ޚަބަރު / ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަމީލް ނައިބު ރައީސްކަމުން ވަކިކުރި މައްސަލަ ކޯޓަކަށް ނުބެލޭނެ: ދައުލަތް

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް: އޭނާ ވަކިކުރި މައްސަލަ ކޯޓަކަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނޭ -- ފޮޓޯ/މިހާރު

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަަގާމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖަމީލް ހުންނަވަނިކޮށް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބުނެ ޖަމީލް ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އޭނާ ވަކިކުރީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލައިގެ ޝަރީއަތް މިއަދު ފެށުމާ އެކު، ދައުލަތުން ބުނީ މަޖިލީހުގެ ނިންމުންތަކުގެ ސައްހަ ކަމުގެ މައްސަލަ ކޯޓުތަކަށް ނުބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށާއި އޭގެ ބޭނުމަކީ މަޖިލީހުގެ ނިންމުންތަކަށް ހިމާޔަތް ދިނުން ކަމަށް ދައުލަތުން ބުންޏެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓަކުން ރައީސަކު ވަކިކުރަން ނިންމާ ނިންމުމަކާ މެދު ސުވާލު އުފެދިއްޖެ ނަމަ ސުޕްރީމް ކޯޓަށް އެ މައްސަލަ ބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވިޔަސް، ނައިބު ރައީސަކު ވަކި ކުރުމާ ގުޅިގެން އުފެދޭ މައްސަލަތައް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ނެތް ކަމަށާއި އެހެންވެ، އެ މައްސަލަ ބެލޭނެ ހަމައެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި އިތުބާރު ނެތްކަމުގެ ވޯޓުތަކާ މެދު ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް 2017 ވަނަ އަހަރު އެ ކޯޓުން ނިންމާފައި ވިޔަސް، އެއީ ގޯސް ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން އޭރު ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އަދި އެދިފައިނުވާ ބައެއް ކަންތައްތައް ވެސް އެ ހުކުމުގައި ކަނޑައަޅާފައި އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ. އަދި ކޯޓުތަކަށް ވެސް ގާނޫނުއަސާސީން ނުދޭ ބާރެއް ބޭނުން ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ނިންމާފައިވާ ކަމަށާއި އެހެންވެ، ކުރީގެ ނިންމުމާ ސުޕްރީމް ކޯޓުން މިހާރު ދުރަށް ދާންޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ކަމުން މުހައްމަދު ފަހުމީ ހަސަން ވަކިކުރި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ނެރުއްވި ތަފާތުވި ރައުޔު ވެސް ދައުލަތުން ފާހަގަކުރި އެވެ. މަޖިލީހުން ނިންމާ އެފަދަ ނިންމުމެއް ކޯޓަކަށް ނުބެލޭނެ ކަމަށް އެ ރައުޔުގައި ބުނެފައިވާ ކަން ދައުލަތުން ފާހަގަކުރި އެވެ.

