މެމްބަރު ވައްޑެ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުގެ ނައިބު ރައީސް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިރޭ ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.


މައުމޫން ފެކްޝަނުގެ އޮފިޝަލަކު ވިދާޅުވީ ވައްޑެ މިރޭ 8:30 އަށް ފުލުސް އޮފީހަށް ހާޒިރުކުރަނީ ބަލަމުންދާ މައްސަލައެއްގައި ކަަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލު ފުލުހުން ނުދޭ އޮފިޝަލް ވިދާޅުވި އެވެ.

މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވެސް އިއްޔެ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. އޭނާ ހާޒިރުކޮށް ބަޔާން ނެގީ، ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީހުން ހާޑް ޑްރައިވެއް ގެއްލުނު މައްސަލާގައި ސުވާލުކުރުމަށެވެ.

ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫނާ ދެމެދު އުފެދުނު މައްސަލަތަކުގައި، ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ކޯޓުން ހަވާލުކުރުމާ އެކު އެތަނުގައި ހުރި މުދާތައް ގެންދިޔައީ އެމަނިކުފާނު ފެކްޝަނަށް ނިސްބަތްވާ ބައެކެވެ. އެކަމަކު އޮފީހުން މުހިއްމު ލިޔެކިޔުންތައް މަދު ކަަމަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ވެސް އެ ފެކްޝަނުންނެވެ. އެ ހާޑް ޑްރައިވް ހޯދަން ކޯޓު އަމުރެއްގެ ދަށުން ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހާއި އެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ދިރިއުޅޭ އެޕާޓްމެންޓް ވެސް ބަލައި ފާސްކޮށްފައިވެ އެވެ. އަދި އަލީމް ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނެގި އެވެ.