ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް. އޭނާ ކްލެމެންސީ ބޯޑުން ވަކި ކުރަން ފެންނަ ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައި. - ފޮޓޯ: މަޖިލިސް
17 ނޮވެމްބަރ 2016 - 14:11
މާފުކޮށްދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލި ކްލެމެންސީ ބޯޑުން ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވަކި ކުރަން ރައީސް އަބްދުﷲ ޔާމީނަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ، އިތުރަށް ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވައިފި އެވެ.
މަޖިލީހުގެ ޖަލްސާގައި ވައްޑެ ބޯޑުން ވަކި ކުރުމާ ގުޅޭ ގޮތުން ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފް ހުށަހެޅުއްވި ގަރާރު ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. މި ގަރާރު ބަލައިގަތުމާ ދެކޮޅަށް 25 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު އިންނެވި އެވެ.
އާރިފް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ވައްޑެ އަދާ ކުރައްވަން ޖެހޭ ޒިންމާތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ. އަދި އެ ބޯޑުގައި މަޖިލިސް އެކަށީގެންވާ ގޮތެއްގައި ތަމްސީލްވަމުން ނުދާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.
އެހެންވެ، އާރިފް ހުށަހެޅުއްވީ އެ ބޯޑުގެ މެމްބަރު ކަމުން ވައްޑެ ވަކިކުރަން ފެންނަ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދެއްވުމަށެވެ. އެ ބޯޑަށް މީހުން އައްޔަންކޮށް އަދި މީހުން ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ވައްޑެއަކީ ކްލެމެންސީ ބޯޑުގައި މަޖިލިސް ތަމްސީލް ކުރައްވާ ހަމައެކަނި މެމްބަރެވެ.
ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗިކުސް
17 November 2016
ސަލީމް އަދި ސުޖާ ފަދައިން އެނެއް ފަކްޝަނަޢް ބަދަލްވޭ. އަމިއްލަ ނަފްސް ފުރަތަމަ، ދެން ޕާރޓީ ، .