ދައުލަތުން ބުނިގޮތުގައި އެ މައްސަލަ ކޯޓަށް ބެލޭނެ ކަމަށް ނިންމިޔަސް، އެ މައްސަލަ ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ކޮން ކޯޓަކުން ކަމާ މެދު ސުވާލު އުފެދޭނެ އެވެ. ސަބަބަކީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބޭ ދުސްތޫރީ މައްސަލަތައް ފިޔަވައި އެހެން ބާވަތުގެ ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓަށް ފުރަތަމަ މަރުހަލާގައި ނުބެލޭނެ ކަމަށް ދާދިފަހުން އެ ކޯޓުން ނިންމާފައި އޮތުމުން ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހަށް ދައުވާލިބޭ ގޮތަށް ކަމަށް ވިޔަސް، މަޖިލިސް ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ކޯޓަށް ހާޒިރުވެ ތިބުމުން އެކަން އިޖްރާއީ މައްސަލައެއްގެ ގޮތުގައި ޖަމީލްގެ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ނެންގެވި އެވެ. މުއިއްޒު ވިދާޅުވީ މަޖިލީހަކީ ދައުލަތުގެ އެއް ބާރު ކަމަށާއި އެހެންވެ، އޭޖީ އޮފީހަށް މަޖިލިސް ތަމްސީލު ނުކުރެވޭނެ ކަމަށެވެ. އަދި ލޯކަލް ކައުންސިލްތައް ކޯޓުގައި ތަމްސީލު ކުރުމުގެ ބާރު ވެސް އޭޖީ އޮފީހަށް ނޯންނަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ދުސްތޫރީ މައްސަލަތަކުގައި ދައުވާ ރައްދު ވާނީ އަބަދުވެސް ދައުލަތަށް ކަމަށް ދާދިފަހުން އެ ކޯޓުން ނިންމި މައްސަލައެއްގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، އޭޖީ އޮފީހަށް އެ މައްސަލާގައި ދައުލަތް ތަމްސީލު ކުރެވިދާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޖަމީލް ވަކިކުރި ސަބަބުތަކުގެ ތެރޭގައި މަސްއޫލިއްޔަތު އަދާ ނުކުރެއްވުން ހިމަނާފައިވާއިރު، ނައިބު ރައީސާ ޒިންމާތައް ހަވާލު ކުރައްވަނީ ރަައީސް ކަމަށްވާތީ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ވިދާޅުވެވޭނީ ވެސް ރައީސަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ޖަމީލާ މެެދު އެފަދަ ހިތްހަމަނުޖެހުމެއް އޮތް ކަމަށް އޭރުގެ ރައީސް އަބްދުﷲ ޔާމީން ނެރުއްވި ބަޔާނަކުން ނުވަތަ އެ ނޫން ގޮތަކަށް ވެސް ހާމަ ކުރައްވާފައި ނުވާ ކަމަށާއި އެހެންވުމުން ޖަމީލް މަސްއޫލިއްޔަތު އަދާ ނުކުރެއްވި ކަމަށް މަޖިލީހަށް ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ޖަމީލް ވަކިކުރަން ނިންމީ އިންސާފުގެ ހަމަތަކާ ޚިލާފަށެވެ. އެގޮތުން މަޖިލީހުގެ ގަވާއިދު 30 މިނެޓް ތެރޭގައި އިސްލާހުކޮށް، ކޮމެޓީގައި ޖަވާބުދާރީވާން ފުރުސަތު ނުދޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ހިނގިއިރު ޖަމީލް ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށްވުމުން އޭނާއަށް މަޖިލީހަށް ހާޒިރުވެ ވަޑައިނުގެންނެވޭތީ ވަކީލެއް ނުވަތަ ލިޔުމުން ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިން ކަމަށާއި ޖަމީލް އަމިއްލަ އަށް ހާޒިރުވެ ވަޑައިނުގަންނަވަނީސް ޖަވާބުދާރީވާން ފުރުސަތު ނުދެއްވޭނެ ކަމަށް މަޖިލީހުން އިއުލާންކުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެހެންވެ، ޖަމީލް ވަކިކުރަން ނިންމީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެކަމުގެ ސަބަބުން ޖަމީލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައިދޭން މުއިއްޒު އެދިވަޑައިގަތެވެ.

ފަސް ފަނޑިޔާރުންގެ ބެންޗުން ބައެއް ސުވާލުތައް ދެ ފަރާތަށް އަމާޒު ކުރެއްވުމަށް ފަހު އެންގެވީ ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބު ދެއްވުމަށެވެ. އެގޮތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނީ ކިހިނެއްތޯ އާއި އެ މައްސަލަ ދުސްތޫރީ މައްސަލައަކަށް ވަނީ ކިހިނެއް ވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް އެފަދަ ކަމެއްގައި މަޖިލީހުން އަމަލުކޮށްފި ނަމަ ދެން އޮތް ހައްލަކީ ކޮބައިތޯ އާއި ދުސްތޫރީ މައްސަލައެއްގެ ތެރެއިން ބަދަލު ހޯދޭނީ ކިހިނެއްތޯ ވެސް ސުވާލު ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ޖަމީލް ވަކިކުރަން ނިންމިއިރު އޭނާ ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އޭގެފަހުން އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު އޭނާ ރާއްޖެ ވަޑައިގަތީ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނިމުމުންނެވެ.

8 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަކީނޯ

19 November 2020

ޖަމީލު ޔޫކޭ ގަ ފިލާއޮތީ މައްސަލަ ކޯޓަށް ވައްދަންވީ ދުވަހު. އެދުވަހު މިގައުމުގެ ގާނޫނީ ނިޡާމަށް ފިލައިގެން އުޅުނީ. މިއަދު ރައްޔިތުން ކުރި މަސައްކަތުން އުދަރެސް މަތި އަމާންކޮށް އަބުރާ ފޯއްމުލަކަށް ޖަމީލު ގެނެސް ދިނީމަ ރައްޔިތުންގެ މޫނުމަތީގަ މިޖަހަނީ އަތްފޭކޮށްފަ. ދައުވާ ރައްދުކުރަންވާނީ ޔާމީނަށް. ރައްޔިތުންނަކަށް ނޫން.

The name is already taken The name is available. Register?

