އިސްލާމިކް ޔުނިވާސިޓީ ފަންޑުގައި ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި: ޝަހީމް

އިސްލާމިކް ޔުނިވާސިޓީގެ ތަރައްގީގެ މަސައްކަތް ކުރަން ހުޅުވި ފަންޑުގައި ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށާއި އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޔުނިވާސިޓީއަކަށް ހަދަން ކަމަށް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


އިސްލާމިކް ޔުނިވަސިޓީން "އިސްލާމީ ހޭލުމުގެ ބައިނަލްއަގްވާމީ މަހާސިންތާ: ތަފާތު ހުރެމެ އެއްބައިވަންތަ މުޖުތަމައެއް" ނަމުގައި ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ ތައުލީމީ ކަންކަން މިހާރަށް ވުރެ ހަރުދަނާކުރުމަށް ކަމަށެވެ. އަދި އިގުތިސާދީ ގޮތުން އަމިއްލަ ވަސީލަތްތައް އިތުރުކުރުމަކީ ވެސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް ޔުނިިވާސިޓީން ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ހިއްސާގެ ބާޒާރަށް ވަނުމާއި ވިޔަފާރީގެ ތެރެއަށް ވަދެ އިސްލާމިކް ޔުނިވާސިޓީއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ތަނަކަށް ހެދުމަކީ ވެސް މަގުސަދެކެވެ.

"ފަންޑު މުއްސަނދި ކުރުމަށްޓަކައި އެކުވެރި ދައުލަތްތަކާއި އޯއައިސީ އާއި އިސްލާމިކް ބޭންކުތަކުގެ ފަންޑު ހޯދަން މަސައްކަތް ކުރާނަން،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ސަބަބުން އިސްލާމީ އުއްމަތާ ގުޅުން ބަދަހިވެފައިވާ ކަމަށެވެ.

އިސްލާމިކް ޔުނިިވާސިޓީން ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު ވާހަކަދައްކަވަނީ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އިންސާނާގެ ބުއްދި އާއި ވިސްނުން ބިނާ ނުކުރެވިއްޖެ ނަމަ އިންސާނިއްޔަތަށް ގިނަ ގޮންޖެހުންތައް ދިމާވާނެ ކަމަށާއި ކަންކަން ހައްލުކުރެވޭނީ ދިރާސާ އާއި ބަހުސްތައް ކޮށްގެން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އެހެންކަމުން މިއަދު ފެށި ކޮންފަރެންސް އިން ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި މަހާސިންތާއިން އެކަށީގެންވާ ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދުކުރަން،" ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް ޔުނިިވާސިޓީން ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު (ކ-2) އަދި އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މާދަމާގެ ނިޔަލަށް ބާއްވާ އިސްލާމިކް ކޮންފަރެންސްގައި ދިވެހި 29 އިލްމުވެރިއަކާއި ދުނިޔޭގެ އެކި ގައުމުތަކުގެ ޔުނިވަސިޓީތަކުން 27 ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. މި ކޮންފަރެންސްގައި ދުނިޔެ އާއި ރާއްޖެ އަށް ދިމާވެފައިވާ ދީނީ ބޮޑެތި މައްސަލަތަކާ މެދު މަޝްވަރާކުރާނެ އެވެ. ދިރާސާ ކަރުދާސް ހުށަހެޅުމާއި ވޯކްޝޮޕްތައް އަދި ޕެނަލް ޑިސްކަޝަންތައް ވެސް ހިމެނެ އެވެ.

ކޮންފަރެންސްގައި މަޝްވަރާކުރާ މައުލޫއުތަކުގެ ތެރޭގައި ޓެރަރިޒަމް ހުއްޓުވުމާއި އަންހެނުންނަށް ކުރާ އަނިޔާ އާއި ޖިހާދަށް ދިޔުން ފަދަ ކަންކަން ހިމެނެ އެވެ.