ޕީޕީއެމް މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން މިރޭ ބޭއްވި "އަސްލު" ޖަލްސާއަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ރައީސް ސަލާމްކުރައްވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
05 ނޮވެމްބަރ 2016 - 00:31
ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރާއިރު މިރޭ ހިޔަނި އެޅިގެން ދަނީ އެ ޕާޓީގެ ރައީސް އެކުގައި ނެތުމުން ކަމަށާއި އަލުން ގުޅިވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދައުވަތު ދެއްވައިފި އެވެ.
މާލެ އާއި އެކި ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު އެއްކޮށްގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫން އެ ޖަލްސާގައި އިންނެވި ނަމަ އުފާވެރިކަން އިތުރުވެގެންދިޔައީސް ކަމަށެވެ.
"މި ޖަލްސާގެ އުފާވެރިކަން އިތުރުވެގެން ދިޔައީސް އަޅުގަނޑުމެންގެ ޕާޓީގެ ރައީސް އަޅުގަނޑުމެންނާއެކު އިންނެވި ނަމަ. ޝައްކެއް ވެސް ނެތް ގޮތުގައި މި ޖަލްސާ އަށް ހިޔަނި އެޅިގެން މިދަނީ އަޅުގަނޑުމެންގެ ޕާޓީގެ ރައީސް އަޅުގަނޑުމެންނާ އެކީ މި ބައްދަލުވުމުގައި ވަޑައިގެން ނެތީމަ،" ރައީސް ވިދާޅުވި އެވެ.
ރައީސް މައުމޫން އަލުން ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވިއިރު އެމަނިކުފާނު މި ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވާފައިވާކަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އިއުލާންކުރައްވައިފަ އެވެ. އެ މަނިކުފާނު އެކަން އިއުލާންކުރެއްވީ އެ ޕާޓީގެ ރައީސްގެ ބާރު ކެނޑޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ޕާޓީ ދެބައިވެ، ޕީޕީއެމްގެ ފަސް ވަނަ އަހަރީ ޖަލްސާ ބާއްވަން އުޅުމުން އެކަމަށް ހުރަސް އެޅުމުންނެވެ. އެ ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި މައުމޫން ވަނީ މި ސަރުކާރުގެ ވަރަށް ގިނަ ކަންތައްތަކަށް ފާޑު ވިދާޅުވެ ވާހަކަފުޅު ވެސް ދައްކަވައިފަ އެވެ.
"އަސްލު" ނަމުގައި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން
ރައީސް މައުމޫން އަލުން ވަޑައިގަތުމަށް ދައުވަތު ދެއްވައި ރައީސް ޔާމީން ވިދާޅުވީ "ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނާ އެކީ ވަޑައިގަންނަވާށޭ. އަޅުގަނޑުމެންނަށް މަގު ދައްކަވާށޭ" ކަމަށެވެ.
ރައީސް ވިދާޅުވީ ޕާޓީގެ އުސޫލްތަކުގެ ތެރެއިން ބޭބޭފުޅު ރައީސް މައުމޫނާ އެކު މަސައްކަތް ކުރައްވަން ތައްޔާރު ކަމަށެވެ.
