ޚިޔާލު / ކޮލަމް

ކޮލަމް ކުލަބަރި: ގައުމުގެ ރީތިކަން ވިއްކައި ހުސްނުކުރޭ!

ރާއްޖޭގެ ރީތި ރިސޯޓެއް: އިއުލާން ނުކޮށް ރިސޯޓު ހަދަން ރަށްތައް ދެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފައި.-- ފޮޓޯ: ޒިތާލީ

އަހުމަދު އަދީބު ވިދާޅުވި ވާހަކައެއް އޮވެ އެވެ؛ "ފައިސާ ބޮނޑި" ހިފައިގެން އެތައް ބަޔަކު އާދެ އެެވެ. ރާއްޖެ އާއި ބޭރުގެ ވިޔަފާރިވެރިންނެވެ. ރިސޯޓު ހަދަން ރަށްރަށް ހޯދާށެވެ. ސަރުކާރުގެ ތެރެއިން ކުރެވޭނެ ކަންކަމަށް ފަސޭހަ ކުރާށެވެ. އެކަމަކު، ސަރުކާރާއި ހުދު އޭނާގެ ވެސް އިހުލާސްތެރިކަމުން އެއިން އެއްވެސް "ބޮނޑިވަރެއްގައި" އެއްގޮތަކަށް ވެސް ނުހިފަ އެވެ. އެއީ އޭނާ އޭރު ކިއުއްވި ލަވަ އެވެ.

އަހަރުމެންގެ ފައިސާ އިން އެންމެ ބޮޑު ވައްކަމެއް ކުރީ މި ވެރިކަމުގަ އެވެ. މުގުލުގައި ހުންނެވި ކަމަށް ވަނީ ރައީސް އަބްދުﷲ ޔާމީންގެ އެއް އަތުގެ ގޮތުގައި އޭރު ބެލި އަދީބެވެ. އެއީ އޭނާ އެކަނިމާއެކަނި ހިންގެވި ޖަރީމާއެއް ކަމާ މެދު އުފައްދާ ޝައްކު އެއްފަރާތްކޮށްފައި މި ވައްކަމުގެ އެހެން ފަރާތްތަކަށް ބަލާއިރު ފެންނަން އޮތީ އެންމެ ކަމެކެވެ؛ އަހަރުމެންނަށް ލިބިފައިވާ ގުދުރަތީ ރީތިކަން ވިއްކައިގެން ބޮޑުން ފައިދާ ހޯދި ކަމެވެ. ވައްކަން ކުރަން ބޭނުންކުރީ އަހަރުމެންގެ ރަށްތަކާއި ފަޅުތައް ކަމެވެ. އެކަމަކު، އެއިގެން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތެވެ.

ރައީސް ޔާމީނާއި އޭރުގެ ނައިބު ރައީސް އަދީބު.-- ފޮޓޯ: ވީނިއުސް

ރަށްރަށާއި ފަޅުތައް ބޭނުން ބަޔަކަށް ބަހައި ހުސްކޮށްލުމާ ގާތަށް އޭރު ދިޔަ އެވެ. އެކަން ކުރީ އަމިއްލަ ޖީބަށް ފައިސާ ހޯދާށެވެ. ކިތަންމެ ވަރަކަށް އެ ވައްކަމާ ދުރުވާން އުޅުނަސް، ވަގަށް ނެގި ފައިސާގެ އެންމެ ބޮޑު ފައިދާއެއް ކުރީ ސަރުކާރަށާއި ވެރިކަން ކުރާާ ޕާޓީ އަށެވެ. އަދީބުގެ އަމިއްލަފުޅު ސިޔާސީ ކުރިމަގު ފަހިކުރައްވަން އެ ފައިސާ ބޭނުން ނުކުރައްވާ ވާހަކައެއް ނޫނެވެ. އެކަމަކު، ވަގަށް ނެގި ފައިސާ އިން އޭނާ ބޮޑަށް ހަރަދު ކުރެއްވީ ސަރުކާރު ވަރުގަދަ ކުރައްވާށެވެ. އިދިކޮޅު ފަރާތްތައް ނެތިކޮށްލާށެވެ. މުހިއްމު ވޯޓުތަކާ ދިމާކޮށް މެމްބަރުން ގަންނާށެވެ. މިިނިވަން މުއައްސަސާތައް އަތް ދަށުލާށެވެ. އެ ހުރިހާ ކަމެއްގެ ހަގީގީ ފައިދާ ކުރީ ސަރުކާރަށެވެ. އޭގެ އަސަރު އަދިވެސް މި ދަނީ ފެންނަމުންނެވެ.

