އދ. ދަނގެތީގައި އެ ރަށު ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރު މަރާލީ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ބިދޭސީ، މަހްމޫދު އަތުން ފައިސާ ހޯދަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިއްޖެ އެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަހުމޫދު މަރާލުމަށް ފަހު ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލާދޭޝް މީހެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) އެވެ. އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުންނަ ސާލިިމް ހައްޔަރު ކުރުމުން އޭނާ ވަނީ މީގެ ކުރިން ބައެއް ކަންތައްތައް ކިޔައިދީފަ އެވެ.
ފުލުހުންގެ އިސް ވެރިން މިއަދު ވަނީ ދަނގެއްޗަށް ވަޑައިގެންފަ އެވެ. އެ ޓީމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. ފުލުހުންގެ ވެރިން ދަނގެތީ ކައުންސިލާ ބައްދަލުކޮށް އަދި މަހްމޫދުގެ އާއިލާއާ ވެސް ވަނީ ބައްދަލުކޮށްފަ އެވެ. އަދި ތަހުގީގުން އެނގުނު ބައެއް މައުލޫމާތު ވަނީ ހިއްސާކުރައްވައިފަ އެވެ.
ސާލިމް، މަހުމޫދު މަރާލީ ސާލިމް އުޅޭ ގެޔަށް މަހްމޫދު ގެންދިއުމަށް ފަހު އެވެ. ގެޔަށް ގެންގޮސް ފައިސާ އަށް އެދުނު ކަމަށާއި ފައިސާ ނުދިނުމުން ހިނގި ކުރިމަތިލުމަކަށް ފަހު މަހްމޫދު މަރާލީ ކަމަށް ސާލިމް ބުނެފައިވެ އެވެ. އުމުރުން 57 އަހަރުގެ މަހްމޫދުގެ އެތައް މިތަނަށް ވަޅި ހަރައި މަރާލުމަށް ފަހު ބޮލާއި ފަޔަށް ގޯންޏެއް މަހައި ކައިރި ފަޅު ގެއެއްގައި ހުރި ފެންވަޅަކަށް ވައްޓާލީ ގޭގެ ފާރުމަތިން ބޭރަށް ވައްޓާލުމަށް ފަހު ނަގައިގެން ގެންގޮސްފަ އެވެ. މި ހުރިހާ ކަމެއް ވެސް ކުރީ ސާލިމް އެކަނި ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ.
އެނގިފައިވާ ގޮތުގައި ރަށުގެ ބައެއް ތަންތަނުން ލިބުނު ސީސީޓީވީ ފޫޓޭޖުތައް ބެލި އިރު ވެސް ސާލިމް ނޫން މީހެއްގެ ބައިވެރިވުން މި މަރުގައި އޮތް ކަމަކަށް ނުފެނެ އެވެ. މިހާތަނަށް ލިބުނު ހެކިތަކުން މި މައްސަލައިގައި ސާލިމް ފިޔަވައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ކުރިން ވެސް ބުނެފައިވެ އެވެ.
މަހުމޫދުގެ އާއިލާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާ އަކީ އަބަދުވެސް އަތުގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅުނު މީހެކެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު އޭނާ ގެންގުޅުނު ފައިސާ ދަބަހެއް ނުފެނެ އެވެ. ފުލުހުންނަށް މުހިންމު ބައެއް ތަކެތި ފެނިފައިވާ ކަމަށް ބުނެފައިވާ ނަމަވެސް، ފައިސާ ފެނުނު ކަމެއް ފުލުހުން ވެސް އާއިލާއިން ވެސް އަދި ކަށަވަރުކޮށެއް ނުދެ އެވެ.
ސާލިމް ފުލުހުންގެ ތަހުގީގަށް ވަކި ގޮތަކަށް ކިޔައިދިނަސް އޭނާ ދެއްކި ވާހަކައަށް ޝަރީއަތުގައި އިންކާރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެންވެ، ފުލުހުން ގެންދަނީ އޭނާގެ އިއުތިރާފަށް ބާރު ލިބޭ ހެކިތައް ވެސް ހޯދަމުންނެވެ.
ސާލިމް ދަނގެތިން މަހިބަދޫއަށް ގެންދިޔަ ފަހުން ވެސް އޭނާ އަނބުރާ ދަނގެއްޗަށް ގެންގޮސް ތަހުގީގުގެ ބޭނުމަށް، އޭނާ މަހްމޫދު މަރާލި ނެދުންގެއަށް ގެންގޮސްފައިވެ އެވެ. މިއަދު ދަނގެއްޗަށް ދިޔަ ފުލުހުން ވެސް ވަނީ އެ ސީނަށް ގޮސްފަ އެވެ.
މަހުމޫދުގެ ހަށިގަނޑު ފެނުނު މީހުން ކިޔައިދިން ގޮތުގައި މަހުމޫދުގެ ބޮލުގެ ފަހަތުގައި އެއްޗަކުން ވަރަށް ބާރަށް ޖަހައިފައި ހުރި ކަމަށް ބެލެވޭ ޒަހަމެއް ހުއްޓެވެ. އަދި އޭނާގެ ކަރަށް ވަޅި ހަރާފައިވާއިރު، އޭނާގެ ކަނާތް ފަރާތު ބުމަ ކައިރިއަށް ވެސް އެފަދަ ޒަހަމެއް ދީފައި ހުއްޓެވެ. އަދި ހަށިގަނޑު އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގެ ތެރޭގައި ލިބުނު ކަމަށް ބެލެވޭ ޒަހަމްތަކެއް އޭނާގެ މޭމަތީގަ އާއި ބުރަކަށީގައި ވެސް ހުއްޓެވެ.
ސާލިމްއާ މެދު ޝައްކު އުފެދުނީ މަހުމޫދު ގެއްލުނު ރޭ 9:00 ގެ ފަހުން ނެދުންގޭ ތެރެއިން އަޑެއް އިވިގެން، ގޭގެ ފާރުމަތިން މީހަކު ބެލިއިރު، އެ ގޭގެ ތެރެއިން އެ މީހާ އަށް ފެނުނު ޝައްކު އުފެދޭ މަންޒަރެއް ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ.
މަންޒަރު ދުށް މީހާ އަށް ފެނުނީ ސާލިމް އެ ގޭގެ ތެރޭގައި އެއްޗެއްގައި ހިފައި ފަހަތަށް ދަމަމުން ދިޔަ މަންޒަރެވެ. އަނދިރިކަމުން ކަށަވަރު ނުވިޔަސް، އެއީ މީހެއްގެ ދެފައިގައި ހިފައިގެން ދިޔުން ފަދަ ގޮތަކަށް އެ މީހާ އަށް ސިފަވިކަން އެނގިފައިވެ އެވެ.
މަހުމޫދުގެ ހަށިގަނޑު ފެނުމުން ދަނގެތީ ރައްޔިތުންގެ ތުހުމަތު އެންމެ ފުރަތަމަ އަމާޒުވި ތޮއްޑޫއަށް ނިސްބަތްވާ ދެ މީހުން މިހާރު ތިބީ ދޫކޮށްލައިފަ އެވެ. އެ ދެމީހުންނާ މި މަރާ ގުޅުވޭ ހެކިތަކެއް އަދި ލިބިފައި ނެތެވެ.