އެ މަަނިކުފާނު ވިދާޅުވީ އެ ޕާޓީގައި މައްސަލަތަކެއް އުޅޭކަން އެނގިގެންދިޔައީ މިދިޔަ ފިތުރު އީދުގެ ތެރޭގައި ކަމަށެވެ. އަދި އެ ހިސާބުން ޕާޓީގެ ބައްދަލުވުންތަކެއް ބާއްވަން މަސައްކަތްޕުޅު ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކައުންސިލުން ގޮތްތަކެއް ނިންމައި އަދި ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންނާއި ޕާޓީގެ ރައީސާ ޕާޓީގެ އިސް ފަރާތްތަކާއި އެކީ މަސައްކަތްކޮށްގެން ހައްލުތަކެއް ހޯދޭތޯ. ވަރަށް ގިނަ އިންތިޒާރުތަކެެއް ކުރެވުނު، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު، އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެކަން ކާމިޔާބު ވެގެން ނުދިޔަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އޮތް ތާއީދު އަނބުރާ ގެންދެވިކަން މައުމޫން އިއުލާން ކުރައްވަނީ -- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ރައީސް ޔާމީން ވިދާޅުވީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތައް ކުރެއްވި ނަމަވެސް ފެނިގެންދިޔައީ ޖަޒުބާތުގައި ނަމަވެސް އުނދަގޫތަކެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕާޓީގެ ކުރިމަގު މުޅިން ބަންދުވެއްޖެ ކަމަށް ގަބޫލުކުރެވުނު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޕާޓީގެ އެކި ގުނަވަންތައް ހުއްޓުނު ތަން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. އަދި އެކަން ޕާޓީގެ ތެރެއިން އިއުލާންކުރެވިގެން ދިޔައީ. މިކަންކަން ހައްލުކޮށްގެން ހަމަމަގަށް އެޅޭނެ ހަމައެކަނި ގޮތެއް ކަމުގައި އަޅުގަނޑުމެން ތަދުބީރުކޮށް ވެސް ފެނުނީ މިކަންކަން ނިންމޭނީ ދެން އިންސާފުވެރިކަމާ އެކީ ދެ ފަރާތުން ދައްކާ ވާހަކަ އަޑު އަހައި އެހެން ވެސް މައްސަލަތައް ނިންމާ ގޮތަށް ކޯޓަށް ގޮސްގެން ކަމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕާޓީގެ މައްސަލަތައް ހައްލުކުރަން ދެ މެމްބަރަކު ކޯޓަށް ވަޑައިގަތީ ޕާޓީގެ ރައީސް ގޮވައިގެން ނޫން ކަމަށެވެ. ކޯޓަށް ވަޑައިގަތީ ޕާޓީ ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ހަރަކާތްތެރިވާނެ ގޮތްތަކެއް ހޯދުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ޕާޓީގެ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ޕާޓީގެ ހުރިހާ ކަމެއް ހިނގާނީ މުސްތަޝާރުގެ ބެލުމުގެ ދަށުން ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖަލްސާ ބޭއްވުމާއި މީހުން ޕާޓީ އަށް ވެެއްދުން ފަދަ ކަންތައްކުރާނީ ޕާޓީގެ މެމްބަރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލލ
05 November 2016
ޤާސިމަށާއި އަދާލަތު އިމުރާނަށް ދައުވަތު ނުދެއްވާ ހަމަ އެކަނި ދައުވަތު މިދެއްވީ ބޭބޭ ފުޅައްތޯ!! އަސްލު ޖަލްސާ ހީކުރިވަރަށްވުރެން މީހުން މަދުވީމަތޯ ދައުވަތު ބޭބޭ ފުޅަތިޔަ އެރުއްވީ!
ދޮޅުގަޑި ބައި
05 November 2016
ދެން އެހެން ގޮތެއް ނެތްކަން ޔަގީންވި ހިނދު، އާދޭސް ކުރަންވެސް ޖެހޭނެތާއެވެ. ހަމަނޭވާ ލެވުނީމަ އަނެއްކާވެސް ބޮލުގައަޅާ އަޑިޔަށް ކޮއްޕާލާނެއެވެ.
ރރރ
05 November 2016
ދައުވަތު ދީގެން ރައީސް މައުމޫން އަލުން ގުޅިވަޑައި ނުގެންފިނަމް، އެމައްސަލަ ލާ ކޯޓައް، އޭރުން ކޯޓުންނިންމައިދޭނެ އަލުނަގުޅުމައް
އިއްބެ
05 November 2016
ޕީޕީއެމް ދެބައިވީ ރައީިސް ޔާމީންގެ ސަބަބުން! ތަރައްގީ ގެނައުމުގެ ނަމުގައި ދިވެހި ރާއްޖޭގެ ރައްޔިތުން އަޅުވެތިކަމެއްގެ ތެރެއައް ދާން ޖެހިދާނެފަދަ ގޮތަކައް ކަންކަން ކުރަން ފެށުމުން އެއީ ރަނގަޅު ގޮތް ނޫންކަމައް ބުނެ ޕީޕީއެމްގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް ނަސޭހަތްތެރި ވުމުންވެސް އެ އަޑު ނާހާ ގަދަބާރުން ޕާޓީ ފޭރިގަތުމުގެ އަސްލަކީ ޕާޓީ ދެފަޅިވުން. ރައްޔަތުންގެ ފުދުންތެރިކަން ގެއްލުވާލާފަ ތަރައްގީ ގެންނާކައް ދިވެހި ރައްޔަތުން ބޭނުމެއް ނުވާނެ......