ޓޫރިސްޓުން އަންނަ ވަރު އިތުރު ވިޔަސް، ޓޫރިޒަމްގައި އޮތީ ބުރަކި ޖެހިފަ އެވެ. ކުރިން އަބަދު ފުރިފައި އޮންނަ ރިސޯޓުތަކުން މިހާރު ކުރަނީ ސީޒަންގައި ވެސް އޮކިއުޕެންސީ ދަށް ވާހަކަ އެވެ. ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ވެސް ކަންބޮޑުވާހާ ދަރަޖަ އަށް މަދުވެއްޖެ އެވެ. އަންނަ މީހުންނަށް ވުރެ އިތުރަށް ތަންތަން ހެދުމުން މިހާރު ހުރި ރިސޯޓުތަކަށް ވެސް ވާނީ ގެއްލުމެވެ.

އަނެއްކާވެސް ކުރަން މި އުޅެނީ ހަމަ އެއް ކަމެކެވެ. ރަށްރަށާއި ފަޅުތައް ސަރުކާރުން ބޭނުންވާ ބަޔަކަށް ބަހާލުމެވެ. އެންމެ ފަސޭހައިން، އެންމެ ގިނައިން ލާރި ދޭ ބަޔަކަށް ދިނުމެވެ. ފަހަރެއްގައި އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ވެސް ދީފާނެ އެވެ. މިނިސްޓަރު ނުވަތަ އެމްއެމްޕީއާރުސީގެ ވެރިންގެ އޯޑަރަށް، އެއްވެސް އުސޫލެއް ނެތި ރަށްތައް ދިން ދިނުން މިހާރު މި ވަނީ ގާނޫނަށް ފައްތާފަ އެވެ. ކުރި އާއި މިހާރާ ތަފާތަކީ އެއީ އެވެ. މިކަމުން ކޮރަޕްޝަނަށް މަގުފަހި ނުވާ ނަމަ، ދެން ކޮރަޕްޝަންގެ ގޮތުގައި ބެލޭނެ އެހެން ކަމެއް ނޭނގެ އެވެ.

މިއީ ނުރައްކާ އިސްލާހެކެވެ. އެކަމަކު، މި ފަދަ ކަމެއް ކުރުމުން ހައިރާން ވެވޭކަށް ވެސް ނެތެވެ. މިއަށް ވުރެ މާ ބޮޑު، މާ ކަންބޮޑުވުންތައް ގިނަ އިސްލާހެއް މީގެ ކުރިން ވަނީ ސަރުކާރުން ހުށަހަޅައިގެން 24 ގަޑިއިރުގެ ތެރޭގައި ފާސްކޮށް ނިންމާލާފަ އެވެ. އެއީ އަދި ގާނޫނުއަސާސީ އަށް ގެނައި ބަދަލެކެވެ. އެއާ އެކު، ބޭރުގެ ވިޔަފާރިވެރިންނަށް ފުރަތަމަ ފަހަރަށް ރާއްޖޭން ބިން މިލްކުކުރެވެން ފެށުނެވެ. އަވަސް އަރުވާލައިގެން އެފަދަ މައްސަލަ ބޮޑު އިސްލާހެއް ގެނައުމުގެ ފައިދާއެއް ނުފެނެ އެވެ.

އެނގޭހާ ވެސް ކަމަކީ ސަރުކާރު ފައިސާ އަށް ޖެހިފައިވާ ކަމެވެ. ސިޔާސީ ގޮތުން ކިތަންމެ ބޮޑު އަގެއް ދީގެން ވެސް އެ ފައިސާ ހޯދަން ޖެހިފައިވާ ކަމެވެ. އާއިލީ ގުޅުން ކެނޑޭ ހިސާބަށް ދިޔައަސް ވަރިހަމަ އެވެ.

ގައުމުގެ ހަޒާނާ އަޑިއަޅާލާ ކޮންމެ ފަހަރަކު ފައިސާ ހޯދަން ރަށްރަށް ވިއްކުން މިހާރު އާއްމުވެއްޖެ އެވެ. ގުދުރަތީ ރީތިކަމުގެ ބޭނުން މި ގޮތަށް ހިފާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ދައުލަތުގެ ހަރަދު ބޮޑުވުމުން އެކަމުގެ ބާރު ވެސް ގިނަ ފަހަރަށް ކުރަނީ އަހަރުމެންނަށް ލިބިފައިވާ ހަމައެކަނި ވަސީލަތަށެވެ. ގާތް މީހުންނަށް ވަރުވަރުން ދީފައިވާ ވަޒީފާތަކުން ވަކިކުރުމާއި ވޯޓު ހޯދަން ހިންގާ ބޭކާރު މަޝްރޫއުތައް މަޑުޖައްސާލުން ނުވަތަ ހުއްޓާލުން ފަދަ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާ ތަނެއް ނުފެނެ އެވެ. މިއީ ހުރިހާ ސަރުކާރެއްގެ ވެސް އާދަ އެވެ.

