ކުރިއަށް އޮތް ދެ އަހަރު ވެސް ރައްޔިތުންނަށް ގިނަ ކަންކަން ހާސިލް ކޮށްދެއްވާނެ: މުއާޒް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފުރިހަަމަ ކޮށްދީފައިވާ ކަންކަމަށް ވުރެ ގިނަ ކަންކަން، ކުރިއަށް އޮތް ދެ އަހަރު ހާސިލް ކޮށްދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރަށް ތިން އަަހަރު ފުރުމާ ގުޅިގެން މުއާޒް "މިހާރު" އަށް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި މެނިފެސްޓޯގައި ކަނޑައެޅި މުހިއްމު ގިނަ އަމާޒުތަކެއް ތިން އަހަރުގެ ތެރޭގައި ހާސިލްކޮށް ދެއްވާފައިވާ ކަމަށެވެ. ކުރިއަށް އޮތް ދެ އަހަރު ރާއްޖެ އަށް އިގްތިސާދީ ހެޔޮ ބަދަލުތަކާ އެކު ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ ވެސް ނިންމައި ރައްޔިތުންނާ ހަވާލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރަށް މިވީ ތިން އަހަރުގެ ތެރޭގައި އެކި ދާއިރާތަކަށް ކަނޑައެޅި ގިނަ އަމާޒުތަކެއް ވަނީ ޔަގީން ކުރެވި ހަގީގަތަކަށް ވެފައި،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެނިފެސްޓޯގައިވާ ކަންކަން ހަގީގަތަކަށް ވަމުން އަންނަ ކަން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ ކުރިއެރުންތަކުން ވެސް ޔަގީންކުރެވޭނެ އެވެ.

ސިއްހީ ކަންތަކުގައި ރާއްޖެ އިން ބޭރަށް ދާން ނުޖެހި ރާއްޖޭގައި ތިބެގެން ފަރުވާ ހޯދޭނެ މަގު ތަނަވަސް ވެފައިވުމަކީ، މުއާޒް ވިދާޅުވި ގޮތުގައި، ސިއްހީ ދާއިރާ އަށް ލިބިފައިވާ ކުރިއެރުމެވެ.

ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަކުރަން ދެ ހަފުތާގެ މުއްދަތަކަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.