ޝަހީބު: އޭނާ ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ފުލުހުން ވަނީ ނިންމާފައި
28 އޮކްޓޯބަރ 2020 - 20:40
ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯ ޑްރަގްގެ މައްސަލާގައި ހައްޔަރު ކުރި، ޕީއެންސީ ކައުންސިލްގެ ކުރީގެ މެމްބަރު ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހީމް މިއަދު ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ 14 ވަނަ ދުވަހު ހައްޔަރު ކުރި ޝަހީބު ދޫކޮށްލީ، އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން އެ އިތުރުކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުންނެވެ. ފުލުުހުން ބުނިގޮތުގައި ކޯޓުން އޭނާ ދޫކޮށްލީ، ދެ ވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް، ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު ހުށަހަޅާފައިވަނިކޮށެވެ.
"އެހެންވެ، މި މައްސަލަ އިސްތިއުނާފް ކުރުމަށް ވާނީ ނިންމާފަ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ރާއްޖެ އަށް ޑްރަގް އެތެރެކުރަން ބޭނުންކުރި ކަމުގެ ތުހުމަތަށް މިދިޔަ އަހަރު ހިފެހެއްޓުމަށް ފަހު ދޫކޮށްލި ބޯޓެއް ފެތުނު ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލައިގެން ބޭނުންކުރަމުންދާ މައްސަލައެއް ވެސް ޝަހީބުގެ މައްޗަށް ތުހުމަތު ކުރެ އެވެ. ފުލުހުން ބުނާ ގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަތުލައިގަތް އީރާން ބޯޓުގެ މައްސަލައާ ޝަހީބު ގުޅުން އޮވެ އެވެ. ނަމަވެސް އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައި ވަނީ އޭނާ ކަމަށާއި އެ މައްސަލާގައި ޝަހީބާއި އީރާނުގެ ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުނެފައި ވެ އެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ޝަހީބު ސަސްޕެންޑް ކުރުމާއެކު އޭނާ ވަނީ ޕީއެންސީން ސަސްޕެންޑްކޮށްފަ އެވެ. އޭނާ އަކީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާ އަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ކުރި މީހެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުސޫލުން ބޭރުން މީހުން އަތުން ފައިސާ ނަގައި ފްލެޓު ދިން ކަމަށް ތުހުމަތުުކުރެވުނު މައްސަލައިގައި ވެސް ޝަހީބުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަރެން344
29 October 2020
އިސްތިއުނާފު ނިމޭއިރަށް ހެކި ނައްތާ ނިމިފައި އޮންނާނީ....
ކޮލަމާފުށި
28 October 2020
އަވަސްކުރޭ ފުލުހުންނޭ...ކޯޓްތައް އެބަޖެހޭ ސާފްވާން. ދުވާލު އިރުހެން ފެންނަން އެހެރީ ހެކިތައް..އެކަމަކުވެސް ކޯޓްތަކުން މިބައިގަނޑު ދޫކުރަމުންދަނީ..
ހާސަރު
29 October 2020
ކޯޓްތަކުގެ އެކަނި މައްސަލަ އެއްނޫން ، ފުލުހުންނަށްވެސް މިހާރު ވެއްޖެދޯ ކޯޓްތަކުން މިމީހުންދޫކުރަނީ ކޮންއިޖްރާއަތެއް ފުރިހަމަ ނުކުރާތީކަން އެގެން. ކޯޓުން ދޫނުކުރެވޭވަރަށް އިޖްރާއަތްތަށް ފުރިހަމަ ކުރާނަމަ މިހެން ދޫނުވީސް. ފުލުހުން ބުނިއެއްޗެއް ހުރީހޯދާދީފަ.
ބާރަށްއަތްޖަހާ
28 October 2020
އަސްތިއުނާފު ކޮށްކޮށް ތިބޭ. މިބައިގަނޑު ފާހާނާއަކަށް ވަދެލާފައި ނިކުންނަހެން ކޯޓަށް ވަދެފަ ނިކުމެ ނިކުމެ ތިބޭނީ.