ގައުމުގެ ހާލަތު ރަނގަޅުކުރެވޭނީ އިސްލާމީ ދައުލަތު ފެށިގެން އައި އިރު މުސްލިމުން ދެއްކި ފަދަ ހިތްވަރުގަދަ ކަމާއި މަސައްކަތްތެރިކަމުގެ ނަމޫނާ ސިފަތައް ދިވެހިންގެ ފަރާތުން ވެސް ފެނިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހާ ގުޅިގެން ތަހުނިޔާ ވިދާޅުވަމުން ރައީސް ވިދާޅުވީ، އެ ގޮތަށް އަމަލުކުރުމުން އިގްތިސާދީ ގޮތުންނާއި އިޖްތިމާއި ގޮތުން ގައުމުގެ ހާލަތު ރަނގަޅުކުރެވޭނެ ކަމަށެވެ.
މި މުނާސަބާއާ ގުޅިގެން ފޮނުވި މެސެޖްގައި އެ މަނިކުފާނު ވަނީ އިސްލާމީ ގައުމުތަކުގެ އިސްވެރިންނާއި ހުރިހާ މުސްލިމުންނަށް މި ދުވަހުގެ ތަހުނިޔާ އާއި މުބާރަކްބާދީ އަރިސްކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި މުނާސަބާއިން ހަނދުމަފުޅު ވަނީ ކީރިތި ރަސޫލާ މެދުވެރިކުރައްވައި މުޅި އިންސާނިއްޔަތަށް އިސްލާމްދީނުގެ ހިދާޔަތް ދެއްވި ކަމުގެ މަތިން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދިވެހިން ގުޅިގެން އިސްލާމީ އަގީދާ ގަބޫލުކުރި ދުވަހުން ފެށިގެން ދިވެހި ތާރީހުގެ އާ ސަފްހާއެއް ފެށުނު ކަމަށް ވެސް ވިދާޅުވި އެވެ.
މިފަދަ ދުވަހެއް ފާހަގަ ކުރާއިރު ކީރިތި ރަސޫލާގެ ކިބައިން ލިބޭ ފިލާވަޅުތަކަށް ތަބާވެ، ދުނިޔަވީ ހަޔާތުގެ ކަންކަން އިސްލާހުކުރުމަށާއި ދެ ދުނިޔެ ބާއްޖަވެރިކުރަން މަސައްކަތްކުރުމުގެ މުހިއްމު ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އެއްބައިވަންތަ ކަމާއި އަދުލް އިންސާފާއި ދީލަތިކަމާއި އޯގާތެރިކަން އިސްކުރުރުން ފަދަ ރީތި ސިފަތައް ސަމާލުކަން ދޭން ރައީސް ނަސޭހަތްތެރިވެ ވަޑައިގަތެވެ.