ފްރާންސްގެ އުފެއްދުންތައް އެތެރެކުރުން ހުއްޓާލަންޖެހޭ: އާދަމް ޝަރީފް

ކީރިތީ ރަސޫލާއަށް ފްރާންސުން ޖޯކް ޖަހާފައިވާ ކަމަށާއި އެހެންވެ އެ ގައުމުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން ހުއްޓާލަނަ ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުވައްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ ބައެއް ގައުމުތަކުން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކުރަމުންދާ ކަމަށާއި އެ ގައުމުތަކާ މެދު ދިވެހި ސަރުކާރުން އެއްވެސް ބަހެއް ނުބުނާ ކަމަށެވެ. އެއީ ދިވެހިން ބޭނުންވާނެ ގޮތެއް ނޫން ކަމަށާއި ދިވެހިން ބޭނުންވާނީ އިސްލާމްދީނުގެ ހައްގުގައި ރާއްޖޭން މަސައްކަތް ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަަބޫލުކުރާ ގޮތުގައި މިއަދު ފްރާންސުން ރާއްޖެއަށް މި އެތެރެކުރާ ތަކެތި ހުއްޓުވަން އެބަޖެހޭ. ފްރާންސުން އެވަނަި ﷲ ސުބުހާނަހޫ ވަތައާލާއަށް، ހާއްސަކޮށް ރަސޫލާއަށް ފުރައްސާރަކޮށް ޖޯކް ޖަހައި ކަންތައްތައް ކޮށްފައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް އިއްޔެ އެ ވާހަކަ ދެއްކެވި ފަހުން ސަރުކާރުން ވަނީ ރަސޫލާއަށް ފުރައްސާރަކުރުން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. ނަމަވެސްް އެ ބަޔާނުގައި، ފްރާންސްގެ ނަން ނުގެނެސް ބުނެފައި ވަނީ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ ފިތުނަވެރިކަމުގެ ގޮތުން ގަސްތުގައި ހިންގާ އަމަލުތައް ކަމަށާއި އެކަން ރާއްޖޭން ކުށްވެރިކުރާ ކަމަށެވެ.

ދަރިވަރުންތަކަކަށް ކީރިތި ރަސޫލާގެ ކާޓޫނު ކުރަހައި ދެއްކި ކަމަށް ބުނެ ފްރާންސްގެ ޓީޗަރަކު މަރާލި ހާދިސާ އަށް ފަހު އެ ގައުމުގައި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހިންގުން އިތުރުވެފައި ވަނިކޮށް ރާއްޖޭން ނެރުނު ބަޔާނުގައި މިފަދަ އަމަލުތަކާ މެދު ވަނީ ކަންބޮޑުން ފާޅުކޮށްފަ އެވެ.

"އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ޑިމޮކްރެޓިކް މި ރާއްޖޭން އަބަދު ވެސް، ހިޔާލުފާޅުކުރުމުގެ މިނިވަންކަން، އިންސާނީ އަސާސީ ހައްގެއްގެ ގޮތުގައި ދަމަހައްދާނެ އެވެ. ނަމަވެސް ހައްދު ފަހަނައެޅުމުގެ ހުރިހާ ކަމަކަށް ރާއްޖެއިން ދެކޮޅު ހަދަމެވެ،" ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ އިސްލާމް ދީނަކީ ސުލްހަވެރިކަމުގެ ދީނެއް ކަމަށާއި އެ ދީނާ ޓެރަރިޒަމް ނުވަތަ ދީނީ ހަރުކަށި ފިކުރާ ގުޅުވައި ވާހަކަދެއްކުމަކީ ރާއްޖޭން އެއްވެސް ގޮތަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

އިސްލާމްދީނަށާއި ރަސޫލާއަށް ފްރާންސް ސަރުކާރުން ފުރައްސާރަކުރި މައްސަލައިގައި އެގައުމު ކުށްވެރިކޮށް އިސްލާމީ ގިނަ ގައުމުތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ. އެގައުމުގެ އުފެއްދުންތައް ބައެއް ގައުމުތަކުގެ ވިޔަފާރިވެރިން ބޮއިކޮޓް ކުރި އިރު، އެ އުފެއްދުންތައް ބޮއިކޮޓް ކުރަން ބައެއް ސަރުކާރު ތަކުން ވެސް ގޮވައިލި އެވެ. ފްރާންސް ކުށްވެރިކޮށް އަޑު އުފުލަން ބައެއް އިސްލާމީ ގައުމުތަކުގައި ބޮޑެތި މުޒާހަރާތައް ވެސް ވަނީ ކޮށްފަ އެވެ.