ގުދުރަތީ ރީތިކަން ވިއްކުމުގެ ވަގުތީ ފައިދާ ސަރުކާރަށް ލިބޭނެ އެވެ. މަޝްރޫއުތައް ހިންގަން ކަމަށް ބުންޏަސް، ގިނަ ފަހަރަށް މި ފައިސާ އިން ކުރަނީ ސިޔާސީ ކަންކަމެވެ. ހަރަދުތައް ބޮޑުވެ، ދެކޮޅު ނުޖެހި، ހަދާނެ ގޮތް ހުސްވެފައި ތިބޭކަށް ވެސް ނުޖެހޭނެ އެވެ. ބަޖެޓް ސަޕޯޓް ހޯދަން ބޭރުގައި ސަލާން ޖަހަން ނުޖެހި ވަގުތީ ގޮތުން ފަރުޖައްސާ ލެވޭނެ އެެވެ. މީގެ އިތުރުން، ސިޔާސީ ގޮތުން ފައިދާ ކުރާނެ މަޝްރޫއުތައް ވެސް ހިންގަ އެވެ. އެހެންވެ، ދުވަސްކޮޅަކަށް ވިޔަސް، ކޮންމެވެސް ބައެއްގެ ތާއީދު ލިބޭނެ އެވެ. އިންތިހާބާ ދިމާކޮށް މިކަން ކުރުން އިތުރު ވަނީ މިހެންވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން: އިއުލާން ނުކޮށް ރިސޯޓު ހަދަން ރަށްތައް ދެވޭ ގޮތަށް މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފައި.-- ފޮޓޯ: މަޖިލިސް

އެކަމަކު މިހެން ރަށްތަކާއި ފަޅުތަކާއި ބިންތައް ބަހާލުމުގެ އިގްތިސާދީ ގެއްލުން ބޮޑެވެެ. އެންމެ ބޮޑު އަސަރެއް ކުރާނީ ޓޫރިޒަމަށެވެ. ރާއްޖޭގެ ޓޫރިޒަމް މިހާ ހިސާބަށް އައީ ވަކި މިންގަނޑުތަކެއް ހިފަހައްޓައިގެންނެވެ. އެކަން ބަދަލުވުމުގެ ކޮޅުމަތި މިހާރު ވެސް މި ދަނީ ފެންނަމުންނެވެ. ޓޫރިސްޓުން އަންނަ ވަރު އިތުރު ވިޔަސް، ޓޫރިޒަމްގައި އޮތީ ބުރަކި ޖެހިފަ އެވެ. ކުރިން އަބަދު ފުރިފައި އޮންނަ ރިސޯޓުތަކުން މިހާރު ކުރަނީ ސީޒަންގައި ވެސް އޮކިއުޕެންސީ ދަށް ވާހަކަ އެވެ. ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ވެސް ކަންބޮޑުވާހާ ދަރަޖަ އަށް މަދުވެއްޖެ އެވެ. އަންނަ މީހުންނަށް ވުރެ އިތުރަށް ތަންތަން ހެދުމުން މިހާރު ހުރި ރިސޯޓުތަކަށް ވެސް ވާނީ ގެއްލުމެވެ.

ސަރުކާރަށް ވެސް މިކަން ވިސްނުނުހެން ހީވި ދުވަސްކޮޅެއް ދިޔަ އެވެ. ރިސޯޓު ހަދަން އިތުުރު ރަށްތައް ދޫނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ދުވަސްކޮޅެއް ކުރިން ވިދާޅުވި އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވެ، ސަރުކާރުގެ ސިޔާސަތު ބަދަލު ކުރަން މި ޖެހުނު ސަބަބެއް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ ސަރުކާރު ފައިސާ އަށް ޖެހިފައިވާ ކަމެވެ. ސިޔާސީ ގޮތުން ކިތަންމެ ބޮޑު އަގެއް ދީގެން ވެސް އެ ފައިސާ ހޯދަން ޖެހިފައިވާ ކަމެވެ. އާއިލީ ގުޅުން ކެނޑޭ ހިސާބަށް ދިޔައަސް ވަރިހަމަ އެވެ.

