭރުގެ އެކިއެކި މުއާމަލާތްތަކަށާއި ދަތުރުތަކަށް ބޭނުންވަރަކަށް އެހެން ބޭންކުތަކަށް ޑޮލަރު ދޫކުރުން.

The name is already taken The name is available. Register?

1828

29 October 2020

ދެން ޑޮލަރު ގަންނަން ރާއްޖެތެރެމީހާ ދާންޖެހޭނީ މާލެއަށް. ވައިގެ މަގުން ދަތުރުކުރަންޏަ ދެކޮޅަށް 2000+ ރުފިޔާ. ސަޅިއޭ މާލޭ ބޭފުޅުންގެ ވިސްނުން. އެމީހުންނަކަށް ނޭނގޭ ރާއްޖޭގެ އެހެން ރަށްރަށުގައި 'ދިވެހި' ރައްޔިތުން ދިރިއުޅޭކަމެއް. ވިސްނުމުގެ ހަނިކަން މިހުންނަނީ.

The name is already taken The name is available. Register?

ބާލައާދަނު

30 October 2020

@1828 ރާއްޖެތެރޭ މީހުން ކީއްކުރާ ށޯ ޑޮލަރު ހޯދަނީ؟ އެއީ ބަނޑު ކެއުމަކަށް ކާ އެއްޗެއްދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454