ކަޔާނޯ

21 November 2020

އެދުވަހު އަކީނޯމެންނަށްވެސް ޖަމީލް ވަރުގެ މީހަކު ނެތިގެން އުޅުނީ. އެދުވަހު އަކީނޯވެސް ހޮވީ ޖަމީލަށް އިންސާފު ހޯދަދޭށޭ. ޖަމީލު ބޭރެއް ނުކުރެވޭނޭ އެދުވަހު ގޮވީ. މިއަދު ވައި އެނބުރި އޮއިވަރު ބަދަލުވެ ހިކިފަސްތަނެއްގަ ފައި ޖެހޭ އިރަށް އަކީނޯމެންގެ ބަސްވެސް ތިއޮތީ ބަދަލުވެފަ. އެއީ މުނާފިގުކަމުގެ އަލާމާތެއް

The name is already taken The name is available. Register?

ކޮމަންމޭން

19 November 2020

ފަހުމީ އަކީ މަޖިލީހުން ސީއެއްސީ އަށް ހޮވީ މީހެއް. ޖަމީލަކީ ރައްޔިތުން ހޮވި މީހެއް. ފަހުމީ ބޭރުކުރި މައްސަލަ ކޯޓަށް ނުބެލުނަސް ޖަމީލު ވަކިކުރި މައްސަލަ ކޯޓަށް ބޭލޭނެ. މިވަރު ޤާނޫނުއަސާސީގައި ބީހިލި މީހަކަށް ވިޔަސް ވެސް އެގޭނެ.

The name is already taken The name is available. Register?

ފަހުމީ

20 November 2020

ރައީސްގެ ވެސް އިތުބާރު ގެއްލުނީމަ މަޖިލިހުގެ ވޯޓުން އޭނަ ބޭރު ކުރެވޭ. ނާއިބު ރައީހަކީ ރައީސަށް ވުރެ މަތީގައި ހުންނަ މީހެއް ނޫންކަން އެކައްޗެއްގައި ނުބީހޭ މީހަކަށް ވެސް އެނގޭނެ.

The name is already taken The name is available. Register?

ނޫރާ

21 November 2020

ކަލޯ ފަހުމީ އެވެ. ކޮމަންމޭން އެބުނަނީ ރައްޔިތުންގެ މަޖިލީހުން ހޮވާ މީހަކު( މިނިވަން މުއައްސަސާތަކުގެ މެންބަރުން، ޕީޖީ، ފަނޑިޔަރުން..) މަޖިލީހުން ވަކި ކުރީ ރަނގަޅަށް ތޯ ނުވަތަ ނޫންތޯ ކޯޓުތަކަށް ބެލުމުގެ އިޚްތިޔާރެއް ނޯވެދާނޭ. އެކަމަކު ރައީސް އާއި ނައިބު ރައީސް އަކީ ރައްޔިތުން ހޮވާބަޔަކަށްވެފައި އެމީހުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމި ނިންމުމުގައި ޢަމަލުކުރި އިޖުރާޢާތު ރަނގަޅުތޯ ނުވަތަ ގޯސްތޯ ކޯޓުތަކަށް ބެލޭނެއޭ.

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

19 November 2020

ތިމައްސަލައިގައި ޖަމީލުޖެހޭނެ ޖަމީލު ވަކިކުރިމީހާއަށް ސިޓީލިގެން ކީއްވެތޯ ޖަމީލުވަކިކުރީ ބަލާން. ދެން އޭނާގެ އަތުން ތިޔަހޯދަންއުޅޭ ބަދަލެހޯދާން. ދިވެހިރައްޔިތުންއަތުން އޭގެ ބަދަލުހޯދާންނޫޅޭ.

The name is already taken The name is available. Register?

ބައިރޯ

19 November 2020

ބެލިގެން ނުވާނެ، ވެރިކަން ފެށިގެން އަންނަނީވެސް ރައްޔތުންގެ ފަރާތުން، ނިމޭނީވެސް ރައްޔަތުންގެ ފަރާތުން، ރައްޔަތުންގެ މަޖުލީހަކީ ރައްޔަތުން، ރައްޔަތުން ނިންމީމަ ނިމޭނެ، ތިހެން ތިކަން ކޮށްފިޔާ 7 މީހުން އަތަށް ކުރީގަވީހެން ވެރިކަން ދެވިދާނެ ހޯހޯ!!!!!

The name is already taken The name is available. Register?

ެެއެދުމާ ވެދުމާ

19 November 2020

މިހާރު ކޯޓްތަކަކީ ރަގަޅައް ހިގާ ތެނެއްކަން އެގުނީމައި މިދަނީ ކޯޓައް ލާރިގަޑެއް ހޯދަން. އެހެން އެއްވެސް ކަމަކުނޫން. މީގެ ކުރިންވެސް ތިކޯޓްތައް ހުއްޓޭ. ކީއްވެ ނުދިޔައީ. ކަޑާލީމައި ދާންވީއެއްނުން. އަޅެ މައްސަލަ ނުޖައްސާ މި ގައުމަށް ކަމެއް ކޮށްދީބަލަ. އޭރުން ރައްޔަތުން މަނިކުފާނު ބަލައިގަންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!