ދިވެހި ރައްޔިތުންގެ މިލްކެއް ކަމަށްވާ ރަށްތައް ދޭން ޖެހޭނީ އާއްމުކޮށް ހުޅުވާލައިގެންނެވެ. ކިތަންމެ ގިނަ ދުވަހެއް ވިޔަސް، ދިއުޅި ދިގުވިޔަސް، ކޮންމެ ކަމެއް ވެސް ކުރަން ޖެހޭނީ އުސޫލާ އެއްގޮތަށެވެ. ކޮންމެހެން ކަމެއް ގޯހުން ހިނގާތީކީ ނޫނެވެ. އެކަމަކު ވައްކަން ކޮށްފާނެ ކަމުގެ ބިރަށްޓަކައި އެކަހަލަ ޖަރީމާއަކުން ސަލާމަތް ވުމަށެވެ. ކުރިން މިކަހަލަ ކަމެއް ހިނގާފައި ވާތީ އެފަދަ ފިޔަވަޅުތައް އަދި މާ ބޮޑަށް ވެސް ބޭނުންވެ އެވެ. އެކަމަކު މި ވަރުން ދަންޏާ ހަމަ ހަގީގަތުގައި ވެސް ރަށްތަކާއި ފަޅުތައް ހުސްވާނެ އެވެ. ދެން ވާނެ ގޮތް އެނގޭނީ އެ ދުވަސް ޖެހުމުންނެވެ.

3 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 19%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޭމް

30 June 2016

ކޮބާތަ ރައްޔިތުން ހަނާވަނީއޭ ކިޔާފަ ގޮވި މީހުން. ހިނި އަންނަނީ.. ހެހެހެހެހަހަހާ

The name is already taken The name is available. Register?

ދިގުދޫ

30 June 2016

ނަސަންދުރަ އެ ބޮޑު ބިންވެސް މިހާރު އެއޮތީ ޤަވާޢިދުގެ ތެރެއަށް ވަދެފަ. އޮޅިގެން ނިހާނަށް ބުނެވުނީ ތެދެއް. ކުރިންވެސް ހުރީ އިޢުލާންނުކޮށް ދީފަ. މިހާރު މިކުރިކަމަކީ ޤާނޫނެއްގެ ތެރެއަށް ފައްތާލީ. މިއީ ނިހާނަށް ބުނެވުނު އެންމެ ބޮޑު ތެދު. މިހާރު މިކޮށްދިންކަމަކީ ދައުލަތުގެ ވަސީލަތުން ބޮޑުން ވައްކަން ކުރުމަކީ ހުއްދަ ކަމެކޭ ބުނެ އެކަން ކޮށްދިނީ. ދަންނާތި ތިޔަކުރާ ހުރިހާކަމެއް ކަލޭމެންނަށް ނުވެސް އެނގިތިބެ ކަލޭމެންގެ ހަލާކަށް މިންވަރުކުރެއްވުމަށް ﷲ ކުޅަދުންވަންތަވެ ވޮޑިގެންވޭ. ތިޔަ ޕީޕީއެމް މަޖިލިސް މެމްބަރުން ވޯޓް ހޯދަންނާންނާތި. އަހަރެމެން ދޭނެ ވޯޓެއް ތިޔަތާ ތިތިބަ މެމްބަރުންނަކަށް ނެތް. ދަންނާތި ޓީވީއަށް އަރާ ކިތަންމެ ވަރަކަށް ރާއްޖެ ތަރައްޤީ ކުރަންށޭ ގޮވިއަސް ތިޔަވިއްކާލީ ޤައުމު. މިނިވަންކަމުގެ ފޮނިކަން ކޮންކްރީޓް ޖަންގައްޔަކަށް ޤައުމު ހެދިއަކަސް މިނިވަންކަން ވިއްކާލުމުން ނުލިބޭނެ.

The name is already taken The name is available. Register?

ޖޖޖޖޖ

30 June 2016

އަލިރަސްގެފާނު ޝަހީދު ކޮށްލެވުނު ރެޔާ ޕޯޗް ގީޒުން ރާއްޖެ އެރި ރެޔާ ހޮޅިން ރާއްޖެ އައި ދުވަހާ ރާއްޖޭގެ ރައްތައް ވިއްކާ ބަހަން ފާސްކުރި ދުވަހާ މީ ހައްތާ އެއްދުވަސް ގެއްލުނީ މިނިވަންކަން. ރައްޔިތުންގެ. އެރައްޔިތުންގެ މުދަލަކަށް ގައުމަކަށް ހިންގޭނެ ބާރެއް ނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454