އިންތިހާބީ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑުވާލާފައިވާ ކަމަށް ބުނެ އަދާލަތު ޕާޓީން އެ ކޮމިޝަނަށް މިއަދު ފާޑުކިޔައިފި އެވެ.
އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވަމުންދާ މީހުންގެ އަދަދު މަދު ކަމަށް ބުނެ އީސީ އިން ކަންބޮޑުވުން ފާޅުކުރުމުން، އަދާލަތު ޕާޓީން ކުރި ޓުވީޓުތަކެއްގައި ބުނީ އެ މައްސަލާގައި ކޮމިޝަނުން ހިތްހަމަ ނުޖެހެންވީ ސަބަބެއް ނެތް ކަމަށެވެ. އިންތިހާބީ ނިޒާމު "ހަރާބު ކޮށްލާފައިވާތީ" ރައްޔިތުން އެ ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.
އަދާލަތުން ބުނިގޮތުގައި ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމް އީސީން ވަނީ ވަޅުޖައްސައިފަ އެވެ. މިކަމާ ހެދި ދައުލަތް ހިންގުން ހަމައިން ނެއްޓި ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ޒިންމާ ވެސް އިލެކްޝަނުން ނަގަން ޖެހޭ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އަދާލަތު ޕާޓީގެ އިތުރުން ވެސް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ވެސް ވަނީ އިލެކްޝަންސް ކޮމިޝަން ހިންގާ ގޮތާ މެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެ ކޮމިޝަނުގެ ނިންމުންތައް މިނިވަން ނޫން ކަމަށާއި މިހާރު އަމަލުކުރާ ގޮތުން އެ ކޮމިޝަނުން ބާއްވާ އިންތިހާބަކަށް ވެސް އިތުބާރު ނުކުރެވޭނެ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ.
އެކަމަކު ޕާޓީތަކުގެ މި ތުހުމަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ދޮގުކޮށްފަ އެވެ. އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެތަން ހިންގަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއި އިންސާފުވެރި ކަމާ އެކުގަ އެވެ.