ގިނަ ކަންތައްތަކަކަށް އަވަސް ބޮޑެތި ފިޔަވަޅުތަކެއް ނާޅައިފި ނަމަ ލޮކްޑައުންއަކަށް ގޮސް އަދި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބޮޑެތި ފިޔަވަޅުތަކެއް ދަމަހައްޓަން ޖެހިދާނެ ކަމުގެ އިންޒާރު ޓެގުން ދޭ.
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ފަންނީ ލަފާދޭ ގްރޫޕުގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ރޭ ނޫސްވެރިންނާ ވާހަކަދައްކަވަނީ: ފިޔަވަޅުތައް އަޅާ އިރު ބޮޑަށް ފައިދާ ކުރަނީ ބޮޑެތި ގިނަ ފިޔަވަޅުތަކެއް އަވަހަށް އަޅައިގެން ކަމަށް ވިދާޅުވި.
26 ފެބުރުއަރީ 2021 - 10:20
ކޮވިޑް-19ގެ ތިންވަނަ ރާޅުގައި ދޮޅު މަހެއްހާ ދުވަސް ހޭދަވި އިރު މާލެ ސަރަހައްދުގައި ބަލި ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް ނުފެންނަ ކަމަށާއި އިތުރު ފިޔަވަޅުތަކެއް ނާޅައިފި ނަމަ މި ހާލަތު ގިނަ ދުވަސްތަކަކަށް ދެމިގެން ހިނގައިދާނެތީ އަވަހަށް ބޮޑެތި ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފި އެވެ.
ރާއްޖެ އިން ކޮވިޑަށް ދުވާލަކު ޕޮޒިޓިވްވާ އަދަދު ސަތޭކަ އިން މަތީގައި ހުންނަތާ އެތައް ދުވަހެއް ވޭތުވަމުންދާ އިރު މާލެ ސަރަހައްދުގައި މި ރާޅު މައިތިރިވުމުގެ ނިޝާނެއް، ބަލީގެ ހާލަތު ވަޒަންކޮށްދޭ މިންގަނޑުތަކަކުން ނުފެނެ އެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު މަތީގައި ދެމިހުންނަ ވަރަކަށް ހާލު ދެރަވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.
ނޫސްވެރިންނަށް އޭގެ ތަފްސީލްތައް ދެއްވުމަށް ފަހު ޓެގްގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ފާއިތުވި ހަތަރު ހަފްތާގެ ފިޔަވަޅުތަކުން ހާލަތަށް އެކަށީގެންވާ ބަދަލެއް ނާންނަ އިރު ކޭސްތައް "ސަތޭކަ އަށް ވުރެ މަތީގައި މާ ގިނަ ދުވަސްތަކުގައި އެހެން ބައިތިއްބައިގެނެއް" ނުތިބެވޭނެ ކަމަށެވެ. އެހެންވެ އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި ފިޔަވަޅުތައް އަޅާ އިރު ބޮޑަށް ފައިދާ ކުރަނީ ބޮޑެތި ގިނަ ފިޔަވަޅުތަކެއް އަވަހަށް އަޅައިގެން ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. އަދި އެހެން ނަހަދައިފި ނަމަ ލޮކްޑައުންއަކަށް ގޮސް ބޮޑެތި ފިޔަވަޅުތަކެއް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދަމަހައްޓަން ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
"މިހާރު މި އަޅާފައިވާ [ފިޔަވަޅުތައް] މި މިންގަނޑުގައި ދަމަހައްޓައިފި ނަމަ ނުވަތަ ދެމެހެއްޓިއްޖެއްޔާ, މާނައަކީ އިތުރު ފިޔަވަޅުތަކެއް ނާޅާ މި ގޮތަށް ގެންދިޔުމުން އަދަދުތައް މަތީގައި އަދި ވަރަށް ގިނަ ދުވަސް ހުންނާނެ ކަމަށް ބެލެވޭ," ޑރ. ޝަހީދު ވިދާޅުވި އެވެ.
"އެހެންވީމާ އަވަހަށް ގިނަ ކަންތައްތަކަކަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް މި ދަނޑިވަޅުގައި ފާހަގަކުރެވޭ."
COVID: 4 hafthaage fiyavalhu thakun badhaleh nai
The most trusted news source in the Maldives
Mihaaru
މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުން ހާލަތު ރަނގަޅުވާ ކަމުގެ ނިޝާނެއް ނުފެނޭ
ތިންވަނަ ރާޅު ކޮންޓްރޯލްކުރަން އަޅާފައި ހުރި ފިޔަވަޅުތަކަށް މިހާތަނަށް އިތުރުކުރީ ރޭ އިއުލާންކުރި، ކެފޭ އަދި ރެސްޓޯރެންޓުތަކަށް ދިޔުން މަދުކުރުމުގެ ފިޔަވަޅެވެ. ހޮނިހިރުދުވަހުން ފެށިގެން ހަތް ދުވަސް ވަންދެން، މާލެ ސަރަހައްދުގެ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގައި ތިބެގެން ޚިދުމަތް ހޯދޭނީ ރޭގަނޑު އަށެއް ޖަހަންދެނެވެ. އަދި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތް ރޭގަނޑު 10:30ގައި ހުއްޓާލަން ޖެހޭނެ އެވެ.
އޭގެ އިތުރުން، އޮފީސްތަކުގެ މުވައްޒަފުން އޮފީހަށް ނުކުމެގެން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ފިޔަވައި އެހެން މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ހަމަޖައްސާ ވާހަކަ ވެސް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވި އެވެ. އެއީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ވެސް ހިމެނޭ ގޮތަށެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް ކޭސްތައް ދާ ގޮތަށް ބަލާފައި މިއާ އެއްކޮށް ވެސް އަދި އިތުރު ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އޮންނާނެ، ކޭސްތައް ދަށަށް ނުދާ ކަމަށް ވާ ނަމަ،" އޭނާ ވިދާޅުވި އެވެ.
