ސަރުކާރާ އިދިކޮޅު އެންމެން އެއްގަލަކަށް އަރައި ލަންޑަންގައި ކޯލިޝަނެއް ހެދީ ރާއްޖޭގެ މަސްލަހަތު ނަގާލަން ކަމަށް ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން މިއަދު ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އަމާޒު ހިފައި އެކުލަވާލި ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރަކީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. އެމަނިކުފާނަށް ލަފާ ދެއްވާ ތިން އެޑްވައިޒަރުންނާ އެކު ހިޔަނި ކެބިނެޓެއް ވެސް ވަނީ އުފައްދައިފަ އެވެ.
އޭގެ ތެރެއިން އެއް އެޑްވައިޒަރަކީ މިހާރު ލަންޑަންގައި ދިރިއުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެން ތިއްބެވީ ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.
އިދިކޮޅު ފަރާތްތަކުން އިއްތިހާދު ހެދުން ޕީޕީއެމުން ސިފަކުރީ "ގައުމަށް ގެއްލުން ދޭން ކުރި" ކަމެއްގެ ގޮތުގަ އެވެ. އިއްތިހާދުން ހިންގަން އުޅޭ ހަރަކާތްތައް ވަގުތުން ހުއްޓާލަން ޕީޕީއެމުން ވަނީ ގޮވާލައިފަ އެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް އިދިކޮޅު ހަރަކާތްތައް ހިންގުމަކީ ޑިމޮކްރަސީގައި އޮންނަ ކަމެއް ކަމަށެވެ. އެކަމަކު ބޭރުގެ އެކި ފަރާތްތަކުން އެހީ ހޯދައިގެން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް، ގައުމުގެ މަސްލަހަތު ނަގާލަން ހަރަކާތްތައް ހިންގުމަކީ އެ ޕާޓީ އަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީޕީއެމުން ބުންޏެވެ.
ވަކި ބައެއްގެ ޒާތީ މަގްސަދެއް ހާސިލްކުރަން ހިންގޭ މިފަދަ ހަރަކާތްތަކަކީ ޑިމޮކްރަސީގެ ރޫހާ ވެސް ހިލާފު ކަމެކެވެ. --ޕީޕީއެމް
"..ރާއްޖޭގެ މަސްލަހަތު ނަގާލައި ރާއްޖޭގެ އިގްތިސާދަށާއި ރާއްޖޭގެ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާތީ، އެކަމާ މި ޕާޓީން ކަންބޮޑުވުން ފާޅުކުރަމެވެ. އަދި ކުށްވެރި ކުރަމެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނިގޮތުގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް އެ ޕާޓީން މަރުހަބާ ކިޔާނެ އެވެ. "ނަމަވެސް ވަކި ބައެއްގެ ޒާތީ މަގްސަދެއް ހާސިލްކުރަން ހިންގޭ މިފަދަ ހަރަކާތްތަކަކީ ޑިމޮކްރަސީގެ ރޫހާ ވެސް ހިލާފު ކަމެކެވެ،" ޕީޕީއެމުން ބުންޏެވެ.
ރާއްޖެ އިން ބޭރުގައި ތިއްބަވައިގެން ހިންގާ ހަރަކާތްތައް މިހާރުން މިހާރަށް ހުއްޓާލައި ރާއްޖެ ވަޑައިގެން ޒިންމާދާރުކަމާ އެކު މަސައްކަތް ކުރަން ޕީޕީއެމުން ވަނީ އިދިކޮޅު ބޭފުޅުންނަށް ގޮވާލައިފަ އެވެ.
އިދިކޮޅު އިއްތިހާދުން ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވަނީ ގާނޫނު އަސާސީއާ ހިލާފަށް، ހުރިހާ ބާރުތަކެއް މުށުތެރެއަށް ޖަމާކުރައްވައިގެން ކަމަށެވެ. އެއީ، ގައުމާއި ރައްޔިތުންނަށް މަސްލަހަތު ހުރި ގޮތަކަށް ނުވާތީ، މި ސަރުކާރުން ކުރާ ކަންކަން ހުއްޓުވައި 2018 ގެ ކުރިން މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް ޔުނައިޓެޑް އޮޕޮޒިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.