ކޮވިޑް-19 ފެތުރުން ހުއްޓުވަން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި ހުންނަ ސަލްޓަން ޕާކު މިދިޔަ މާޗު މަހު ބަންދުކުރުމަށް ފަހު، މިއަދު ފަތިހު އަލުން އާންމުންނަށް ހުޅުވާލައިފި އެވެ. އާންމުންނަށް ސަލްޓަން ޕާކު މި ހުޅުވީ ނުވަ މަހަށް ފަހު އެވެ.
މާލެ ސިޓީ ކައުންސިލް މެމްބަރު އަހުމަދު ޒަމީރު "މިހާރު" އަށް ވިދާޅުވީ ޕާކު އާންމުންނަށް ހުޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކަމަށެވެ. ޕާކަށްދާ މީހުންގެ ހުމުގެ އެއްވެސް އަލާމާތެއް ހުރިތޯ ވެސް ބަލާނެ އެވެ. އަދި ފަސޭހައިން އަތްދޮވެވޭނެ އިންތިޒާމް ވެސް ޕާކުުގައި ހަމަޖައްސާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާކަށްދާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރަން އެތަނަށްދާ މީހުންގެ ދަބަސް ޗެކްކުރުން ފަދަ ކަންތައްތައް އެތަނުގެ ސެކިއުރިޓީން ކުރާނެ،" ޒަމީރު ވިދާޅުވި އެވެ.
ސަލްޓަން ޕާކު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ފެށިގެން ހެނދުނު 9:30 އާ ހަމައަށް އަސި ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30 ގެ ނިޔަލަށެވެ.
ޕާކަށް ދާ ބިދޭސީންގެ އަތުން އެންޓްރީ ފީ އެއް މީގެ ކުރިން ނެގި ނަމަވެސް މިހާރު ބިދޭސީންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕާކު އަލުން މި ހުޅުވަނީ އެންމެނަށް ހަމަހަމަކޮށް ޕާކުގެ ބޭނުން ކުރެވޭނެ ގޮތަށް،" ޒަމީރު ވިދާޅުވި އެވެ.
ޕާކު މި ހުޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް 50 އަށް ވުރެ ދަށްކޮށް މަހެއް ވަރު ހުރުމަށް ފަހު އަނެއްކާ ވެސް އިތުރުވާން ފަށާފައިވާ ދުވަސްވަރެއްގަ އެވެ. ކޮވިޑަށް އިއްޔެ 94 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 49 މީހަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި ބައެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ކ. ރަށްފަޅު ހުރާގައި މަސައްކަތް ކުރާ 42 މީހަކު ހިމެނޭ ކަމަށެވެ.
މިހާތަނަށް 12،456 މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ އިރު މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 1،004 މީހުންނެވެ. ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 45 މީހެކެވެ.