ގިނަ އަދަދެއްގެ މީހުންނާ އެކު ފެށި "ހަބޭސް 3" ޖަލްސާގެ ވަކި ހިސާބަކުން ގޮނޑިތައް ހުހަށް

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް "ހަބޭސް ތިނެއް" ގެ ނަމުގައި މާލޭގެ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގެ ވަކި ހިސާބަކުން ގިނަ އަދަދެއްގެ ބަޔަކު ޖަލްސާއިން ނުކުމެއްޖެ އެވެ.


ސިވިލް ސާވިސް އާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މިރޭ 9:00 އިން ދަންވަރު 12:00 އަށް ބޭއްވި މި ޖަލްސާ ފެށިއިރު، ހުރިހާ ގޮނޑިއެއްހެން އޮތީ ފުރިފަ އެވެ. ނަމަވެސް، ޖަލްސާގެ ވަގުތު ދިގުދެމިގެން ދިޔަ ވަރަކަށް ޖަލްސާ ދޫކޮށް ދާ މީހުން ގިނަވެ ޖަލްސާ މެދަކާ ހިސާބަށް ދިޔައިރު ފަހަތު ގޮނޑިބަރިތައް ގާތްގަނޑަކަށް އެއްކޮށް ހުސްވި އެވެ. ޖަލްސާ ފެށުމާ އެކު އެތަނުން ނުކުތް މީހުން ވެސް ފެނުނެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކޮށްފައި މިވަނީ، ސިވިސް ސާވަންޓުންނާއި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޖަލްސާއަށް ދާން މަޖުބޫރުކުރި ކަމަށް ވާހަކަ ދެކެވިފައިވަނިކޮށެވެ. އަދި ހާޒިރީ ބަލާނެ ކަމަށް ވެސް ބައެއް އޮފީސްތަކުން އަންގާފައިވާ ކަމަށް ބައެއް މުވައްޒަފުން ބުނެފައިވެ އެވެ. މީގެ އިތުރުން ކޮންމެ އިދާރާއަކުން ޖަލްސާ އަށް ދާނެ މުވައްޒަފުންގެ ލިސްޓެއް ވެސް އެ ތަނެއްގެ އެންމެ އިސް ވެރިޔާ އަށް އޮތީ ފޮނުވާފައި ކަމަށް އެނގިފައިވެ އެވެ.

"ހަބޭސް ތިނެއް" ނަމުގައި ސަރުކާރުން ބޭއްވި ޖަލްސާގެ ބައެއް ބައިވެރިން. ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ޖަލްސާގައި ބައިވެރިވި ބައެއް މީހުން "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ ޖަލްސާގައި އުންމީދުކުރި ކަހަލަ ވާހަކަތަކެއް ނުއިވުނު ކަމަށެވެ. މުޅިން ވެސް ދެއްކީ މިދިޔަ ތިން އަހަރު ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކޮށްދީފައި ހުރި ކަންކަމުގެ ވާހަކަ ކަމަށާއި އެ ނޫން އަޑެއް ނީވޭ ކަމަށް އެ މީހުން ބުންޏެވެ.

"ހަބޭސް ތިނެއް" ގެ ޖަލްސާ ނިމެން ގާތްވެފައި ވަނިކޮށް، އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަމުން ގެންދެވި ވަގުތު، ޖަލްސާގެ ފަހަތް ފެންނަ ގޮތް.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"ޖަލްސާގައި ބައިވެރިވި ގިނަ މީހުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން. މުވައްޒަފުންނަށް އުފާވެރި ހަބަރެއް ވެސް ލިބުނީއެއް ނޫން،" އެކަކު ބުންޏެވެ.

"ޖަލްސާ ކުރިއަށް ދިޔައިރު އެއްވެސް ފޯރިއެއް ނެތް. ތަރުހީބު ދީ އެކަހަލަ ކަމެއް ވެސް އޮތީކީއެއް ނޫން."

ރައީސް އަބްދުﷲ ޔާމީނާއި ނައިބު ރައީސް އަބްދުﷲ ޖިހާދާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުގެ އިސް ވެރިން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ މި ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީގެ ޖަލްސާ ކަމަށް ވިޔަސް މި ޖަލްސާގައި ރައީސް އާއި ނައިބު ރައީސް ވާހަކަފުޅެއް ނުދައްކަވަ އެވެ.

ޖަލްސާގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމާއި އެ ކޮމިޝަންގެ ބައެއް މެމްބަރުން ވެސް ބައިވެރިވިކަން ފާހަގަކުރެވެ އެވެ. އަދި އެކަމަށް އެތައް ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ.

މިރޭގެ ޖަލްސާގައި ބައިވެރިވި ބަޔަކު އިށީނދެގެން ތިބިއިރު ފަހަތު ގޮނޑިބަރި ހުސްކޮށް: މި ޖަލްސާގައި 12،000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ސަރުކާރުން ބުނޭ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މިރޭގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖަލްސާގައި، ކުރިން ވެސް ސަރުކާރުން ލަފާކުރި އަދަދު ކަމަށްވާ، 12،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ. އެ ގޮތުން ޖަލްސާގެ ބައިވެރިންނަށް ބެހި 12،000 ބެޖް ހުސްވެ، ގިނަ ބަޔަކު އެ ހޯދަން ބޭނުންވެގެން އުޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖަލްސާގެ ވަކި ހިސާބަކުން ގިނަ ބަޔަކު ޖަލްސާ ދޫކޮށް ދިޔައީ ޒަރޫރީ ބޭނުންތައް ފުއްދަން ހުރުމުންނެވެ.

މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނިއުސް ބްރީފިންގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ "ހަބޭސް 3" ޖަލްސާ އަކީ ސިޔާސީ ޕާޓީއެއްގެ ހަރަކާތަކަށް ނުވެފައި، އަދި އެއީ ސިވިލް ސާވަންޓުންނާ ގުޅުން ހުރި ކަމަކަށް ވާތީ 12،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕީޕީއެމަށް ފަސް އަހަރު ފުރުން ފާހަގަކުރުމަށް މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާ އަށް ވުރެ ގިނަ މީހުން ރޭގެ ޖަލްސާގައި ބައިވެރިވާނެ ކަމަށް ޒަމީރު އޮތީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން ބޭއްވި، އެ ޕާޓީގެ އަހަރީ ޖަލްސާގައި ރަށްރަށުން ވެސް 5،000 އެއްހާ އައި ކަމަށް އެ ފެކްޝަނުން ވަނީ ބުނެފަ އެވެ.