މާލެ އޮތީ އަނެއްކާވެސް ލޮކްޑައުންއެއް ގެންނަން ޖެހޭ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި އެކަމަކު ލޮކްޑައުންއަކަށް ދާން އިގްތިސޯދު ތަން ނުދޭތީ ސަރުކާރުން މަސައްކަތްކުރަނީ އެހެން ގޮތްގޮތުން ބަލި ކޮންޓްރޯލްކުރަން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ޑރ. ނަޒްލާ ވެސް ޕްރެސް ބްރީފިންގައި ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން އަޅަން ޖެހޭ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކުން ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމުގެ ބެލެންސެއް ގެންގުޅެން ޖެހޭ ކަމަށެވެ. މާލެ ސަރަހައްދަށް ކުރިން ގެނައި ލޮކްޑައުންގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ހީނަރުކަމާއި ސިއްހީ އަދި އިޖުތިމާއީ މައްސަލަތައް ތަކުރާރުވިޔަ ނުދޭން މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ހިސާބަށް ނުގޮސް ވޭތޯ އަޅުގަނޑުމެން ހުރިހާ މަސައްކަތެއް ކުރަމުން ގެންދަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔި
27 February 2021
ރައްޔިތުން ދަރާހުލިވެ، ބަނޑަށްޖެހުނަސް މުޅިރާއްޖެ ލޮކުޑައުނަށްގެގޮސްގެންނޫނީ މިކަމުން އަރައިގަނެވިދާބާވައެވެ؟ އުފެދޭ ސުވާލަކީ މިއެވެ. ހަމަގައިމުވެސް އެއިރުން މުދާއުފުލާ ފަރާތްތަކަށާއި، ފުރަންޓުލައިންގައި މަސައްކަތްކުރާއެންމެނަށް ވަރަށް ފައިދާވާނެއެވެ. ހަމަގައިމުވެސް ސުނާމީގައި މުދާއުފުލި ފަރާތްތަކަށް ވަރަށްވެސްބޮޑު ފައިދާލިބުނު. އެފަހަރު ފުރަންޓުލައިނުގެމީހުނަށް އެއްޗެއްދިންވާހަކައެއްނުއަހަން. އެހެންވީމަ އެކަމެއްނޭނގޭ.
ފޫހި
27 February 2021
ޢެޗްޕީއޭ ގަ ބާރުނެތީތަ ހަފްތާއަކަށް ލޮކްޑައުންއަކަށްދާން. ބަލަ މިހާރުވެސް އަހަރެމެން ހިންގާ ކެފޭތަކަށް އިންތިހާއަށްގެއްލުމޭ. ޢިރުއަރާ އިރު ސިޔާސަތު ބަދަލުވާތީ ވިޔަފާރި ޕްލޭންކުރާކަށްނޭންގޭ. ގެސްޓް ހައުސް ތަކަށް ކޮންމެ ގައުމަކުންވެސް ފަތުރުވެރިންނަށްއާދެވޭ. ދެން ދިވެހި ރައްޔިތުންނަށް އޮތީ ކޮންސަލާމަތެއް.
ޓިކް
27 February 2021
އަދި ކިހާ ހިސާބަކަށް ދިއައިމަތޯ އެ ފިޔަވަޅުތައް އަޅަން ތިޔަ މަޑުކުރަނީ؟
ބޮޑުމީހާ
26 February 2021
ކޮވިޑް ޖެހިދާނެތީ ދަރިންނަށް އޮންލައިންކޮށް ކިޔަވައިދީ، އޮފީހުގެ މަސައްކަތް ގޭގަކޮށް، އަށެއް ޖެހީމަ ކެފޭ ބަންދުކޮށް ހުކުރު ދުވަހު ހަވީރު މުޒާހަރާކިރީމަ މިވަނީ ކޯއްޗެއް
ސަޕުނޭ
26 February 2021
އިންސާނުން ނައް ބާރެއް ލިބުނަސް ހާދަ ބޯޑާވޭ ދޯ ، ޙާއްސަކޮއް ދިވެހިން
އިފްރާ
26 February 2021
އޮފީސްތައް ބަންދު ކޮއްބަ
ނަންނެނގޭ
26 February 2021
ސްކޫލްތައް ބަންދުކުރާށޭ.. ދަރިންނަށް ކިޔެވޭނީ ގަދަވެ ސަލާމަތުން ދުނިޔޭގަ ތިބިއްޔާ. އެޑިއުކޭޝަން އަތަށް ގޮވަންދެން މިނިސްޓަރު ނިދާފަ.
ޖޫސް
26 February 2021
ނުވާނެ ބަންދުކޮށްނެއް.
ޖޫހާ
27 February 2021
ކުދިންގެ ކިޔެވުން އެއް އަހަރަށް މެދުކެނޑުނަސް ކޮވިޑް ނުޖެހުން އެއަށްވުރެ މާ އަގުބޮޑުވާނެ. ކުދިންނަށް ޖެހޭ ލޯންގްކޮވިޑްގެ ކަންކަން އެއީވެސް ހަމަ ބައެއް ގައުމުތަކުގަ ހަގީގަތެއް.
ޓެގް މީ ގޭމް
26 February 2021
ޓެގް ސިޔާސީވެފަ.
އުދުހޭ
26 February 2021
ކޮވިޑަކީ ކޮންމެ ހުކުރަކު އަންނަ އެއްޗެއްތަ؟
އުދުހޭ
26 February 2021
ކޮންމެ ހުކުރެއްގައި އެޗްޕީއޭއަށް މިވަނީ ކިހިނެއްތަ؟؟