ލލ
05 November 2016
ނަޝީދު އުޅުއްވަނީ ޕާލިމެންޓު ގޮޑިއެއް ލިބޭނެ ކަމުގެ ހުވަފެނުގައި މިރާއްޖޭގެ ޕާރލިމެންޓުގެ ގޮންޑި އެއީ ތެޔުވަޅުތަކެއް ވިއްޔާ ނުހޯދަންވީ ސަބަބެއްވެސް ނެއްތާ!
އައިއެފް
05 November 2016
ދެންލަލާ . ހަނދާންނައްތާލާ. ފުދިއްޖެ. އެއީ ޕާޓީގެ ރައީސް ގުޅޭކަށް ނުޖެހޭ.
އަލިދީދީއައްޑޫސިޓީ
05 November 2016
"ޝައްކެއް ވެސް ނެތް ގޮތުގައި މިޖަލްސާ އަށް ހިޔަނި އެޅިގެން މިދަނީ އަޅުގަނޑުމެންގެ ޕާޓީގެ ރައީސް އަޅުގަނޑުމެންނާ އެކީ މިބައްދަލުވުމުގައި ވަޑައިގެން ނެތީމަ،" - ޕިޕިއެމްގެ މުސްތަޝާރަށް އެނގި ވަޑައިނުގަންނަވަނީބާ، ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމަށް، މިބައްދަލުވުމަށް ދަޢްވަތު ނުދެއްވާނެކަމަށް، ބައްދަލުވުން އިންތިޒާމުކުރި ފަރާތުން މީޑިޔާގައި ފާޅުކޮށް އިޢްލާންކުރިކަން. އަދި ކިއެއްތަ، އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު، ރޭގައި ތިޔަތަނަކަށް ވަޑައިގެންނެވިނަމަ، ސަލާމަތީ ބާރުތަކުން އެމަނިކުފާނަކީ، ދަޢްވަތު ދެވިފައިވާ ފަރާތެއްނޫނޭ ނުވަދެވޭނެޔޭ ކިޔާ ފައްސާލާ، ކުރީ ރޭގަ އޮފީހަށް ވަނަނުދީ ފައްސާލިގޮތަށް، ނަހަދާނެކަމުގެ ކޮންއިތުބާރެއްތޯ އޮތީ. ދަމާހާ ގުއިރޯނެއްގަ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމު ޖެހިވަޑައި ނުގަންނަވާނެކަމުގައި، ދަންނަވަން. އެއީ އެއަށްވުރެ ދުރުވިސްނޭ ތަޖްުރިބާކާރު ޙިކުމަތްތެރި ހިތްވަރުގަދަ، ޢިލްމީ، އަދި ރައްޔަތުންގެ ލޯތްބާ އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް.
ގޮމަފުޅު
05 November 2016
ޔާމީނު ބޭނުންވެގެން އުޅޭ ގޮތަކީ ތިއޭ. ޔާމީނުގެ ޕޮކެޓް ތެރޭގައި އެންމެން ތިބެންވީ. ޔާމީނު ޖަހާހާ ބެރަކަށް ނަށަން.
އަރަތް
05 November 2016
ބަލަ ނޫސްވެރިންގެ ބައްދަލުވުމުގައެއްނު އާރިފްބުނީ މި ޖަލްސާއަށް މައުމޫނަށް ދައުވަތު ނުދެމޭ. ދެން ކޮންވާހަަކައެއް މި ދައްކަނީ، ޖަލްސާގަ ނެތީމަ ހިޔަނިއެޅެނީއޭ؟
ޒިންދަގީ
05 November 2016
އެއްދުވަހު ލޯބިވާބޭބެއޭ ވިދާޅުވެފަ، އަނެއްދުވަހު މިޖަހަނީ ކަޅުތެޔޮ. ދެނޯ!!
އުދުހޭ
06 November 2016
އެއީ ލޯބީގެ ކަޅުތެޔޮ ކަމަށް ވާނީ.