އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު މަޖިލިހުގެ ކޮމެޓީއެއްގައި ވާހަކަ ދައްކަވަނީ: ކްލެމެންސީ ބޯޑަށް ޖައުފަރު އައްޔަން ކުރަން މަޖިލީހަށް ވަނީ ހުށަހަޅާފައި..--- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ނޮވެމްބަރ 2016 - 10:22
މައާފު ކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކްލެމެންސީ ބޯޑުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ މެމްބަރެއްގެ ގޮތުގައި އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު އައްޔަން ކުރުމަށް މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ކްލެމެންސީ ބޯޑަށް ޖައުފަރު އައްޔަން ކުރުމަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ފަލާހެވެ. ޖައުފަރުގެ ނަން ފިޔަވައި އިތުރު ނަމެއް މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ. އެހެންވެ، ކްލެމެންސީ ބޯޑަށް ޖައުފަރު އައްޔަން ކުރުމަށް ފެނޭތޯ މިއަދު ވޯޓަށް އަހާނެ އެވެ.
ކްލެމެންސީ ބޯޑުގައި ކުރިން ހުންނެވި ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އެ ބޯޑުން ވަކި ކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ އެ ބޯޑުގެ މެމްބަރު ކަމުން ވައްޑެ އިއްޔެ ވަކި ކުރައްވައިފަ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގައި ހިމެނޭ ވައްޑެ، ކްލެމެންސީ ބޯޑުން ވަކި ކުރަން ފެންނަ ކަމަށް ފާސް ކުރީ މިދިޔަ ހޯމަދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާގަ އެވެ. ވައްޑެ އެ ބޯޑުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ.
ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.
ކްލެމެންސީ ބޯޑަކީ މައާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، އެމަނިކުފާނުގެ ފަރާތްޕުޅުން އެ އިލްތިމާސް ދިރާސާކޮށް، އިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވައިލި ބޯޑެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދ
24 November 2016
ޑރ އަފުރާޝީމްގެ މައްސަލަވެސް ބައްލަވާތި ޖައުފަރު!
ރަދީފް
24 November 2016
ޕަޕެޓުން ލައިގެން މިކަން މިކުރެވެންއޮތީ.
ކޯރު
24 November 2016
އަޅުން ކުރާނީ އަޅުންގެ މަސައްކަތް
ވަކަރު
24 November 2016
އެހެންމީހުންގެ މީހުން ދުރުކޮށް ތިމާމީހާގެ މީހުން ލައްވަނީ