ޕީޕީއެމްގެ ރައީސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު. ކްލެމެންސީ ބޯޑުން ވައްޑެ ވަނީ ވަކިކޮށްފައި. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
23 ނޮވެމްބަރ 2016 - 16:27
ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ކްލެމެންސީ ބޯޑުން މިއަދު ވަކިކޮށްފި އެވެ.
ރައީސް އޮފީހުން ވައްޑެއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ މައާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން މަޖިލީހުން އައްޔަންކޮށްފައިވާ މެމްބަރެއްގެ ގޮތުގައި ހުންނެވި ވައްޑެ ވަކި ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ ބޯޑުގެ މެމްބަރު ކަމުން ރައީސް އަބްދުﷲ ޔާމީން، އޭނާ ވަކިކުރައްވާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގައި ހިމެނޭ ވައްޑެ، ކްލެމެންސީ ބޯޑުން ވަކި ކުރަން ފެންނަ ކަމަށް ފާސް ކުރީ މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާގަ އެވެ. ވައްޑެ، ކްލެމެންސީ ބޯޑުން ވަކި ކުރަން ފެންނަ ކަމަށް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓުންނެވެ. ވައްޑެ ވަކި ކުރަން ނުފެންނަ ކަމަށް 26 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ވައްޑެ އަދާކުރައްވަން ޖެހޭ ޒިންމާތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރައްވަމުން ނުގެންދަވާ ކަމަށް ވިދާޅުވެ، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވީ ބޯޑުގެ މެމްބަރު ކަމުން ވައްޑެ ވަކިކުރަން ފެންނަ ކަމަށް ރައީސް ޔާމީނަށް ލަފާ ދެއްވުމަށެވެ.
ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ. ކްލެމެންސީ ބޯޑަކީ މައާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، ރައީސްގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވައިލި ބޯޑެކެވެ.
ވައްޑެ އެ ބޯޑުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy