އެމްޓީސީސީގެ ކުރިއެރުމަށް ސަރުކާރުން އިސްކަން ދޭ: ޒިޔަތު

އެމްޓީސީސީގެ ކުރިއެރުމަށް މި ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން އެމްޓީސީސީ ކަށަވަރު އިން ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ އެމްޓީސީސީގެ ކުރިއެރުމަށް ސަރުކާރުން މުހިންމު ލަފާތަކެއް ދެމުންދާ ކަމަށާއި ރައީސް ޔާމީން އަމިއްލަފުޅަށް ވެސް ބައެއް ކަންކަމުގައި ލަފާ ދެއްވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ޒިޔަތު ފާހަގަކުރެއްވީ ބިން ހިއްކަން އެމްޓީސީސީން ރާއްޖެ ގެންނަ ޑްރެޖަރެވެ. އެ ޑްރެޖަރު ގެނައުމަކީ ވެސް ސަރުކާރު ދިން ލަފައެއް ކަމަށް ޒިޔަތު ވިދާޅުވި އެވެ.

"ޑްރެޖާ ވެސް މާޗް މަހުގެ ތެރޭގައި އެހެން ނޫނީ އަވަސްވެގެން ފެބްރުއަރީ މަހު ގެނެވޭތޯ މިބަލަނީ. އެއީ ވެސް އެމްޓީސީސީއަށް އަދި ޚާއްސަކޮށް ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ދާން ލިބޭ ހިތްވަރެއް. މިއީ ވެސް ސަރުކާރުގެ އިސް ނެގުމުގެ މަތިން ގެނެވޭ ޑްރެޖަރެއް،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު އިތުރަށް ވިދާޅުވި ތިން އަހަރުގެ ތެރޭގައި އެ ކުންފުނީގެ ވިޔަފާރި ރަނގަޅުވެ، ފައިދާ އިތުރުވަމުންދާ ކަމަށާއި ގިނަ ކާމިޔާބީތަކެއް އެ ކުންފުންނަށް މިހާރު ހޯދިފައިވާ ކަމަށެވެ. މަސްވެރިންނާއި ދަތުރުވެރިންނަށް އަމާޒުކޮށްގެން އެކިއެކި ޕްރޮޑަކްޓްތައް ތައާރަފްކޮށްފައިވާ ކަމަށެވެ. އެމްޓީސީސީގެ ކުރިއެރުމުގއި އެންމެ ބޮޑު ހިއްސާއެއް އޮތީ ސަރުކާރާއި އެ ކުންފުނީގެ މުވައްޒަފުންގެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވި ހަފުލާގައި ޚާއްސަ ކޭކެއް ވަނީ ފަޅައިފަ އެވެ.

އެމްޓީސީސީން މިހާރު 2.1 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަމުންދާއިރު އޭގެ ތެރެއިން ބޮޑު އިންސައްތައަކީ ސަރުކާރުގެ މަޝްރޫއުތަކެވެ. ސަރުކާރުން ހަވާލުކުރި 56 މަޝްރޫއެއް މިހާރު ވެސް އެ ކުންފުނިން ދަނީ ހިންގަމުންނެވެ.